ފާއިތުވި ތިން އަހަރު ދުވަހަށް ބަލައި، އެކުލަވައިލި މަސްތުވާތަކެތީގެ "މާސްޓާ ލިސްޓު"ގައި 3،300 އަށް ވުރެ ގިނަ ދިވެހިން ހިމެނޭ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ބުނެފި އެވެ. މާސްޓަ ލިސްޓުގައި ހިމެނެނީ ޑްރަގްސް އަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނާއި މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންނެވެ.
15 ސެޕްޓެމްބަރ 2021
ފާއިތުވި ތިން އަހަރު ދުވަހަށް ބަލައި، އެކުލަވައިލި މަސްތުވާތަކެތީގެ "މާސްޓާ ލިސްޓު"ގައި 3،300 އަށް ވުރެ ގިނަ ދިވެހިން ހިމެނޭ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ބުނެފި އެވެ. މާސްޓަ ލިސްޓުގައި ހިމެނެނީ ޑްރަގްސް އަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނާއި މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންނެވެ.
ފުލުހުން އެހެން ބުނީ، "ޗޭންޖް އެންޑީއޭ 2020"ގެ ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީ އާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލް ހިމެނޭ ގޮތަށް ކަމާބެހޭ ގިނަ އިދާރާތައް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.
މަސްތުވާތަކެތީގެ "މާސްޓާ ލިސްޓުގައި ހިމެނޭ މީހުންނަކީ ފަރުވާ ބޭނުންވާ މީހުން ކަމަށް ފުލުހުން ބުނެފައިވާއިރު، އެފަދަ މީހުންނަށް ފަރުވާ ދެވޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ކަމާ ބެހޭ ބޭފުޅުން ފާހަގަކުރެއްވި އެވެ. އެފަދަ ފަރުވާދޭ ސެންޓަރުތަކުގައި އެކަށީގެންވާ ވަސީލަތް ނެތްކަން ވެސް ޕެޓިޝަން ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރަން މީގެ ކުރިން ނުކުރާ ވަރަށް މިދިޔަ ދެ އަހަރު ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ވެސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް 1،022 މީހަކު މަގުމަތިން އަތުލައިގަނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ޓަނެއްހާ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ފަސް އަހަރުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ގާތްގަނޑަކަށް 8،937 މީހުން ތަފާތު މަސްތުވާތަކެއްޗާ ގުޅުން ހުރި، ތަފާތު އެކި ބާވަތްބާވަތުގެ ކުށްތަކާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެނެވިފައިވޭ،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް މިދިޔަ އަހަރުތަކުގައި އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. ސީޕީ ހަމީދު ކޮމިޓީ އަށް ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، 2019 ވަނަ އަހަރު އަލަށް 493 މީހަކު މަސްތުވާތަކެތި ބޭނުންކުރަން ފަށާފައިވާއިރު، 2020 ގައި އަލަށް 516 މީހަކު އެ ވަބާގައި ޖެހިފައި ވެ އެވެ.
ސީޕީ ވިދާޅުވީ، ފާއިތުވި ތިން އަހަރަށް ބަލައި މަސްތުވާތަކެތީީގެ "މާސްޓާ ލިސްޓް" އެކުލަވާލާފައިވާ ކަމަށާއި އެ ލިސްޓުގައި 3،348 ދިވެހިން ހިމެނޭ ކަމަށެވެ. އަދި އެއީ މުޅިން ވެސް ޑްރަގް ފަރުވާ ބޭނުންވާ މީހުން ކަމަށް ވިދާލުވި އެވެ.
ޑްރަގް ޓްރެފިކިންގެ ވެސް ވަރަށް ގިނަ މައްސަލަތަކެއްގެ ތަހުގީގު ނިންމައި ޝަރީއަތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރެއިން 19 ޕަސެންްޓުގެ ކޭސް މި ވަނީ ޝަރީއަތުން ގޮތެއް ނިމިފައި، 81 ޕަސެންޓުގެ ކޭސް އަދިވެސް ހުރީ ޝަރީއަތް ނުކުރެވި ނުވަތަ އޭގެ ގޮތެއް ނުނިމި،" ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުމުގެ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އެޅޭ ތަން އަދި ނުފެންނަ ކަމަށެވެ.
ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށް ވާއިރު، އެ ވަބާ އިން އަރައިގަނެވޭނެ ވަރު މަސައްކަތް ކުރެވޭނެ ގާބިލު މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންވެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"މިއީ މާ ބޮޑު ކަމެއް ކޮވިޑަށް ވުރެ. ބިރުގަންނަ ހިސާބުގައި އުޅޭ ކަމެއް މި ކަމަކީ" ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗަށް މީހުން ދެވިހިފުން ހައްލު ނުކުރެވިގެން އުޅެނީ އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް އަދިވެސް ނޭނގޭތީ ކަމަށް އެންޑީއޭ ސްޓްރަކްޗާ ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ނަސީމް މިއަދު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ކްރިިމިނަލް ޖަސްޓިސް ސިސްޓަމާއި އެ ކަމުގައި ޝާމިލުވާ އެހެން އިދާރާތަކުގެ ވެސް ދައުރު އޮވެގެން ނޫނީ ހައްލު ނުކުރެވޭނެ ކަމެކެވެ.
"ޑްރަގް ކޯޓަށް މިދިޔަ ތިން އަހަރު ހުށަހަޅާފައި ހުރި 2،449 މީހުންގެ ތެރެއިން ކޯޓުން ހުކުމެއް ކޮށްފައި އޮތީ އެންމެ 399 މީހުންނަށް،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ނަމަވެސް އެ ތަފާސްހިސާބުތަކުގެ ބަދަލުގައި މުހިންމީ އެކަށީގެންވާ ގޮތެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ބޭނުންކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކި އަތޮޅުތަކުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތައް އެނގޭ ކަމަށާއި އެހެންކަމުން ބަލަން ޖެހޭނީ ބޮޑަށް ރިސޯސް އެލޮކޭޓް ކުރަންވީ ކޮން ދިމާލަކަށްތޯ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނީ މި ރިސޯސް އެލޮކޭޝަން ރަނގަޅަށް ބަލައިގެން ކޮން ދިމާއަކަށްތޯ ހިދުމަތްތައް ދޭންވީ، ކޮން ދިމާލަކުންތޯ މަދުވަނީ ބަލައިގެން އެ ކަމަށް އެ މަގަށް މަސައްކަތް ކުރަން" ޝަމީމް ވިދާޅުވި އެވެ.
އެގޮތުން ޑްރަގް ކޯޓުގައި 1،723 މީހެއްގެ މައްސަލަ އޮތް އިރު ދާދި ފަހަކާ ޖެހެންދެން ވެސް އެ ކޯޓުގައި އޮންލައިން ޝަރީއަތްތައް ނުބޭއްވޭ ގޮތަށް އޮތުމަކީ އެކަށީގެންވާ ގޮތުގައި ރިސޯސް އެލޮކޭޓް ނުކުރެވުން ކަން ފާހަގަކުރައްވައި ޕީޖީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ރާއްޖޭގައި މިދިޔަ އެއް ހަފުތާ ތެރޭގައި މަސައްކަތް ކުރެއްވި 49 ކޯޓުގައި ޖިނާއީ މައްސަލަ ހިންގެވީ. މާނައަކީ 150 ކޯޓުގައޮ ކަމެއް ނެތި އަތް އުރާލައިގެން ތިއްބަވައިފިއޭ ކްރިމިނަލް މައްސަލަ ނުބާއްވާ،" ޕީޖީ ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ފުލުސް އޮފީހެއް ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންކަމުން ހުރި ވަސީލަތްތައް އެކަށީީގެންވާ ގޮތެއްގައި ބޭނުންކޮށްގެން ނޫނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކަމުދާތަކެތި ޓެސްޓު ނުކުރެވި ޑްރަގް ފަރުވާ ނުދެވޭ
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
ޑްރަގް ސެންޓަރެއް ހަދަން ފުލުހުންނަށް ލާޒިމް ކުރަނީ
ފުވައްމުލަކު ޑްރަގްކޭސް:ތަހުގީގު ފުރިހަމަކުރަން އެދިއްޖެ
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
އެންސީސީއަށް 44 މިލިއަން ދިނުން:ތަހުގީގު އަވަސްކުރަނީ
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ރާއްޖޭގައި ޑްރަގުގައި ނުޖެހޭ ރަށެއް ނެތް: ލުބްނާ
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ