Roadha Mihaaru
ހިޔާއިން އަތުލި ފްލެޓް އެހެން މީހަކަށް ނުދޭން އަމުރެއް

އަތުލި ފްލެޓެއް އެހެން މީހަކަށް ނުދޭން އަންގައިފި

14 ސެޕްޓެމްބަރ 2021

ހިޔާ މަޝްރޫއު އިން ފްލެޓް ލިބިފައި އޮއްވައި ފްލެޓް ގެއްލުނު މީހަކު ދައުވާކުރުމުން، އެހެން މީހަކަށް އެ ފްލެޓް ނުދީ މަޑުޖައްސާލަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިޔާ މަޝްރޫއު އިން ފްލެޓް ލިބިފައި އޮއްވައި ފްލެޓް ގެއްލުނު މީހަކު ދައުވާކުރުމުން، އެހެން މީހަކަށް އެ ފްލެޓް ނުދީ މަޑުޖައްސާލަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަކުރި ސަޕޯޓް ސާވިސް ކެޓަގަރީން މީހަކަށް ފްލެޓް ލިބިފައިވާކަން އަންގާފައިވާ ވަނިކޮށް ފަހުން ސަރުކާރުން ވަނީ އޭނާއަށް ފްލެޓް ނުދޭން ނިންމައިފަ އެވެ. އެ ފްލެޓް ހޯދަން އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ މައްސަލަ ނިމެންދެން އެހެން ފަރާތަކަށް އެ ފްލެޓް ނުދޭން ވަގުތީ އަމުރެއް ނެރެން އެ މީހާގެ ފަރާތުން އެދުނެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައްސަލަ ނިމޭ ގޮތަކުން އެ މީހާއަށް އަލުން ފްލެޓް ދޭން ޖެހިއްޖެ ނަމަ، އެ މީހާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓެއް ދެވޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެއީ އެ މީހާއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި އެހެންވެ، އޭނާއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް އެބައޮތް ކަމަށް އެ ހުކުމުގައިިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތް އޮތުން ތަންފީޒު ކުރަން ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގާ ކަމަށެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

މިއީ ހިޔާ މަޝްރޫއުގެ ފްލެޓެއް ގެއްލުނު މީހެއްގެ މައްސަލާގައި ކޯޓަކުން އެފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުން ހެދުމަށްފަހު އެތަން ހަވާލު ކޮށްފައިވާއިރު، ގިނަ ބަޔަކު މިހާރު ދަނީ އެތަނަށް ބަދަލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފަށައިފަ އެވެ.