Roadha Mihaaru
ޝަކުވާތަކާ ހެދި އެމްއެމްސީގެ އިންތިހާބު ފަސްކޮށްފި

ޝަކުވާތަކާ ހެދި އެމްއެމްސީގެ އިންތިހާބު ފަސްކޮށްފި

01 ޑިސެމްބަރ 2016

މާދަމާ ބާއްވަން ނިންމި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ އެ އިންތިހާބު ހޯމް މިނިސްޓްރީން މިރޭ ފަސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާދަމާ ބާއްވަން ނިންމި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ އެ އިންތިހާބު ހޯމް މިނިސްޓްރީން މިރޭ ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިރޭ ބުނީ އިންތިހާބާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކަކުން ޝަކުވާ ހުށަހަޅަމުންދާތީ އާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާތަކެއް ހުށަހަޅާފައި ވުމާއެކު، ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ.

"އަދި މި އިންތިހާބު ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ވާހަކަ ދެންނެވިން،" އިންތިހާބުގެ ކެންޑިޑޭޓުންނާއި އޮބްޒާވަރުންނާއި މަންދޫބުންނަށް ހޯމް މިނިސްޓްރީން ފޮނުވި އެސްއެމްއެސްއެއްގައި ވެ އެވެ.

އިންތިހާބު ފަސްކުރިއިރު، އެ އިންތިހާބަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން، ގާނޫނުގައި ކަނޑއަަޅާފައިވާ އަދަދަށް ވުރެ މަދުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ނަން ހުށަހެޅުއްވި މައްސަލައެއް ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އިންތިހާބު ފަސްކުރުމަށް އޭސީސީން ސީދާ ހޯމް މިނިސްޓްރީ އަށް ނާންގާ ކަމަށް އެނގިފައިވެ އެވެ. އޭސީސީން ނިންމާފައި ވަނީ، ކޮމިޝަނަށް މަގުފަހިވާ ފަދަ ކަމެއް، އިންތިހާބު ބޭއްވުމާ ގުޅޭ ކަންކަމުގައި ނެތް ކަމަށެވެ. އެކަމަކު އެމްއެމްސީގެ ގާނޫނާ ފުށުނާރާ ގޮތަށް ކަންކަން ކުރިއަށް ގެންދަން އޭސީސީން އެދުނު ކަމަށް ވެ އެވެ.

މީޑިއާ ކައުންސިލަށް މީޑިއާތަކުން ކުރިމަތިލި މީހުން:

1- ފަޔާޒް ޔޫސުފް- ޕީއެސްއެމް

2- މުހައްމަދު ނިޔާޒް- ޗެނަލް 13

3- އަޒްމީ އަލީ- އެމްވީސްޕޯޓްސް

4- އަހުމަދު ރިފާއު- ވީމީޑިއާ

5- މުހައްމަދު އައުޒަމް- އަލްކައުން

6- މުހައްމަދު ހަމްދޫން- މިހާރު

7- އަހުމަދު މުޖުތަބާ- ސަން މީޑިއާ

8- އިބްރާހިމް މުހައްމަދު- އެމްވީޓީވީ ޗެނަލް

9- މުހައްމަދު އީމާން- އަރާމަގުޑޮޓްކޮމް

10- މުހައްމަދު ފަޒީން- ރާއްޖެ ޓީވީ

11- މިސްބާހު އައްބާސް- ވީއެފްޕީ

12- ހުސެއިން ރަޝީދު- އައިސްޓީވީ

13- އާދަމް ޒާހިރު- އަނގޮޅި މަޖައްލާ

14- އަބްދުލް މުއީދު ހަސަން- ބަހުރު މަޖައްލާ

15- އިބްރާހިމް ފައުޒީ- ޑިސްކަވާ އިސްލާމް

16- އަހުމަދު އާޒިފް- ހިތާދޫ އޮންލައިން

17- ހަސަން ޝާކިރު މުހައްމަދު- އަސްދަނޑި މަޖައްލާ

މީޑިއާ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި މީހުންގެ ތެރެއިން ހޯމް މިނިސްޓަރު ކަނޑައެޅުއްވި ލިސްޓް:

1- އައިޝަތު ޝަފާހަތު އިއްޒަތު- ގ. ގޮފި

2- ހުސެއިން މުހައްމަދު ހަނީފް- ހ. ވަލަންޖް

3- ޝައުފާ ހުސެއިން- ފެހިވާގެ/ސ. މަރަދޫ

4- މަރިޔަމް ހަލީލް- އަލިފަރުދާގެ/ގއ. މާމެންދޫ

5- އާމިނަތު ރުޝްމާ/ހ. މޮސްކޯގެ

6- މުހައްމަދު އާޒިމް އަބްދުލް ހާދީ- މއ. ކެކުރި

7- މަރިޔަމް ލީނާ އަލީ- މ. މޯނިންވިލެޖް

8- އާމިނަތު ޝާނީ- މ. މެދުރިޔާ

9- އަހުމަދު އަބީރު އިސްމާއިލް- ދަފްތަރު ނަމްބަރު ރސ 4753

10- އާފިޔާ އަބްދުލް އަޒީޒް- ދަފްތަރު ނަމްބަރު ރސ 8946

11- އަންވަރު އިބްރާހިމް- މަންޒިލް/ބ. އޭދަފުށި

12- އަސްއަދު ޝަރީފް- މއ. ލޮޓަސް

އެމްއެމްސީގައި ހިމެނެނީ މީޑިއާތަކުން ހޮވާ އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިިން ނަގާ ހަތް މެމްބަރުންނާ އެކު ޖުމްލަ 15 މެމްބަރުންނެވެ. އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން 14 މީހެއްގެ ނަން އިންތިހާބަށް ފޮނުއްވަން ޖެހިވަޑައިގަންނަވަނީ އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން ހޯމް މިނިސްޓަރަށެވެ. އެކަމަކު މިފަހަރުގެ އިންތިހާބަށް އާންމުންގެ ތެރެއިން ހޯމް މިނިސްޓްރީން ފޮނުވީ 12 މީހެއްގެ ނަމެވެ. އިންތިހާބަށް އާންމުންގެ ތެރެއިން 16 މީހަކު ކުރިމަތިލި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ އާންމުންގެ ތެރެއިން 12 ނަން އިއުލާންކުރީ އެމްއެމްސީގައި މިހާރު އިންނަވާ އާއްމު އެއް މެމްބަރެއްގެ މުއްދަތު ހަމަނުވާތީ، އިންތިހާބުގައި އާންމުންގެ ތެރެއިން އިންތިހާބުކުރަން ޖެހެނީ ހަ މީހުން ކަމަށް ވާތީ ކަމަށެވެ. "ގާނޫނުގައި އޮންނަނީ ހަތް މެމްބަރުން އިންތިހާބު ކުރުމަށް 14 މީހެއްގެ ނަން ފޮނުވަން. އެކަމަކު މިހާރު ހަ މީހަކު އިންތިހާބު ކުރަން ޖެހޭތީ އަޅުގަނޑުމެން ނިންމީ އޭގެ ބަދަލުގައި 12 ނަމެއް ފޮނުވަން،" ތޮލާލް ވިދާޅުވި އެވެ. އެކަމަކު އިންތިހާބަށް ކުރިމަތިލި ބައެއް މީހުން ބުނާ ގޮތުގައި ހޯމް މިނިސްޓްރީން އިއުލާންކުރަން ޖެހޭނީ 14 ނަމެވެ. އެއީ ކޮންމެހެން ހަތް މީހަކު ހޮވަން ޖެހޭތީ ކަނޑައަޅާފައި އޮންނަ އަދަދެއް ނޫން ކަމަށް ވެސް އެ މީހުން ބުނެ އެވެ. "ގާނޫނުގައި އޮންނަ އަދަދަކަށް މީހުންގެ ނަން ދިނުމަކުން އުފެދޭނެ އެހެން މައްސަލައެއް ނޯންނާނެ،" އިންތިހާބަށް ކުރިމަތިލި މީހަކު ބުންޏެވެ.