Roadha Mihaaru
ބޭރޫތު: މުޒާހަރާކުރާ މީހުން ފޮރިން މިނިސްޓްރީ ހިފައިފި

ލުބުނާނުގައި މުޒާހަރާ އަށް ނުކުތް މީހުން ފޮރިން މިނިސްޓްރީ ހިފައިފި

08 އޯގަސްޓް 2020

ބޭރޫތު (އޮގަސްޓް 8) - ބޭރޫތުގައި އަންގާރަ ދުވަހު ކެމިކަލް ގުދަނެއް ގޮވި މައްސަލައިގައި ހިތްހަނުޖެހުން ފާޅުކުރަން ބޭރޫތުގެ މަގުތަކަށް މިއަދު ނުކުތް މީހުން ފޮރިން މިނިސްޓްރީ އަށް ވަދެ އެތަން ހިފައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (އޮގަސްޓް 8) - ބޭރޫތުގައި އަންގާރަ ދުވަހު ކެމިކަލް ގުދަނެއް ގޮވި މައްސަލައިގައި ހިތްހަނުޖެހުން ފާޅުކުރަން ބޭރޫތުގެ މަގުތަކަށް މިއަދު ނުކުތް މީހުން ފޮރިން މިނިސްޓްރީ އަށް ވަދެ އެތަން ހިފައިފި އެވެ.

ކެމިކަލް ގުދަން ގޮވައިގެން ވަނީ 158 މީހުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ސަލާމަތީ ފިޔަވަޅުތައް ދޯދިޔާވުމުގެ ސަބަބުން ގުދަން ގޮވުމުން ރައްޔިތުންގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުރިން ރާވައިގެން ބޭއްވި މުޒާހަރާ އަށް ނުކުތް މީހުންނާއި ފުލުހުންނާ މެދު ވަނީ ކުރިމަތިލުންތައް ހިނގައިފަ އެވެ. ބޭރޫތުގެ މެދުތެރޭގެ "ޝަހީދުންގެ މައިދާނުން" ބަޑީގެ އަޑު އިވުނު ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ގޮވާފައި ވަނީ ގުދަންކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ. އެ ކެމިކަލް ގުދަނުގައި ހުންނަތާ ހަ އަހަރުވެއްޖެ އެވެ. ސަރުކާރުން ވަނީ އެކަމުގައި ޒިންމާވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފަ އެވެ.

މުޒާހަރާ ކުރާ މީހުން ފުލުހުންނާ ކުރިމަތިލަނީ. --ފޮޓޯ:އޭއެފްޕީ

މުޒާހަރާ ކުރާ މީހުން ފުލުހުންނާ ކުރިމަތިލަނީ. --ފޮޓޯ:އޭއެފްޕީ

"ގެއްލުން ލިބުނު ސަރަހައްދު ސާފުކޮށް، ކުނިތައް އުކާލުމަށް ފަހު މިއީ އަހަރެމެންގެ ރުޅިވެރިކަން ހާމަކުރާ ވަގުތު،" މުޒާހަރާގައި ބައިވެރިވި 28 އަހަރުގެ ފަރީސް ހަލަބީ ބުންޏެވެ.

ބެރިކޭޑްތައް ފަޅާލުމަށް ފަހު މުޒާހަރާގެ ބައިވެރިން ދާން އުޅުމުން ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. ބައެއް މީހުން ވަނީ ފުލުހުންނާ ދިމާލަށް ގާ ވެސް އުކައިފަ އެވެ.

ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވަނީ ގުދަން ގޮވި ހާދިސާ ބައިނަލްއަގުވާމީ ތަޖްރިބާކާރުން ބޭނުންކޮށްގެން، ތަހުގީގު ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ގުދަން ގޮވީ، ގުދަނުގެ ބޭރުން ބަޔަކު ކަމެއްކޮށްގެންތޯ (މިސާލަކަށް ބޮމެއް އެއްލައިގެންތޯ) ތަހުގީގު ކުރާނީ ލުބުނާނުގެ ތަޖްރިބާކާރުން ކަމަށެވެ.

ގުދަން ގޮވި ހާދިސާއާ ގުޅިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލުބުނާނުގެ ކަސްޓަމްސްގެ ޑިރެކްޓަރު ޖެނެރަލް ބަދްރީ ދާހިރު ހިމެނެ އެވެ.