Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!

ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!

15 ސެޕްޓެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް އަލުން އިވެލުއޭޓްކުރުމަށް ފަހު މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާއްމުކުރި ހަތަރު ކެޓަގަރީގެ ލިސްޓަށް 3،068 ޝަކުވާ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް އަލުން އިވެލުއޭޓްކުރުމަށް ފަހު މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާއްމުކުރި ހަތަރު ކެޓަގަރީގެ ލިސްޓަށް 3،068 ޝަކުވާ ހުށަހަޅައިފި އެވެ.

ފްލެޓް ކޮމިޓީން އިއުލާންކުރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަގުތީ ލިސްޓެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވީ، މިދިޔަ ހޯމަ ދުވަހެވެ. މި ހަތަރު ކެޓަގަރީގެ ލިސްޓް ގެޒެޓްކުރީ ޔާމީންގެ ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދާއި ފްލެޓް ކޮމިޓީން އަލުން ފޯމުތައް އިވެލުއޭޓް ކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށެވެ. ހަމައެކަނި ލިބުނު ޕޮއިންޓުގެ އަދަދާއެކު ކުރިން ލިސްޓު އާއްމުކޮށްފައި ވިޔަސް މިފަހަރު ލިސްޓު އާއްމުކުރީ މީހުންގެ ވަނަވަރާ ވެސް އެކުގަ އެވެ.

ފްލެޓް ކޮމިޓީއާ ހަވާލާދީ، ރައީސް އޮފީހުން މިރޭ ބުނީ ހަތަރު ލިސްޓަށް އެންމެ ގިނައިން ޝަކުވާ ހުށަހެޅީ ލިބިފައިވާ ޕޮއިންޓާ މެދު ކަމަށެވެ. އަދި އެހެން މީހުންނަށް ލިބިފައިވާ ޕޮއިންޓުތަކަށް ބަލައި 140 ޝަކުވާއެއް ހުށަހަޅާފައިވާ އިރު ޝަރުތު ހަމަނުވާ ލިސްޓުގައި ހިމަނާފައި ވުމުން 57 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އިތުރު ކޮމެންޓްސްގެ ގޮތުގައި ދީފައިވާ މައުލޫމާތާ ގުޅިގެން 85 ޝަކުވާއަކާއި މައުލޫމާތުގައި ކުށެއް އޮވެގެން 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން 278 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.

ލިސްޓުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓު ކޮމިޓީން ވަނީ ފަށައިފަ އެވެ. މި ހަތަރު ކެޓަގަރީގެ ވެސް ދާއިމީ ލިސްޓު އެކުލަވާލާއިރު، އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަމަށް ކޮމިޓީއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.

ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ފޯމުތައް ވަކިވަކިން ބަލައި މާކްސް ދިނީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއަށް ކަނޑައެޅި ޕޮއިންޓް ދިނުމުގެ އުސޫލާ އެއްގޮތަށެވެ. އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް ނިމޭނީ އަންނަ އަހަރު އެޕްރީލަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.