Roadha Mihaaru
ޕާކިސްތާނުގެ ބަތަލާ ސަބާ ހައްޔަރުކުރަން ކޯޓު އަމުރެއް

ޕާކިސްތާނުގެ ބަތަލާ ސަބާ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި

10 ސެޕްޓެމްބަރ 2021

ޕާކިސްތާންގެ ލާހޯރްގެ ތާރީހީ މިސްކިތެއްގެ ތެރޭގައި ވީޑިއޯ ލަވައެއްގެ މަންޒަރުތަކެއް ޝޫޓްކޮށްފައިވާތީ، އެ ގައުމުގެ މަޝްހޫރު ބަތަލާ ސަބާ ގަމަރު ހައްޔަކުރުމުގެ އަމުރެއް ކޯޓަކުން ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާންގެ ލާހޯރްގެ ތާރީހީ މިސްކިތެއްގެ ތެރޭގައި ވީޑިއޯ ލަވައެއްގެ މަންޒަރުތަކެއް ޝޫޓްކޮށްފައިވާތީ، އެ ގައުމުގެ މަޝްހޫރު ބަތަލާ ސަބާ ގަމަރު ހައްޔަކުރުމުގެ އަމުރެއް ކޯޓަކުން ނެރެފި އެވެ.

މީޑިއާތަކުން ބުނީ ލާހޯރްގެ ވަޒީރު ޚާން މިސްކިތުގެ ތެރޭގައި ލަވައިގެ މަންޒަރުތަކެއް ޝޫޓްކުރި މައްސަލާގައި ސަބާ ހައްޔަރުކުރުމުގެ އަމުރު ލާހޯރް މެޖިސްޓްރޭޓް ކޯޓުން ނެރުނީ ކޯޓަށް މި ހަފުތާގައި ހާޒިރުވާން ނޯޓިސް ފޮނުވުމުން ހާޒިރު ވެސް ވެފައި ނުވާތީ ކަމަށެވެ. އަދި އޭނާ އާއި ލަވަކިޔުންތެރިޔާ ބިލާލް ސައިދު ހައްޔަރުކުރުމުގެ އަމުރު ނެރުނީ އެ މީހުންގެ ކަފާލާތު ވެސް ބަލައިނުގަންނަ ގޮތަށެވެ. ދެ ފަންނާނުންގެ އެ ލަވަ އަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ނެރުނު "ގުބޫލް" އެވެ.

އެ ލަވަ އަކީ ސަބާގެ އަލަތު ޑައިރެކްޝަން ވެސް މެ އެވެ.

ލަވައިގެ މައްސަލައިގެ އަޑުއެހުމެއް މިހާރު ވަނީ އަންނަ މަހުގެ 6 އަށް ތާވަލުކޮށްފަ އެވެ.

ލަވައިގެ މައްސަލަ ހޫނުވުމުން ސަބާ ކުރި ޓްވީޓްތަކެއްގައި ބުނީ މިސްކިތުގެ ތެރޭގައި ޝޫޓްކުރީ ލަވައިގެ ކައިވެނީގެ މަންޒަރެއް ކަމަށާއި އެ މަންޒަރުގައި ނެގި އިރު މިއުޒިކް ވެސް ބޭނުން ނުކުރާ ކަމަށެވެ. އަދި ލަވައިގެ ފައިނަލް ކަޓުން މިސްކިތުތެރޭގެ މަންޒަރު އުނި ވެސް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ސަބާ އަކީ މިދިޔަ އަހަރު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާނާ އެކު 2017 ގެ "ހިންދީ މީޑިއަމް" ކުޅުނު ބަތަލާ އެވެ. އުމުރުން 37 އަހަރުގެ ސަބާ އަކީ ޕާކިސްތާންގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އަގެއް ލިބޭ އެއް ބަތަލާ އެވެ.

ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ސަބާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "އިސް ދިލް ކީ އެއްސީ ކީ ތޭސީ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކަމްބަކްތު" އެވެ.