Roadha Mihaaru
މި މޮޅު ހާއްސަކުރަނީ ސަޕޯޓަރުންނަށް: އާޓެޓާ

މި މޮޅު ހާއްސަކުރަނީ ސަޕޯޓަރުންނަށް: އާޓެޓާ

27 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ޓޮޓެންހަމް ބަލިކޮށް ހޯދި މޮޅު ހާއްސަކުރަނީ ސަޕޯޓަރުންނަށް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ޓޮޓެންހަމް ބަލިކޮށް ހޯދި މޮޅު ހާއްސަކުރަނީ ސަޕޯޓަރުންނަށް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އާސެނަލް އިން ރޭ ޓޮޓެންހަމް ބަލިކުރީ 3-1 އިންނެވެ. އާސެނަލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ޖަހައިދިނީ އެމީލް ސްމިތު ރޯވް އާއި ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަދި ބުކާޔޯ ސަކާ އެވެ. ޓޮޓެންހަމުން ސުން ކަނޑުވާލީ ދެވަނަ ހާފުގައި ސޮން ހެއުން މިން ޖެހި ގޯލުންނެވެ.

"މިއަދު މި ފެނުނީ އަހަރެމެންގެ ގާބިލް ކަމުގެ އެއް މިސާލު. މިއީ ވަރަށް އުފާވެރި ދުވަހެއް،" ނޯތު ލަންޑަން ޑާބީ މެޗްގެ ކާމިޔާބީ ސަޕޯޓަރުންނަށް ހާއްސަކުރަމުން އާޓެޓާ ބުންޏެވެ.

"މި މޮޅު ހާއްސަކުރާނީ ސަޕޯޓަރުންނަށް. އަހަރެމެންނަށް ސަޕޯޓް ބޭނުންވާ ވަގުތު ސަޕޯޓަރުން އަބަދު ވެސް ތިބޭ. މިހާރު މިދަނީ ސަޕޯޓަރުންނާ ދެމެދު މިއޮތް ގުޅުން އިތުރަށް ވަރުގަދަކުރަމުން."

އާސެނަލް އިން މިސީޒަން ފެށީ ދަށްކޮށެވެ. ލީގު ފުރަތަމަ ތިން މެޗުން ވެސް ބަލިވިއިރު މެންޗެސްޓާ ސިޓީ އަތުން 5-0 އިން ބަލިވިއިރު ޗެލްސީ އާއި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން އާސެނަލް ބަލިވީ 2-0 އިންނެވެ. އެއަށް ފަހު ރޭގެ މޮޅާއެކު އާސެނަލް ވަނީ ލީގުގެ ތިން ބައްޔަށް ފަހު ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއާއެކު ކުޅުނު ހަ މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު އާސެނަލް ވަނީ ތާވަލުގެ 10 ވަނައަށް ޖެހިލައިފަ އެވެ.

ޓޮޓެންހަމް މި ސީޒަނުގައި ލީގުގެ ފުރަތަމަ ތިން މެޗު ކާމިޔާބު ކުރި ނަމަވެސް ފަހު ތިން މެޗުން ވެސް އެޓީމް ވަނީ ބަލިވެފަ އެވެ. ޕޮއިންޓާއި ފައިދާ ގޯލު ވެސް އާސެނަލްއާ އެއްވަރަށް ލިބިފައި ވީނަމަވެސް ޓޮޓެންހަމް އެއް ދަރަޖަ ފަހަތުގައި އޮތީ ޖެހި ގޯލު މަދުވީމަ އެވެ.