14 ސެޕްޓެމްބަރ 2021
އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެ ގައުމަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމަށްޓަކައި، އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަމަޖެހިފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެ ގައުމަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމަށްޓަކައި، އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަމަޖެހިފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނަށް އެހީވާނެ ފައިސާ ހޯދުމަށް، އެހީދޭ ގައުމުތަކުގެ މެދުގައި ދެ ދުވަހުގެ މުއްދަތަށް، ޖެނީވާގައި ބޭއްވި މަހާސިންތާ އިއްޔެ ނިންމަވާލެއްވުމަށް ފަހު، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އެހީ ދޭ ގައުމުތަކުން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޭން ވަނީ ވައުދުވެފަ އެވެ. ނަމަވެސް، އެ ގައުމުތަކުން ދޭން ވައުދުވި ޖުމްލަ ފައިސާގެ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ އިގްތިސާދު މުޅިން ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކުރުމަށްޓަކައި، އެ ގައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ބައިނަލްއަގުވާމީ މުޖްތަމައުން ހޯދަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އެ ގައުމުގެ އިގްތިސާދު މުޅިން ބަނގުރޫޓުވާ ހާލަތެއްގައި އެކަމުގެ ނުރަނގަޅު އަސަރުތައް އަފްގާނިސްތާނުގެ އާންމު މުޖްތަމައަށް ފޯރައި، އެކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ލޮޅުން އަރަން ފަށާނެ އެވެ.
ބައިނަލްއަގުވާމީ މުޖްތަމައުން އަފްގާނިސްތާނުގެ ވަގުތީ ސަރުކާރު ބަލައިނުގަތް ކަމުގައި ވިޔަސް، އަފްގާނިސްތާނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުން އެމީހުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، އދ.ގެ މުވައްޒަފުން އަފްގާނިސްތާނުގައި ބައިތިއްބާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަފްގާނު ރައްޔިތުންނަށް މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދަތި އުނދަގޫ ކަމެއް ކަމަށް ވިޔަސް، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އަފްގާނު ރައްޔިތުންނަށް އެހީތެރިވުމުގައި އދ. އިން އިސް ދައުރެއް އަދާކުރާނެ އެވެ.
އެހީ ދޭ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް، އދ. އިން އިންތިޒާމުކޮށްގެން އެއް ދުވަހަށް މި ބޭއްވީ، އަފްގާނަށް މި ވަގުތަށް ބޭނުންވާ 600 މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގަ އެވެ. އދ. އިން ބުނާ ގޮތުގައި އަފްގާނުގައި މިހާރު އެންމެ ދަތި ހާލުގައި އުޅޭ 11 މިލިއަނެއްހާ މީހުންނަށް، ކުރިއަށް އޮތް ހަތަރު މަސްދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ގަތުމަށްޓަކައި، މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން އެ ގައުމުގެ ކޮންމެ ސަރަހައްދަކަށް އދ.ގެ މުވައްޒަފުންނަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ކަމަށް ތާލިބާނުން ވަނީ ޖާމިނުވެފަ އެވެ.
"މި މަރުހަލާގައި، ތާލިބާނުންނާ މުއާމަލާތު ކޮށްގެން ނޫން ގޮތަކަށް، އަފްގާނިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމެއް،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
މި މަހާސިންތާ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކައިގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިހާރު އަފްގާނިސްތާނުގެ ރައްޔިތުންނާ ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމަކީ، ދުނިޔޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ހައިހޫނުކަމުގެ ހާދިސާ ކަމަށެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މުޅި ދުނިޔޭގެ އެހީތެރިކަން އަފްގާނިސްތާނަށް ބޭނުންވާ ކަމަށާއި، އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ކާބޯތަކެތި ގެންދެވޭނެ ފަސޭހަ އިންތިޒާމެއް ވެސް ހަމަޖައްސަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންނާ މެދު މައްސަލަތަކެއް ހުރި ނަމަވެސް، އެ މައްސަލަތައް ވެސް ހައްލުކުރެވޭނީ، ތާލިބާން ސަރުކާރާ އެކުގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން ކަމަށެވެ. އެގޮތުން ހައްލު ކުރަންޖެހޭ މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި އިންސާނީ ހައްގުތައް ކަށަވަރުކުރުން ހިމެނެ އެވެ.
އެހީދޭ ގައުމުތަކުން ދޭން އެއްބަސްވި ބިލިއަން ޑޮލަރުގެ އިތުރުން، އެމެރިކާ އިން ވެސް އިއްޔެ ވަނީ، އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 64 މިލިއަން ޑޮލަރު ދޭނެ ކަން އިއުލާން ކޮށްފަ އެވެ. އެމެރިކާ އިން ބުނި ގޮތުގައި، އެ ފައިސާގެ ތެރެއިން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުވައިދޭނީ، ތާލިބާނުންގެ ސަރުކާރާ ނުބައްސައި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކާ ހަވާލުކޮށްގެންނެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި އދ.ގެ އެކި އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް، އެމެރިކާ އިން އަފްގާނިސްތާނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުގައި ތިބި އިރު ވެސް، އަފްގާނު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނަށް ހިނގާ ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަމަޖައްސަމުން އައީ، ބައިނަލްއަގުވާމީ އެހީގެ ތެރެއިންނެވެ.
އަފްގާނުގެ މިލިއަނެއްހާ ކުޑަކުދިން ބަނޑަށް މަރުވެދާނެ
އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި
ޗައިނާއިން އަފްގާނަށް 31 މިލިއަން ޑޮލަރުގެ އެހީ ދެނީ
އެހީވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތްކުރަނީ
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
އާންމުންނަށް ހަމަލާ ދިން ސިފައިންނަށް ފިޔަވަޅެއް ނާޅާނެ
ތާލިބާނުން، ކުރީގެ ސިފައިން މަރާތީ އެކަން ކުށްވެރިކޮށްފި
އަފްގާނު ރެފިއުޖީން ބޭރުކުރުމަށް އެމެރިކާގެ އެހީ ބޭނުން
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ