Roadha Mihaaru
ކޮވިޑް ވެކްސިންގެ ދިފާއު ހަ މަސް ފަހުން ދަށަށް ދޭ

ކޮވިޑް ވެކްސިންގެ ދިފާއު ހަ މަސް ފަހުން ދަށަށް ދޭ

26 އޯގަސްޓް 2021

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ އެންމެ މަޝްހޫރު ދެ ވެކްސިން ކަމަށްވާ ފައިޒާ އާއި އެސްޓްރާޒެނެކާ ވެކްސިނުން ލިބިދޭ ރައްކާތެރިކަން، އޭގެ ދެ ވަނަ ޑޯޒް ޖަހާތާ ހަ މަސް ފަހުން، ހަށިގަނޑުން އޭގެ ދިފާއު ދަށްވާން ފަށާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ އެންމެ މަޝްހޫރު ދެ ވެކްސިން ކަމަށްވާ ފައިޒާ އާއި އެސްޓްރާޒެނެކާ ވެކްސިނުން ލިބިދޭ ރައްކާތެރިކަން، އޭގެ ދެ ވަނަ ޑޯޒް ޖަހާތާ ހަ މަސް ފަހުން، ހަށިގަނޑުން އޭގެ ދިފާއު ދަށްވާން ފަށާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގައި ހެދި މި ދިރާސާގެ މައުލޫމާތު މި އާންމުވީ، އެ ދެ މަރުކާގެ ވެކްސިން ޖަހާފައިވާ މީހުންގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއީ އިތުރުކުރުމުގެ ގޮތުން، ތިން ވަނަ ޑޯޒެއް ޖެހުމަށް ބައެއް ސިއްހީ މާހިރުން ގޮވާލަމުން އަންނަ ދުވަސްވަރެއްގަ އެވެ. ވިލާތުގެ ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަނީ ވެސް މި ދެ މަރުކާގެ ކޮވިޑް ވެކްސިނެވެ.

ފައިޒާ އާއި ބަޔޯއެންޓެކް ކުންފުނިން އުފެއްދި ފައިޒާ ވެކްސިން އެންމެ ފުރަތަމަ ބާޒާރަށް ނެރުމަށް ފަހު ބުނެފައިވަނީ، ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، 88 ޕަސެންޓަށް ކޮވިޑްގެ ދިފާއު ހަށިގަނޑުގައި އުފައްދައިދޭ ކަމަށެވެ. ނަމަވެސް އޭގެ ފަހުން، ޒިއޯ ކޮވިޑް ސްޓަޑީގެ ފަރާތުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ފައިޒާ ވެކްސިނުން ހަށިގަނޑުގައި ދިފާއު އުފައްދައިދޭ ނިސްބަތަކީ 74 ޕަސެންޓް ކަމަށެވެ.

ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ގައުމުތަކުން މަސައްކަތް ކުރަނީ އެ ދިރާސާތަކުގެ ނަތީޖާއަށް ބަލައިފަ އެވެ.

އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރަން ފެށި ދުވަސްވަރު ބުނެފައިވަނީ، އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، 77 ޕަސެންޓަށް ކޮވިޑްގެ ދިފާއު ހަށިގަނޑުގައި އުފައްދައިދޭ ކަމަށެވެ. ނަމަވެސް މިފަހަރުގެ ދިރާސާގައި ބުނެފައިވަނީ، އެސްޓްރާޒެނެކާގެ ދެ ވަނަ ޑޯޒް ޖަހާތާ 4-5 މަސް ތެރޭގައި، ހަށިގަނޑުން ކޮވިޑްގެ ދިފާއު 67 ޕަސެންޓަށް ދަށަށް ދާ ކަމަށެވެ.

މިދިރާސާތައް ހަދާފައިވަނީ، އިނގިރޭސި ވިލާތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1.2 މިލިއަން މީހުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ބޭނުންކޮށްގެންނެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނެފައިވަނީ، ވެކްސިނުން އުފައްދައިދޭ ދިފާއީ ބާރު ހަށިގަނޑުން ދަށްވާން ފެށުމަކީ، އެ ވެކްސިން ޖެހުން ހުއްޓައިލަންވީ ސަބަބެއް ނޫން ކަމަށެވެ. އެ ވެކްސިން ބޭނުން ކުރަން ފެށިއިރު ވެސް، އެ ގޮތަށް މެދުވެރިވާނެ ކަމަށް ލަފާކުރެވުނު ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

"އެ ވެކްސިނުން އަދިވެސް، ގިނަ މީހުންގެ ހަށިގަނޑުގައި ވަރަށް މަތީ މިންވަރަކަށް ކޮވިޑްގެ ދިފާއު އުފައްދައިދޭ. ވަކިން ހާއްސަކޮށް ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ހަށިގަނޑުގައި ރަނގަޅު ނިސްބަތަކަށް ދިފާއު އުފައްދައިދޭ. އެހެންވީމާ، އަދިވެސް މަސައްކަތް ކުރަންވީ ވީހާ ގިނަ ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން،" މި ދިރާސާގެ އިސް ސައެންސްވެރިޔާ، ލަންޑަންގެ ކިންގްސް ކޮލެޖްގެ ޕްރޮފެސަރު ޓިމް ސްޕެކްޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދައި ބޭނުންކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ދިފާއުކޮށްދޭ ނިސްބަތް ދަށް ވެކްސިންތަކަކީ ވެސް، އެ ބޭނުންކުރުމުން، ކޮވިޑް ޖެހިގެން ހާލުބޮޑުވާ ނިސްބަތް ވަރަށް ދަށް ކޮށްދޭ ވެކްސިންތަކެއް ކަމަށެވެ.

ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެނި، ވަބާއެއްގެ ގޮތުގައި މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19، މިހާތަނަށް 214 މިލިއަން މީހުންނަށް ޖެހިފައިވާ އިރު، އޭގެ ތެރެއިން 4.4 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.