Roadha Mihaaru
ޕީޕީއެމްގެ ބޮޑު ޖަލްސާ ފަސްކޮށްފި

ޕީޕީއެމްގެ ބޮޑު ޖަލްސާ ފަސްކޮށްފި

04 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ބޮޑު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ބޮޑު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި "ހޭވައްލާ"ގެ ނަމުގައި ބާއްވާ އެ ޖަލްސާ އަކީ ސިޔާސީ ގޮތުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާ އެވެ. އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް މިރޭ ވިދާޅުވީ "ހޭވައްލާ" ޖަލްސާ ފަސްކުރީ، އިންތިހާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން ފަސްކޮށް، އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމާ ގުޅިގެން ކަމަށެވެ.

"ޖަލްސާ މިހާރު މި ވަނީ ފަސްކޮށްފައި. އެކަމަކު، ދެން ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަން،" އޭނާ ވިދާޅުވި އެވެ.

އޭޕްރީލް އަށެއްގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރީލް 15 އަށް ފަސްކޮށްފަ އެވެ. މިއީ އެ އިންތިހާބު ފަސްކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 14 ގައި އެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ޕީޕީއެމް އިން އެދިގެން ނެރެދިން ކޯޓު އަމުރެއްގެ ދަށުން އިންތިހާބު އޭޕްރީލް މަހަށް ފަސްކުރީ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އެކި ރަށްރަށުން މީހުން ބައިވެރިވާ މި ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ވަރަށް ފުރިހަމަ އަށެވެ. އެ ގޮތުން، ރާއްޖޭގެ ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން ޝަރަފްވެރިކޮށްދެއްވާ މި ޖަލްސާގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ.

ޕީޕީއެމުން ބުނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ގޮތުގައި 500 އަށް ވުރެ ގިނަ މީހުން ވާދަ ކުރާއިރު، ޕީޕީއެމަށް ތާއީދު ކުރާ ބައެއް މީހުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވެސް އިންތިހާބުގައި ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރާ ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި ޑީއާރުޕީން ވެސް އިންތިހާބުގައި ވާދަ ކުރާތީ މި އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.