Roadha Mihaaru
އިންތިހާބު ފަސްކުރުން އީސީން އިސްތިއުނާފް ކުރަނީ

އިންތިހާބު ފަސްކުރި މައްސަލަ އީސީން އިސްތިއުނާފް ކުރަނީ

01 ޑިސެމްބަރ 2016

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަސްދުވަސް ފަސް ކުރަން ސިވިލް ކޯޓުން މިއަދު ކުރި އަމުރު އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަސްދުވަސް ފަސް ކުރަން ސިވިލް ކޯޓުން މިއަދު ކުރި އަމުރު އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބަށް ހާއްސަކޮށްގެން، ބާ ޖަމާލުއްދީން އިމާރާތުގައި ގާއިމުކޮށްފައިވާ އިންތިހާބީ މަރުކަޒުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މައްސަލަ ވީ އެންމެ އަވަހަކަށް އިސްތިއުނާފް ކުރުމުގެ މަސައްކަތް އެ ތަނުގެ ލީގަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ.

އީސީން ބުނީ މިއަދު ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހެޅޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންތިހާބު ދެ މަހަށް ފަސް ކުރަން ކޯޓުން އަމުރު މި ކުރީ، ފަސް ކޮށްފި ނަމަ، ގާނޫނުގައި ބުނާ މުއްދަތުގައި އެއްވެސް އިންތިޚާބެއް ބާއްވަން ލާޒިމް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފައި ވަނިކޮށެވެ.

ކޮމިޝަނުން ކޯޓުގައި ބުނެފައިވަނީ އިންތިޚާބު ފަސްކޮށްފި ނަމަ އެ ކޮމިޝަނުން އިންތިޚާބަށް ކުރި ޚަރަދުތައް ބޭކާރުވާނެ ކަމަށާއި ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނިންމަން ޖެހޭނެ ކަމަށެވެ. އެ މައްސަލައިގެ ތެރެ އަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީ އަދި އަދާލަތު ޕާޓީން ވެސް ވަނީ ތަދައްޚުލްވެ، އިންތިޚާބު ފަސް ކުރުމާ ދެކޮޅަށް ވަކާލާތު ކޮށްފަ އެވެ.

އީސީން މިކަން އިސްތިއުނާފް ކުރަން ހުށަހެޅުމުން، އިންތިހާބު ބޭއްވުން އަނެއްކާ ވެސް ދިގު ދެމިގެން ހިނގައިދާނެތޯ ސުވާލު ކުރުމުން އަމްޖަދު ވިދާޅުވީ މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ކޯޓުން ރިއާޔަތްކޮށް، ގޮތެއް ނިންމައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަނުން އަދިވެސް މަސައްކަތް ކުރަމުން ދަނީ، ކުރިން ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވޭތޯ އެވެ.

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީ އަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދުމުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ގާނޫނުގައި ލާޒިމް ކުރާ މުއްދަތަށް ވުރެ ފަހުން އިންތިޚާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ހުކުމް އިއްވަވަމުން ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިޚާބަށް ތައްޔާރުވުމުގެ ފުރުސަތު އެ ޕާޓީ އަށް ގެއްލިފައިވާ ކަމަށެވެ. އެ ޕާޓީ އަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިޚާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާޒީ އަލީ ވިދާޅުވި އެވެ.