Roadha Mihaaru
އެހެން ޕާޓީތައް ކުރިއަރަނީ ފިތުނަ އުފައްދައިގެން:ފާރިސް

އެހެން ޕާޓީތައް ކުރިއަރަނީ ފިތުނަ އުފައްދައިގެން: ފާރިސް

26 ފެބުރުއަރީ 2023

އެހެން ސިޔާސީ ޕާޓީތައް ކުރިއަރުވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކަމަށާއި އެކަމަކު އެމްއާރުއެމުން އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެހެން ސިޔާސީ ޕާޓީތައް ކުރިއަރުވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކަމަށާއި އެކަމަކު އެމްއާރުއެމުން އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރައްވާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ރާނބާ ރެސްޓޯރަންޓްގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެމްއާރުއެމްގެ މެމްބަރުން ނޫން މީހުންގެ ހައްގުތަކެއް ވެސް ހުންނާނެ ކަމަށާއި އެމްއާރުއެމަކީ ހުރިހާ ދިވެހިންގެ މަސްލަހަތު ދަމަހައްޓާނެ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޕާޓީ އަށް ސޮއިކުރީމައޭ ކިޔާފައި ވަކި ވަޒީފާ އަކަށް ފޮނުވާނެ ބައެއް ނޫން. ސޮއި ނުކޮށްފިއްޔާ މި ފުރުސަތެއް ހޯދައެއް ނުދޭނަމޭ. އެހެން ބުނާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެކި ޕާޓީތަކުން އަބަދު ވެސް ދައްކަނީ އެ ޕާޓީގެ މީހުންނަށް ވަޒީފާ ހޯދައިދޭ ނުވަތަ ވަކި ކަމެއް ކޮށްދޭ ވާހަކަ ކަމަށެވެ. ގެންގުޅެނީ ވަކި އެޖެންޑާއެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ވައުދަކީ އެއީ ކަމަށް ހީވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ހުށަހެޅުންތަކެއް ހުށަހަޅައިގެން ނުވަތަ ޕާޓީއަށް ވަދެއްޖިއްޔާ ވަކި ގޮތްތަކެއް ވާނޭ ކަމަށް ކިޔައިގެން މީހުން އިތުރުކުރާކަށް އެމްއާރުއެމުން ބޭނުން ނުވާ ކަމަށެވެ.

ފާރިސް އެހެން ވިދާޅުވިއިރު، އެމްއާރުއެމްގައި ކިރިޔާ 3،000 މެމްބަރުން ހަމަވާތީ ބައެއް މީހުންގެ ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިސްޓުގައިވާ ގޮތުން އެމްއާރުއެމްގައި މި ވަގުތު ތިބީ 2،981 މެމްބަރުންނެވެ.

ފާރިސް ވިދާޅުވި ގޮތުގައި އެމްއާރުއެމްއަށް ސޮއި ކުރީމައޭ ކިޔާފައި ވަކި ވަޒީފާއަކަށް ނުފޮނުވާނެ އެވެ. ނުވަތަ ޕާޓީއަށް ސޮއިކުރުމުން އެންސްޕާ ނޫނީ އާސަންދައަށް ގުޅާފައި އެ ވެނި ކަމެއް ކޮށްދޭށޭ ނުވަތަ ފުރުސަތެއް ހޯދައި ނުދޭނެއޭ ނުބުނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެން ބުނާނެ ޕާޓީއެއް ނޫން މިއީ. ބުނާނެ އެންމެންނަށް ހަމަހަމަ އުސޫލުން ކަންތައް ކޮށްދެވޭނެ ސިޔާސީ ޕާޓީއެއް ގައުމަށް ބޭނުންވޭ. އަދި އަޅުގަނޑުމެންނަށް ނުފެނޭ ހޯދައިދެވޭ ވަރުގެ ޕާޓީއެއް. އެ ވަރުގެ ޕާޓީއަކަށް ވާން އަޅުގަނޑުމެން ބޭނުންވަނީ،" ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެރިގެން 3،000 މެމްބަރުންނާ ހިސާބުގައި މި ތިބެނީ. ކޮންމެހެން ނުޖެހޭ އިތުރު ހުށަހެޅުންތަކެއް ހުށަހަޅައިގެން، މި ޕާޓީއަށް ވަދެއްޖިއްޔާ ގޮތްތަކެއް ވާނެއޭ ކިޔައިގެން މީހުން އިތުރުކުރާކަށް ބޭނުމެއް ނުވޭ."

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ވިދާޅުވީ، ރާއްޖޭގައި ވޯޓުލެވޭ މީހުންނާ ގާތަށް ވެސް ސިޔާސީ ޕާޓީތަކަށް އަދި ސޮއި ނުކުރާ ކަމަށެވެ. އެ ގޮތަށް ޕާޓީތަކަށް ނުވަދެ ތިބީ ސިޔާސީ ޕާޓީތަކުގައި އުޅެން ބޭނުން ނުވާތީ އަދި ސިޔާސީ ޕާޓީތައް އަމަލުކުރާ ގޮތަށް ނޫނެކޭ ބުނާތީ ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވަނީ ސިޔާސީ ކަންކަމުގައި ނޫޅޭ މީހުންގެ މަސްލަހަތު ނަގަހައްޓާ މީހުންނާއި ރައްޔިތުންގެ ތެރެއިން ސިޔާސީ ހަޑި މުޑުދާރު ކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ މީހާގެ ހައްގު ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ.

އެހެން ޕާޓީތަކުން އިންތިހާބުގައި ވާދަކުރާ ގޮތަށް 20،000-30،000 މެމްބަރުން އެ ޕާޓީތަކުގައި އެބަތިބި ކަމަށާއި ވަޒީފާ ދޭނީ އަދި އަޑުއަހާނީ އެ މީހުން ބުނާ އެއްޗެހި އެކަނި ކަމަށް ކިޔައިގެން ގައުމު ތަރައްގީއެއް ނުވާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން ކުރާ ކަމަކުން ރީއްޗަށް ސާފުކޮށް ދަންނަވާލާނަން. ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި އެއް ބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކުރިއެރުން ހޯދުން،" އޭނާ ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރުމަށް ގޮވާލައި އެމްއާރުއެމަށް ތާއިދުކުރާ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފަ އެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އޭނާ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.