Roadha Mihaaru
ޗައިނާއިން އަފްގާނަށް 31 މިލިއަން ޑޮލަރުގެ އެހީ ދެނީ

ޗައިނާ އިން އަފްގާނަށް 31 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދެނީ

09 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމަށް 200 މިލިއަން ޔުއާން (31 މިލިއަން ޑޮލަރު)ގެ އަގު ހުރި ތަކެތި ހަދިޔާ ކުރުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ.

އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމަށް 200 މިލިއަން ޔުއާން (31 މިލިއަން ޑޮލަރު)ގެ އަގު ހުރި ތަކެތި ހަދިޔާ ކުރުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ.

ޗައިނާ ސަރުކާރުން ބުނި ގޮތުގައި މިއީ އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ކާބޯތަކެތީގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޗައިނާ ސަރުކާރުން ދޭ ހަދިޔާއެކެވެ. އަދި އެކަން މިހާރު ވަނީ ތާލިބާނުންނަށް އަންގައިފަ އެވެ.

ހުސްވި އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން ވަނީ އަފްގާނިސްތާނުގެ ކަންކަމުގައި ތާލިބާނުންނާ މުއާމަލާތު ކުރުން ހުއްޓާލައިފަ އެވެ. ނަމަވެސް ޗައިނާ އިން މިހާރު ވެސް އަންނަނީ، އަފްގާނިސްތާނަށް އެހީތެރިވުމާއި، އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމާ ގުޅޭ ގޮތުން، ތާލިބާންގެ އިސް ވެރިންނާ ސީދާ ވާހަކަތައް ދައްކައި މަޝްވަރާ ކުރަމުންނެވެ.

ޗައިނާ އިން ދޭން ކަނޑައެޅި 31 މިލިއަން ޑޮލަރުގެ އެހީގެ ސާމާނުގެ ތެރޭގައި ހިމެނެނީ، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކުގެ އިތުރުން، ކޮވިޑް-19 ވެކްސިނެވެ.

މި އެހީ ދިނުމަށް ނިންމިކަން އިއުލާން ކުރަމުން ޗައިނާގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަފްގާނިސްތާނުގައި ތާލިބާނުންގެ ފަރާތުން ވަގުތީ ސަރުކާރެއް އިއުލާން ކުރުމަކީ، އަފްގާނިސްތާނުގެ އަމަންކަން ދެމެހެއްޓުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވިހި އަހަރު ވަންދެން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތުމަށް ފަހު، އެމެރިކާ އާއި ނޭޓޯ ސިފައިން އެގައުމުން ފައިބައިގެން ދިޔައީ، ހުސްވި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ހުޅަނގުގެ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު، އަފްގާނިސްތާނު އޮތީ އިގްތިސާދީ ގޮތުން ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފަ އެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އިއްޔެ ވިދާޅުވި ގޮތުގައި އަފްގާނިސްތާނަށް އެހީ ދިނުމަށް ނިންމީ، އަފްގާނުގެ އަވައްޓެރި ބައެއް ގައުމުތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެ ގޮތުން ޕާކިސްތާނާއި އީރާނާއި ތަޖިކިސްތާނާއި އުޒްބެކިސްތާން އަދި ތުރުކުމެނިސްތާނުގެ ހާރިޖީ ވަޒީރުންނާ މަޝްވަރާ ކުރެއްވި ކަމަށް، އޭނާ ވިދާޅުވި އެވެ.

އެ ގައުމުތަކުގެ ލަފާގެ މަތިން، ޗައިނާ އިން އަފްގާނިސްތާނަށް ފޮނުވާ އެހީގެ ސާމާނުގެ ތެރޭގައި، ކޮވިޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ހިމެނޭނެ އެވެ. އޭގެ އިތުރުން ދެން ފޮނުވާނީ ކާބޯތަކެއްޗާއި ޒަރޫރީ ބައެއް އެހެން ސާމާނެވެ.

ޗައިނާ އިން ބުނި ގޮތުގައި އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިޔައީ އަފްގާނު ރައްޔިތުން ބޮޑު އަނދަވަޅަކަށް ވައްޓާލައިފަ އެވެ. ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން އެންމެ ފުރަތަމަ އަފްގާނު ހިފި ދުވަހުން ފެށިގެން، އެ ގައުމުން ފައިބައިގެން ދިއުމާ ހަމައަށް ވެސް، އަފްގާނު ރައްޔިތުންނަށް ދިނީ ގެއްލުމާއި ހަލާކެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔުމާ އެކު، އަފްގާނަށް އެހީތެރިވުމުގައި އެންމެ ފުރަތަމަ އިސް ނެގި ގައުމަކީ ގަތަރެވެ. އެއަށް ފަހު ޗައިނާ އިން ވެސް ވަނީ އަފްގާނިސްތާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ.

އެހެންކަމުން ތާލިބާނުން ސިފަކުރާ ގޮތުގައި ޗައިނާއަކީ އަފްގާނިސްތާނުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް އަފްގާނިސްތާނަށް އަންނާނެ ކަމަށާއި، ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ އަފްގާނިސްތާނު އަލުން އާރާސްތުކުރުމުގައި ޗައިނާގެ ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ތާލިބާނުން ބުނެ އެވެ.

އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުގެ ބައެއް މަގާމުތައް އިއުލާން ކުރީ މި މަހުގެ 7 ވަނަ ދުވަހު އެވެ. ސަރުކާރުގެ މަގާމުތައް އިއުލާން ކުރަމުން ތާލިބާނުން ވަނީ އެ ގައުމުގެ ރަސްމީ ނަން "އަފްގާނިސްތާނު އިސްލާމީ އިމާރާތު"ގެ ނަމަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުގެ މުހިންމު ވުޒަރާތަކަށް ވަޒީރުން އައްޔަންކުރެއްވި އިރު މުޅިން ވެސް ފެނިފައިވަނީ، ތާލިބާން ޖަމާއަތުގެ ކުރީގެ އިސް ވެރިންނާއި، ކުރީގެ ބައެއް ވެރިންގެ ދަރިންނާއި ގާތްތިމާގެ މީހުންނެވެ. މިހާތަނަށް އިއުލާންކުރި ކެބިނެޓްގެ މަގާމުތަކުގެ ތެރޭގައި އެންމެ އަންހެން ބޭފުޅަކު ވެސް ނުހިމެނޭތީ، ހުޅަނގުގެ ގައުމުތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.