Roadha Mihaaru
އެމްއެންޕީ ރަޖިސްޓަރީ ކުރަން ހުށަހަޅައިފި

5،000 މީހުންގެ ސޮޔާއެކު އެމްއެންޕީ ރަޖިސްޓަރީކުރަން ހުށަހަޅައިފި

15 ސެޕްޓެމްބަރ 2021

"ގައުމީ ފިކުރު" ގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ގައުމީ ފިކުރު" ގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުގެ ބައެއް ހިންގާ ބާޖަމާލުއްދީންގެ ހޯލުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް، 5،000 އަށް ވުރެ ގިނަ މެންބަރުންގެ ސޮޔާ އެކު އެ ޕާޓީން ހުށަހަޅާ ފޯމުތައް ހަވާލުކޮށްފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރަކާއެކު، އެމްއެންޕީ އުފައްދާކަން އިއުލާނުކުރީ މިދިޔަ ޖުލައި މަހު އެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ރަށްރަށްރަށް ދަތުރުކޮށް، އެ ޕާޓީ ރަޖިސްޓަރީކުރަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް މެމްބަރުން ވަނީ ހޯދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ ސައްހަ 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް 5،000 ސޮޔާ އެކު ފޯމު ހުށަހަޅަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

މިއަދުގެ ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ފިކުރުގެ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް އެހެން ޕާޓީތަކާ ތަފާތު ޕާޓީއަކަށް ވާނެ ކަމަށާއި އެ ޕާޓީގެ އެއްވެސް މަގާމަކަށް އިންތިހާބަކާ ނުލައި މީހަކު އައްޔަން ވެސް ނުކުރާނެ ކަމަށެވެ. އެ ޕާޓީގެ ކަންކަން ކުރިއަށް ދާނީ ޑިމޮކްރެޓިކް ހަމަތަކާ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"މިއަދަކީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހަށް ވާއިރު، މި ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ޕާޓީއެއް. މި ޕާޓީގެ ހުރިހާ ކަމެއް ވެސް ހިންގަމުން ދާނީ ޑިކޮމްރަސީގެ އެންމެ ފުރިހަމަ މިސާލާ އެއް ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއެންޕީގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ފަސް އަހަރުގެ ދެ ދައުރަށް ވުރެ އިތުރަށް މަގާމެއްގައި ނުހުންނެވޭނެ އެވެ.

އެމްއެންޕީ އުފެއްދުމުގެ މަގުސަދަކީ ދިވެހިންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމަ އަށް ހާސިލު ކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހުތިޔާރާއި އަދި ހައްގުތައް ބޭނުންކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އެމްއެންޕީން ބުނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންހާ އަވަހަކަށް އެ ޖަލްސާ ބާއްވާއި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ޕާޓީ އަށް 10،000 މެންބަރުން ވެސް ހަމަކުރާނެ ކަމަށެވެ.

ހިތްހަމަނުޖެހުމެއް އޮތް ކަން އެނގިފައެއް ނެތް

އެމްއެންޕީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަނިކޮށް، އެ ޕާޓީއާ އެކު ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ވަނީ ޕާޓީއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެއީ ނިލަންދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް 5،000 ސޮޔާ އެކު ފޯމު ހުށަހަޅަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް 5،000 ސޮޔާ އެކު ފޯމު ހުށަހަޅަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

އެ ދެ މެމްބަރުން ޕާޓީއާ ދުރަށް ވަޑައިގަންނަވަން ނިންމެވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވައި، ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެ ހަމައިގެ މަތިން އެ ޕާޓީއާ ގުޅިވަޑައިގަތުމާއި ދުރަށްވަޑައިގަތުމުގެ އިހުތިޔާރު މެމްބަރުންނަށް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހިޔާލު ތަފާތުވުމުގެ ތެރޭގައި ވެސް ތިބެވޭ ބައެއް. އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްހަމަނުޖެހުމެއް އޮތް ކަމަކަށް އަޅުގަނޑަށް އެނގިފައެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އެ ބޭފުޅުން އެނބުރި ވަޑައިގަންނަވާނެ ކަމަށް."

މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް ވަޑައިގަންނަވަން ނިންމެވުމުން ނާޒިމާއެކު މިހާރު ތިއްބަވާނީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ ތިން މެމްބަރެކެވެ. އެއީ ނާޒިމްގެ އިތުރުން އަނެއް ފައުންޑިން މެމްބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ.

އެ ޕާޓީއާ ދުރަށްވަޑައިގަންނަވަން ނިންމެވި ސަބަބެއް ކަމަށް މުހުސިން ވިދާޅުވީ، އެމްއެންޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުއްމީދާ އެކު އަދި އެ ގޮތަށް ވާހަކަތައް ވެސް ދައްކައިގެން ކަމަށެވެ. އެކަމަކު، މިއަދާ ހަމަ އަށް ވެސް އެކަން އެ ގޮތަށް ކުރިއަށް ނުދާ ކަމަށެވެ.

މި ނިންމުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ އޭނާ އަކީ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރެއް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކަށް "ދެގޮތެއް ނުވެ" ތާއީދު ކުރައްވާ ކަމަަށެވެ. އޭގެ އިތުރުން، އޭނާގެ ކަންބޮޑުވުމަކަށްވީ ފަސް ބޭފުޅަކު ގުޅިގެން އުފައްދަން މަސައްކަތް ފެށި އެމްއެންޕީ އަކީ "ނާޒިމްގެ ޕާޓީ" ކަމަށް މީޑިއާ އިން ކިޔާތީ ކަމަށް ވެސް ވިދާޅުވި އެވެ.