Roadha Mihaaru
ލުބުނާން އޮތީ އިޖްތިމާއީ ކާރިސާއެއްގެ ތުންފަތް މަތީގައި

ލުބުނާން އޮތީ އިޖްތިމާއީ ކާރިސާއެއްގެ ތުންފަތް މަތީގައި

06 ޖުލައި 2021

ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން އިގްތިސާދު ހީނަރުވެ، މުޅި ގައުމު މިހާރު އޮތީ އިޖްތިމާއީ ބޮޑު ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށް، ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ހައްސާން ދިޔާބް ވިދާޅުވެއްޖެ އެވެ.

ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން އިގްތިސާދު ހީނަރުވެ، މުޅި ގައުމު މިހާރު އޮތީ އިޖްތިމާއީ ބޮޑު ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށް، ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ހައްސާން ދިޔާބް ވިދާޅުވެއްޖެ އެވެ.

ވެރިރަށް ބައިރޫތުގައި ހުންނަ ޑިޕްލޮމެޓިކް އޮފީސްތަކުގެ ވެރިންނާއި އެމްބެސެޑަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ހައްސާން ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމައުން ލުބުނާނަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްނުދީފި ނަމަ، ދާދި އަވަހަށް އިޖްތިމާއީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށެވެ. އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ލުބުނާން ފައިސާގެ އަގު ވެއްޓި، ގޭހާއި ތެލުގެ ބާވަތްތައް އަގު ބޮޑުވުމުގެ ސަބަބުން، ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ވަގުތީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ މާ ބޮޑު އެހީތެރިކަމެއް ނުލިބެ އެވެ. އޭނާ ވިދާޅުވީ ސިޔާސީ މައްސަލަތަކުގެ ސަބަބުން އާ ސަރުކާރެއް އެކުލަވައިނުލެވި އޮތުމުން، ލުބްނާނަށް އެހީތެރިވާން ގައުމުތަކުން ދެކޮޅު ހަދާއިރު، އެކަމުގެ ހުރިހާ ގެއްލުމެއް ލިބެނީ ލުބުނާން ރައްޔިތުންނަށް ކަމަށެވެ.

ލުބުނާންގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައި އޮތުމުން، އެ ގައުމަށް އެހީތެރިކަމެއް ފޯރުކޮށްނުދޭ ނަމަ، އެކަމުން ނުރައްކާ ވަނީ ލުބްނާންގެ އާންމު ރައްޔިތުންގެ ފުރާނަ އަށް ކަމަށް ވެސް ވަގުތީ ބޮޑުވަޒީރު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން މެދުވެރިކޮށް، ދުނިޔޭގެ އެކި ގައުމުތަކުގެ ރަސްރަސްކަލުންނަށާއި އަމީރުންނަށާއި ރައީސުންނަށް އަދި އަވަށްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކުގެ ވެރިންނަށާއި އދ. މަޖިލީހަށާއި ބައިނަލްއަގުވާމީ ހުރިހާ ޖަމާއަތްތަކަށް އަޅުގަނޑު މި ގޮވައިލަނީ، ލުބްނާން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދީ، ލުބްނާން ބަނގުރޫޓު ވިޔަނުދީ ސަލާމަތްކޮށްދިނުމަށް،" ވަގުތީ ބޮޑުވަޒީރު ހައްސާން ދިޔާބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް، މިހާރުގެ ވަގުތީ ސަރުކާރަކަށް ނެތެވެ. އެ މަޝްވަރާތައް ކުރެވޭނީ ދެން އެކުލަވައިލާ އާ ސަރުކާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުބްނާނުގެ އިގްތިސާދު ދުވަހުން ދުވަހަށް ދަށަށް ދާއިރު، އެ ގައުމުގައި ސަރުކާރެއް ގާއިމުނުކުރެވި ސިޔާސީ ބައިބައިވުންތަކުގެ ތެރޭގައި އޮންނަތާ ވެސް މިހާރު ދެ އަހަރު ވަނީ އެވެ. ލުބްނާންގެ ބޮޑުވަޒީރު ސައުދު ހަރީރީގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، 2019ގެ އޮކްޓޫބަރު މެދުތެރޭގައި އާންމު ރައްޔިތުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، ހަރީރީ އިސްތިއުފާ ދެއްވީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ވެސް، އާ ބޮޑުވަޒީރަކު އައްޔަންކުރެވެންދެން މަގާމުގައި ދެމި ހުންނެވުމަށް ރައީސް މިޝޭލް އައުންގެ އެދިވަޑައިގަތުމުގެ މަތިން، ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި، ޖެނުއަރީ 21، 2020 ގެ ނިޔަލަށް ހުންނެވި އެވެ. އޭގެ ފަހުން އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ހައްސާން ދިއާބު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން، އޮގަސްޓް 10، 2020އާ ހަމައަށް އެ މަގާމުގައި ހުންނެވި އެވެ.

ބައިރޫތުގެ ބަނދަރުގައި ހުރި ކެމިކަލް ގުދަން ގޮވުމުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ދިއާބު އިސްތިއުފާ ދެއްވުމަށް ފަހު، އާ ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ، މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު އަނެއްކާ ވެސް ސައުދު ހަރީރީއާ މަތިކުރެވުނެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ ތާއީދެ ގާނޫނު ހަދާ މަޖިލީހުން ހޯދިފައެއް ނުވެ އެވެ.