Roadha Mihaaru
އަތަމާ ޕްލާޒާއަށް ޖާބިރުގެ ބާރު ނުހިނގާ ގޮތް ހަދައިފި

ޖާބިރަށް ވިއްކި ކަމަށް ބުނާ އަތަމާޕްލާޒާއަށް ފުލުހުން ގޮސް "ވެރިފަރާތާ" ހަވާލުކޮށްފި

13 ސެޕްޓެމްބަރ 2021

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންނެވި ކަމަށް ބުނާ މ. އަތަމާޕްލާޒާ އަށް ފުލުހުން ކޯޓު އަމުރަކަށް ވަދެ އެތަނުގެ ދޮރުތަކުގެ ތަޅުތައް ބަދަލުކޮށް އިމާރާތުގެ ކޮންޓްރޯލް، އެތަން ވިއްކި ކަމަށް ބުނާ ފަރާތަށް ލިބޭ ގޮތް ހަދައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންނެވި ކަމަށް ބުނާ މ. އަތަމާޕްލާޒާ އަށް ފުލުހުން ކޯޓު އަމުރަކަށް ވަދެ އެތަނުގެ ދޮރުތަކުގެ ތަޅުތައް ބަދަލުކޮށް އިމާރާތުގެ ކޮންޓްރޯލް، އެތަން ވިއްކި ކަމަށް ބުނާ ފަރާތަށް ލިބޭ ގޮތް ހަދައިފި އެވެ.

އަތަމާ ޕްލާޒާގެ ރަޖިސްޓްރީ އޮންނަނީ ހައްޖަށް ގެންދަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިން މައްސަލާގައި މަކަރާއި ހީލަތުގެ ކުށުގައި 2019 ވަނަ އަހަރު އަށް އަހަރުގެ ޖަލު ހުކުމެއް އައި، މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގަ އެވެ. އެ ގެ ވިއްކާލަން ކޯޓުން މީގެ ކުރިން އަންގާފައި ވަނީ އޭނާގެ މައްޗަށް ސާބިތުވި ދަރަންޏެއް އަދާކުރުމަށެވެ. ނަމަވެސް، ޖާބިރު ވިދާޅުވާ ގޮތުގައި އެ އޭނާ ވަނީ މީގެ ކުރިން އެ ގެއަށް ފައިސާ ދައްކަވައި ބައްލަވައިގެންފަ އެވެ.

ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ފުލުހުން އަތަމާޕްލާޒާގެ ހަތް ފަންގިފިލާގެ ދޮރުތައް ފަޅާލައި ދޮރުތަކުގެ ތަޅުތައް ބަދަލުކުރަން އިސްމާއިލް އަބްދުއްލަތީފަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ތަން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އިސްމާއިލް އަބްދުއްލަތީފަށް އެއްވެސް ދަތިކަމެއް ދިމާވެ، ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ފުލުހުން އެތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވަނީ މީގެ ކުރިން ކޯޓު އަމުރެއް ނެރުއްވާފައިވެ އެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި ފުލުހުން ގެޔަށް ވަނީ ކުރީ ކުރިން ނޯޓިސް ދިނުމެއް ނެތި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ގެއަށް ވަނީ އެ ގެއަށް ވަނުމުގެ ފުރުސަތު އިސްމާއިލް އަބްދުއްލަތީފަށް ނުލިބުމުން ފުލުހުން ގާތުގައި އެދުމުންނެވެ. ކޯޓުން އަމުރު ދީފައިވަނީ ގެޔަށް ވަނުމުގެ ފުރުސަތު ސުލްހަވެރިކަމާ އެކު ނުދީފި ނަމަ އަމުރު ތަންފީޒުކުރުމުގައި ތަނަށް ލިބޭ ގެއްލުމަށް ފުލުހުން ޒިންމާވާން ނުޖެހޭ ގޮތަށެވެ.

އިސްމާއީލް އަބްދުއްލަތީފްގެ ދަރަނި ދެއްކޭނީ އެ ގެ ވިއްކާލައިގެން ކަމަށް އޭނާ އަށް ދައުވާ ކުރި ފަރާތާ އެކު ކޯޓުގައި އެއްބަސްވުމުން ޖާބިރު އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ ވަޑައިގަތެވެ. ނަމަވެސް، އެ ގެއަކީ އޭނާގެ ގެއެއް ކަމަށް ދަލާލަތުކުރާ ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލައިން އޭނާ ބޭރުކުރި އެވެ.

ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ އަތަމާ ޕްލާޒާ ހުންނަނީ 770 އަކަފޫޓުގެ ބިމެއްގަ އެވެ. މިގެ ކުރިން ސިވިލް ކޯޓުން އެ އިމާރާތް ނީލަމަށް ލި އެވެ. ނީލަން ފެށޭ އަގަކީ 15،507،800ރ. ކަމަށް އެ ކޯޓުން ވަނީ އިއުލާނުކޮށްފަ އެވެ.