Roadha Mihaaru
ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން އެދިއްޖެ

މުސާރައިގެ މައްސަލަ: ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސީއެސްސީން އެދިއްޖެ

20 ސެޕްޓެމްބަރ 2021

ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެ އެވެ.

ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލަ ހޫނުވެފައި މި ދަނޑިވަޅުގައި، ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އެ ޝަކުވާތައް ހިއްސާ ކުރުމަށް އޮފީހުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުންޏެވެ.

ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން ސީއެސްސީން އެދުނުއިރު، އެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އިއްޔެ ކަޅު ހެދުމުގައި ހަމަ ހިމޭންކަމުގެ އިހުތިޖާޖެއް ކޮށް، މިއަދު ބައެއް އޮފީސްތަކުގެ ދޮރުގައި ވަނީ ހިދުމަތް ނުދޭ ދުވަހެއް ކަން އަންގައިދޭ ލިޔުން ތަތްކޮށްފަ އެވެ. އެހެންވެ، ބައެއް އޮފީސްތަކުން މިއަދު ހިދުމަތެއް ވެސް ނުދެ އެވެ.

އެ ހަރަކާތްތަކުގައި އިސްނެގީ ފޭސްބުކްގައި ހަރަކާތްތެރިވާ "ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން" ނަމަކަށް ކިޔާ ގްރޫޕެކެވެ.

ސީއެސްސީން ބުނިގޮތުގައި، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެއް ނޫނެވެ. އެހެންވެ، ވަކި ބައެއް ކަން ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުން އަމަލު ނުކުރުމަށް ވެސް އެ ކޮމިޝަނުން އެދެ އެވެ.

"ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ ދޮރު އަބަދު ވެސް ހުޅުވިފައި ހުންނަ ހިނދު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ނަސޭހަތްތެރިވަމެވެ،" ބަޔާނުގައި ވެ އެވެެ.

ސީއެސްސީން ވަނީ ސިވިލް ސާވަންޓުން މެދުވެރިކޮށް ސަރުކާރުން ހިދުމަތްތައް ދިނުމުގައި ހުރިހާ މުވައްޒަފުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މުވައްޒަފުންގެ ތަރައްގީ އާއި ކުރިއެރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.

އިހުތިޖާޖުކުރާ ސިވިލް ސާވަންޓުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައި ދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ.

މުސާރައިގެ ކަންބޮޑުވުންތަކާ ގުޅިގެން ޕޭ ކޮމިޝަނުން މިއަދު ބުނީ މުވައްޒަފުންގެ މުސާރައިގެ ފަރަގު އަންނަ އަހަރު ނައްތައިލެވޭނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް އެއް ހަމައެއްގައި މުސާރަ ދޭ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.