Roadha Mihaaru
ރަސްފަރީ ފަރަށް ބޯޓު އެރުމުން ބޮޑު ސަރަަހައްދެއް ހަލާކު

ރަސްފަރީ ފަރަށް ބޯޓު އެރުމުން ބޮޑު ސަރަަހައްދެއް ހަލާކު!

26 ސެޕްޓެމްބަރ 2021

އާގު ބޯޓު އެރުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ކ. ރަސްފަރީ ފަރުގެ ހެކްޓަރެއްހާ ސަރަހައްދަށް ގެއްލުންވެފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އާގު ބޯޓު އެރުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ކ. ރަސްފަރީ ފަރުގެ ހެކްޓަރެއްހާ ސަރަހައްދަށް ގެއްލުންވެފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ 623 ފޫޓުގެ ބިޔަ އާގު ބޯޓު ރަސްފަރީ ފަރަށް އެރީ އޮގަސްޓް 19 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ 10 ދުވަސް ފަހުންނެވެ. އޭރު ވެސް ފަރުގެ މުރަކަތައް ފުނޑުފުނޑުވެ، ބޮޑެތި ގެއްލުންތަކެއް ހުރީ ލިބިފަ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ، ފަރަށް ލިބިފައިވާ ގެއްލުން ބަލަން ހެދި ސާވޭ ނިމިފައިވާއިރު، ލިބިފައިވާ ގެއްލުން ވެސް ހިސާބުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަދަދުތައް އޭނާ ހާމަައެއް ނުކުރެއްވި އެވެ.

ނައީމް ވިދާޅުވީ، ބޯޓު ފަރަށް އެރުމުގެ ސަބަބުން، ހިމާޔަތް ކޮށްފައިވާ އެ ފަރުގެ ހެކްޓަރެއްހާ ސަރަހައްދަށް ގެއްލުންވެފައިވާ ކަމަށެވެ. އެތަނުގައި ހުރި އެކި ބާވަތް ބާވަތުގެ މުރަކަތައް ކަމަށް ވެސް ވިދާޅުވި އެވެ.

ގެއްލުންވި މުރަކައިގެ ތެރޭގައި ބޮޑެތި ބްރެއިން ކޮރަލް އާއި އެކި ބާވަތް ބާވަތުގެ ބްރާންޗް ކޮރަލް ހިމެނެ އެވެ.

ނައީމް ވިދާޅުވި ގޮތުގައި އެ ސަރަހައްދު ކުރިން ހުރި ވަރަށް އަނބުރާ އިއާދަވާން އަދި 10 ވަރަކަށް އަހަރު ނަގާނެ އެވެ.

"ގާތްގަނޑަކަށް ހެކްޓަރަކާ ގާތް ކުރޭ ގެއްލުންވި ސަރަހައްދު،" ނައީމް ވިދާޅުވި އެވެ.

"10 ވަރަކަށް އަހަރުން ނަގާނެ ކަމަށް ލަފާ ކުރެވޭ، އަނބުރާ އިއާދަ ވާން."

އީޕީއޭއިން ކޯސްޓްގާޑާ ވެސް ގުޅިގެން ހިންގި ރަސްފަރީގެ ސާވޭ އަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވި އެވެ. ނައީމް ކުރިން ވިދާޅުވި ގޮތުގައި އެތަނުގެ ރާޅު ބޮޑު ކަމުން ޑައިވް ކުރަން ދަތިވި އެވެ.

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލު ހިސާބު ކުރާނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިންނެވެ.

އެ ގަވައިދުގައިވާ ގޮތުން ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ގެއްލުން ވެެގެން ކުރެވެން އޮންނަ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ އެވެ. ޖޫރިމަނާ ކުރުމުގެ އިތުރުން ފަރަށް ލިބުނު ގެއްލުމުގެ މަދަނީ ބަދަލު ހޯދަން ވެސް އީޕީއޭ އަށް ދައުވާ ކުރެވިދާނެ އެވެ. ކަނޑައެޅޭ ޖޫރިމަނާއެއް 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. މަދަނީ ބަދަލު ހޯދަން ދައުވާ ކުރާ އިރު 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ވެސް ހޯދަން ދައުވާ ކުރެވިދާނެ އެވެ.

ޖޫރިމަނާ ކަނޑައަޅާ އިރު، ގެއްލުންވި ސަރަހައްދުގެ ކުޑަބޮޑުމިން ކޮޑިމީޓަރުންނާއި، އަކަމީޓަރުން ބަލާނެ އެވެ. އަދި ގެއްލުންވި ދިރޭ ތަކެތީގެ އަދަދަށް ވެސް ބަލާނެ އެވެ. އަދި ގެއްލުން ލިބުމުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރުމާއި، ލަހުން ރިޕޯޓު ކުރުމާއި ލިޔެކިޔުންތައް ނުދިނުން ފަދަ ކަންކަމަކީ ޖޫރިމަނާގެ އަދަދު އިތުރުވާނެ ކަމެކެވެ.

ބޯޓު އަދިވެސް ރާއްޖޭގައި އޮތް އިރު، ރާއްޖެ ދޫކޮށް ދެވޭނީ 100 މިލިއަން ޑޮލަރުގެ ޑިޕޮޒިޓެއް ބަހައްޓާފައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ އެ ބޯޓަށް އަންގައިފަ އެވެ.