Roadha Mihaaru
ލުބުނާން އޮތީ ވަރަށް ބޮޑު ކާރިސާއެއްގައި

ލުބުނާން އޮތީ ވަރަށް ބޮޑު ކާރިސާއެއްގައި

20 ސެޕްޓެމްބަރ 2021

ސިޔާސީ ހަމަނުޖެހުންތަކާއި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން، ލުބުނާން މިއަދު ފެންނަނީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ނުފެންނަ ވަރުގެ އިންސާނީ ކާރިސާއެއްގެ ތެރޭގައި ތާށިވެފައި އޮތް މަންޒަރުކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން، ލުބުނާން މިއަދު ފެންނަނީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ނުފެންނަ ވަރުގެ އިންސާނީ ކާރިސާއެއްގެ ތެރޭގައި ތާށިވެފައި އޮތް މަންޒަރުކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ވިދާޅުވެއްޖެ އެވެ.

ލުބުނާންގެ ހާލަތު ބައްލަވައިލެއްވުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު ޓެޑްރޯސް ވިދާޅުވި ގޮތުގައި، މީގެ ކުރިން މެދުއިރުމަތީގެ ސިއްހީ ހިދުމަތުގެ މައި މަރުކަޒެއްގެ ގޮތުގައި ފެނުނު ލުބުނާން މިހާރު އޮތީ، ސިއްހީ ނިޒާމު ބޮއްސުންލާފައި އޮތް ފަގީރު ގައުމެއްގެ ގޮތުގަ އެވެ. ގިނަ ހޮސްޕިޓަލުތަކުގެ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން، އެތަންތަނުން ދެވެން ހުރި ހިދުމަތްތަކުގެ ދެ ބައިކުޅަ އެއްބައި ހިދުމަތް ވެސް ނުދެވޭ ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލުތަކުގައި ސިއްހީ ހިދުމަތް ދެވެން ނެތުމުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން މިހާރު ވަނީ ލެބަނަން ދޫކޮށް ބައެއް އެހެން ގައުމުތަކަށް ބަދަލުވެފަ އެވެ.

"އެކި ދާއިރާތަކުން ހާއްސަވެފައި ތިބި ޑޮކްޓަރުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓް ޑޮކްޓަރުންނާއި ރަޖިސްޓަޑް ނަރުހުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް ނަރުހުން މިހާރު ވަނީ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތަށް ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައި. ހަމައެކަނި މިއަދު ވެސް، ހޮސްޕިޓަލުގެ އިންޖީނު ހިންގޭ ވަރަށް ތެޔޮ ނެތުމުގެ ސަބަބުން، ހޮސްޕިޓަލުގައި ކަރަންޓު ނެތުމާ ގުޅިގެން ހިތުގެ ދެ އޮޕަރޭޝަނެއް ކެންސަލް ކުރަންޖެހިއްޖެ. އެންމެ އަސާސީ ބޭސްތަކާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ބައެއް ބޭސްތައް ވެސް ވަރަށް މަދުވެއްޖެ. ބޭރު ފައިސާ ލިބުން ދަތިވުމުން، ބޭސްވެރިކަމުގެ ސާމާނުތައް އިމްޕޯޓް ކުރެވޭނެ ގޮތެއް ވެސް ނެތް،" ޓެޑްރޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސީރިޔާގެ އެއް މިލިއަން ރެފިއުޖީންނާ އެކު ޖުމްލަ ހަ މިލިއަން މީހުންގެ އާބާދީއެއް މިހާރު ދިރިއުޅޭ ލުބުނާނަށް، އިންސާނީ އެހީތެރިކަން ވަރަށް އަވަހަށް ބޭނުންވެ އެވެ. އޭގެ އިތުރުން އެ ގައުމުގެ ތަރައްގީ ކުރުމުގައި ވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުބުނާންގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ސިއްހީ ނިޒާމުގެ އިތުރުން އާންމު ކާބޯތަކެތި ލިބުން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ގިނަ ފިހާރަތަކުގެ ގިނަ ހަރުތައް ވެސް މިހާރު ހުހަށް ހުންނަތާ އެތައް މަހެއް ވެއްޖެ އެވެ. ޕެޓްރޯލާއި ޑީސަލް ލިބުން ދަތިވުމުން އެއްގަމު ދަތުރުފަތުރު ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފަ އެވެ.

ލުބުނާންގެ ވެރިރަށް ބައިރޫތުގެ ވިޔަފާރި ބަނދަރުގައި ގަވާއިދާ ހިލާފަށް ރައްކާކޮށްފައި ހުރި ކެމިކަލްތަކެއް، މިދިޔަ އަހަރުގެ އޮގަސްޓް 4 ވަނަ ދުވަހު ގޮވި ހާދިސާއާ ގުޅިގެން، އާންމުންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާ ހެދި ލުބުނާންގެ ސަރުކާރު އިސްތިއުފާ ދިނެވެ. އެ ހާދިސާގައި 214 މީހަކު މަރުވެ 6،500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ބެއިރޫތުގެ ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި ސަރުކާރެއް އެކުލަވައިނުލެވި އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އާ ސަރުކާރެއް އެކުލަވައިލެވުނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ބޮޑުވަޒީރު ނަޖީބު މީގާތީގެ އާ ސަރުކާރުން، ލުބުނާންގެ އިގްތިސާދު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އާންމު ރައްޔިތުންގެ މެދުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ތެލުގެ ބާވަތްތައް ލިބުން ދަތިވެފައިވުމެވެ.