Roadha Mihaaru
މައުމޫން، ފާރިސް އަދި ނާދިރާ އެމްއާރްއެމްގެ ލީޑަޝިޕަށް

ވާދަކުރަން ނުޖެހި މައުމޫން، ފާރިސް އަދި ނާދިރާ އެމްއާރްއެމްގެ ލީޑަޝިޕަށް

25 ސެޕްޓެމްބަރ 2021

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑާޝިޕަށް، އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ހޮވިއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑާޝިޕަށް، އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ހޮވިއްޖެ އެވެ.

ޕާޓީގެ ފުރަތަމަ ކޮންވެންޝަން އަންނަ މަހުގެ ދެ ވަނަ ދުވަހު އޮންލައިންކޮށް ބާއްވަން ނިންމައި، ޕާޓީގެ އިސް މަގާމުތަކާއި ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓު އެމްއާރްއެމް އިން އާންމުކޮށްފައިވާއިރު، ޕާޓީގެ އެންމެ އިސް ތިން މަގާމަށް ބޭފުޅުން ހޮވިފައި ވަނީ އިންތިހާބަކާ ނުލައި އޮޓޯއިންނެވެ.

އިންތިހާބަކާ ނުލައި މައުމޫން ހޮވި ވަޑައިގަތީ ޒައީމްގެ މަގާމަށެވެ. އެ މަގާމަށް އެ މަނިކުފާނު ފިޔަވައި އިތުރު ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. މައުމޫން ވަނީ މީގެ ކުރިން ޑީއާރްޕީގެ ޒައީމްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

އެހެން މީހަކު ކުރިމަތިލާފައި ނުވާތީ މައުމޫންގެ ދަރިކަލުން ފާރިސް ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ވެސް ހޮވިފަ އެވެ. އަދި ޕާޓީގެ ނައިބު ރައީސް އަންހެން، ގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތިނުލައްވާތީ ނާދިރާ ވެސް ވަނީ އެ މަގާމަށް ހޮވިފަ އެވެ.

އެންމެ އިސް މަގާމުތަކުގެ ތެރެއިން ވާދަވެރި އިންތިހާބެއް އޮންނާނެ ކަމަށް ބެލެވެނީ ޕާޓީގެ ނައިބު ރައީސް ފިރިހެންގެ މަގާމަށެވެ. އެ މަގާމަށް ވާދަ ކުރައްވަނީ މޯލްޑިވް ގޭހުގެ އެމްޑީކަން ކުރައްވާ ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އެވެ.

ކުރިން ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ފާރިސް އެމްއާރްއެމްގެ ރައީސް ކަމަށް ހޮވިފައިވާއިރު، އޭނާ އެނބުރި ސިޔާސީ މަސައްކަތަށް ވަޑައިގެންފައި މި ވަނީ ސިޔާސީ މައިދާނާ ވަރަށް ގިނަ ދުވަހު ދުރުގައި ހުންނެވުމަށް ފަހު އެވެ. އޭނާ ސިޔާސީ މަސައްކަތާ ދުރުވީ، މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއަށް ފަހު އެވެ.

މައުމޫންގެ ދަރިކަލުންގެ ތެރެއިން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަކީ ވެސް އެމްއާރްއެމްގެ މެމްބަރެކެވެ. ޕާޓީގެ ވަގުތީ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޔުމްނާ މިފަހަރު ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމައްޗެއް ނުލައްވަ އެވެ.

ނާދިރާ އަކީ ޕީޕީއެމް ބައިބައިވި އިރު، ރައީސް މައުމޫން ފެކްޝަންގެ އިސް ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވެ، ފަހުން އެމްއާރްއެމް އުފެއްދުމުން އެ ޕާޓީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ މައުމޫންގެ ގާތް މީހެކެވެ.

އެމްއާރްއެމްއަކީ މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ޕާޓީ އެވެ. މީގެ ކުރިން އެ މަނިކުފާނު އުފައްދަވާފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމް އެވެ.