Roadha Mihaaru
ފަސްޓް ނެޝަނަލްއަށް ސެކިއުރިޓީ ޑީލާ ލައިސަންސް ލިބިއްޖެ

ފަސްޓް ނޭޝަނަލް ކުންފުންޏަށް ސެކިއުރިޓީ ޑީލާ އާއި އިންވެސްޓްމެންޓް އެޑްވައިޒާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރ 2021

ސީއެމްޑީއޭ އިން ދޫކުރާ އިންވެސްޓްމެންޓް ލައިސަންސާއި ސެކިއުރިޓީ ޑީލާ ލައިސަންސް އެއްފަހަރާ ލިބުނު ފުރަތަމަ ކުންފުންޏަކަށް ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސީއެމްޑީއޭ އިން ދޫކުރާ އިންވެސްޓްމެންޓް ލައިސަންސާއި ސެކިއުރިޓީ ޑީލާ ލައިސަންސް އެއްފަހަރާ ލިބުނު ފުރަތަމަ ކުންފުންޏަކަށް ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ވެއްޖެ އެވެ.

ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ މި ކުންފުނީގެ ސީއީއޯ އަދި ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، މިއީ ކުންފުނީގެ މަސައްކަތް ފެށުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ލައިސެންސާ އެކު ލީޑް މެނޭޖާ ސާވިސަސް އާއި އެސްއޯއީތަކަށް ބޭނުންވާ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާއި ލީގަލް މަސައްކަތްތަކުގެ އިތުރުން ޑެޓް މެނޭޖްކޮށްދިނުމުގެ ހިދުމަތްވެސް ދޭނެ ކަމަށެވެ. އަދި ފަންޑް ރެއިޒްކޮށް ބޮންޑް ވިއްކުމުގެ ޕްރޮސެސް ކުރިއަށް ގެންދަނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ސަރުކާރަށް ވެސް މިފަދަ ކަންކަމުގައި އެޑްވައިޒް ދެވޭނެ ފަދަ ކުންފުންޏަކަށް ހަދާނަން. ކުންފުނި ތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ސޭވިން ބޭނުންކޮށްގެން ފައިދާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެން ކިޔައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ހިއްސާގެ ބާޒާރުގެ ކަންކަން މެނޭޖްކޮށްދިނުމުގެ އިތުރުން އެ ކުންފުނިން އިންވެސްޓްމަންޓްތަކަށް ސޮލިއުޝަން ވެސް ހޯދައިދޭނެ އެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިޔަފާރިތަކުގެ ފައިދާ ކުރިއަށް އޮތް ޖީލުތަކަށް ގެންދެވޭނެ ފަދަ ގޮތަކަށް މާލީ ހާލަތު މެނޭޖްކުރާނެ ގޮތް ކިޔައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ފަސްޓް ނޭޝަނަލްގެ ތަސައްވުރަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް ކުރިއެރުން ގެނެސް، ދިވެހި އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުމެވެ. އަދި މިކަމުގެ ތެރެއިން ވިޔަފާރީގެ ބައިވެރިންނަށް އިތުރު މާލީ ފުރުސަތުތަކާއި މަންފާ ހޯދައިދިނުމެވެ. މި ކުންފުނީގެ 60 ޕަސެންޓަކީ ކުންފުނީގެ މަސްއޫލުވެރިންގެ ހިއްސާ އެވެ. އަދި ބާކީ 40 ޕަސެންޓަކީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން، ހޮވާލެވޭ އިންވެސްޓަރުންނަށް ވިއްކާ ހިއްސާ އެވެ.