Roadha Mihaaru
ފައިޒާ ވެކްސިން 5-11 އަހަރުގެ ކުދިންނަށް ރަނގަޅު

ފައިޒާ ވެކްސިން 5-11 އަހަރުގެ ކުދިންނަށް ވެސް ރަނގަޅު

21 ސެޕްޓެމްބަރ 2021

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަން ވިލާތުގެ ބަޔޯއެންޓެކް ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ވެކްސިނަކީ ކުޑަކުދިންނަށް ވެސް ރަނގަޅު ވެކްސިނެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަން ވިލާތުގެ ބަޔޯއެންޓެކް ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ވެކްސިނަކީ ކުޑަކުދިންނަށް ވެސް ރަނގަޅު ވެކްސިނެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފައިޒާގެ ކޮވިޑް ވެކްސިން މިހާތަނަށް ބޭނުން ކުރަމުން އައީ 12 އަހަރުން މަތީގެ ކުދިންނަށާއި މީހުންނަށެވެ. ނަމަވެސް ފައިޒާ ކުންފުނިން މިއަދު ބުނި ގޮތުގައި އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައި ވެސް ފައިޒާ ވެކްސިން ވަރަށް ފުރިހަމައަށް ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރެ އެވެ.

އެހެންކަމުން، އެ އުމުރުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ހުއްދަ ހޯދުމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކަށް، މިމަސް ނިމޭ ހިސާބުގައި ހުށަހަޅާނެ ކަމަށް ފައިޒާ ކުންފުނިން ބުންޏެވެ. އޭގެ ކުރިން، އިނގިރޭސި ވިލާތުގެ ކަމާ ބެހޭ އިދާރާތަކަށާއި ވިލާތުގެ އިއްތިހާދުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް، މިވެކްސިންގެ ހުއްދައަށް އެދި ހުށަހަޅަން އެ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ފައިޒާ ވެކްސިނަކީ ކުޑަކުދިންނަށް ވެސް ރަނގަޅު ވެކްސިނެއް ކަމަށް އެކުންފުނިން މި ހާމަކުރީ، ކޮވިޑް ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ އެކްޓިން ކޮމިޝަނަރު ޖެނެޓް ވުޑްކޮކް ވިދާޅުވި ގޮތުގައި، ފައިޒާ ކުންފުނިން އެކަމަށް އެދި ހުށަހެޅުމުން، ހަމަޖެހިފައި އޮންނަ އިޖުރާއާތުގެ ދަށުން، އެ ވެކްސިނަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. ވެކްސިނާ ބެހޭ ގޮތުން ފައިޒާ ކުންފުނިން ހުށަހަޅާ ލިޔުންތައް ބަލައި ދިރާސާ ކުރުމަށް ފަހު، ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމަށް ތިން ހަފުތާވަރު ހޭދަވާނެ އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ވެސް، ގިނަ އަދަދެއްގެ ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ އިރު، އެކުދިންނަށް ދޭނެ ވެކްސިނެއް ނެތުމުން ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުޑަކުދިންނަށް ދޭ ކޮވިޑް ވެކްސިން ހުންނާނީ، ބޮޑެތި މީހުންނަށް ދޭ ވެކްސިނަށް ވުރެ ބާރު ދަށްކޮށްފަ އެވެ. އަދި އުމުރުން 5-11 އަހަރުގެ ކުދިންނަށް ދޭނީ 10 މައިކްރޯގްރާމްގެ ދެ ޑޯޒެވެ. ކުޑަކުދިންގެ ހަށިގަނޑުގައި ފައިޒާގެ ކޮވިޑް ވެކްސިން މަސައްކަތް ކުރާ މިންވަރު ބެލުމަށް ކުރި ތަހުލީލުތަކުން އެނގުނު ގޮތުގައި، އެ މިންވަރަށް ވެކްސިން ދިނުމުން، ޒުވާނުންގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފައްދައިދޭ މިންވަރަށް ކުޑަކުދިންގެ ހަށިގަނޑުގައި ވެސް ކޮވިޑްގެ ދިފާއު އުފައްދައިދެ އެވެ.

ކޮވިޑް ވެކްސިން ޖެހުމުން ކުޑަކުދިންގެ ހަށިގަނޑުން ވެސް ފެންނަނީ، ބޮޑެތި މީހުންގެ ހަށިގަނޑުން ފެންނަ ސައިޑް އިފެކްޓްތައް ކަމަށްވާ، ވެކްސިން ޖަހާ ތަން ދުޅަވުމާއި، ހުން އައުމާއި، ގައިގައި ރިއްސުން ފަދަ ކަންކަމެވެ.

ވިލާތުގެ އެއްވެސް ގައުމެއްގައި، އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް މިހާތަނަށް، އެއްވެސް ބާވަތެއްގެ ކޮވިޑް ވެކްސިނެއް ނުޖަހަ އެވެ. ނަމަވެސް ކިއުބާގައި އުފެއްދި ވެކްސިނެއް މިހާރު އަންނަނީ އެ ގައުމުގެ ދެ އަހަރުން މަތީގެ ކުދިންނަށް ޖަހަމުންނެވެ.

އޭގެ އިތުރުން ޗައިނާ އިން އުފެއްދި ދެ ވެކްސިނެއް، އުމުރުން ތިން އަހަރުން މަތީގެ ކުދިންގެ ގަޔަށް ޖެހުމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ކޮވިޑް ޖެހުމުން ކުޑަކުދިންގެ ހަށިގަނޑުން މާ ގިނަ އަލާމާތްތަކެއް ނުފެނެ އެވެ. އަދި ބަލީގައި ހާލު ބޮޑުވާ ނިސްބަތް ވެސް ވަރަށް ދަށެވެ. އެމެރިކާގައި އެކަނި ވެސް ފަސް މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އެމެރިކާގައި ކުޑަކުދިންނަށް ކޮވިޑް ޖެހޭ ނިސްބަތް މަތިވާން ފެށީ، ކޮވިޑް ޖައްސާ ޑެލްޓާ ބާވަތުގެ ވައިރަސް އެ ގައުމުގައި ފެތުރެން ފެށި ފަހުންނެވެ.