Roadha Mihaaru
އެޑަމް ފޭބީ އާދަޔާހިލާފް ބޮޑެތި ކޯމަސްތަކެއް ފެނިގެން

ހިބަރުގެ ހަމަލާ އަމާޒުވީ މާ ބޮޑެތި ކޯމަސްތަކެއް ބަލަން ފުންމާލިތަނާ

09 ސެޕްޓެމްބަރ 2021

އާދަމް އަބްދުއްރަހްމާން (އެޑަމް) އާއި އިތުރު ދެ މީހަކު އިއްޔެ ފީނަން ގޮސް އެނބުރި ބ. މާޅޮހަށް ދަނިކޮށް ފެނުނީ ކޯމަސް އައިނެކެވެ. އެކަމަކު އެއީ އާންމުކޮށް ނުފެންނަވަރުގެ ބޮޑެތި ކޯމަސްތަކެކެވެ. މުޅި ދިރިއުޅުން މޫދުގައި އޮތް އެޑަމް ބޭނުންވީ ރަށަށް ދިއުމުގެ ކުރިން އެ ކޯމަސް އައިނުގެ ތެރެއަށް ފައިބައި އެ މަންޒަރު ވެސް ބަލައިލާށެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާދަމް އަބްދުއްރަހްމާން (އެޑަމް) އާއި އިތުރު ދެ މީހަކު އިއްޔެ ފީނަން ގޮސް އެނބުރި ބ. މާޅޮހަށް ދަނިކޮށް ފެނުނީ ކޯމަސް އައިނެކެވެ. އެކަމަކު އެއީ އާންމުކޮށް ނުފެންނަވަރުގެ ބޮޑެތި ކޯމަސްތަކެކެވެ. މުޅި ދިރިއުޅުން މޫދުގައި އޮތް އެޑަމް ބޭނުންވީ ރަށަށް ދިއުމުގެ ކުރިން އެ ކޯމަސް އައިނުގެ ތެރެއަށް ފައިބައި އެ މަންޒަރު ވެސް ބަލައިލާށެވެ.

ބ. މާޅޮހުގައި "މޯލްޑައިވް" ގެ ނަމުގައި ޑައިވް ސެންޓަރެއް ހިންގަން މީގެ ހަތަރު އަހަރު ކުރިން މާލޭން އެ ރަށަށް ބަދަލުވި އެޑަމް އިއްޔެ މޫދަށް ފުންމާލައި ކޯމަސްތައް ބަލަން އުޅެނިކޮށް އިރުކޮޅެއް ނުވެ އޭނާގެ މެޔަށް އަމާޒުވީ ހިބަރެއްގެ ތުންގަނޑެވެ. އުމުރުން 33 އަހަރުގެ އެޑަމްގެ އެންމެ ފަހު ވަގުތުކޮޅު ފެނުނު، ޑިންގީގައި ތިބި ދެ މީހުންނާ ހަވާލާދީ މާޅޮހު ކައުންސިލްގެ ރައީސް އަބްްދުﷲ ޝުޖާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެޑަމްގެ މެޔަށް ހެރުނު ތުންގަނޑު ނައްޓާލީ ވެސް އެޑަމް އަމިއްލައަށެވެ.

ހިބަރުގެ ތުންގަނޑު ހެރުނީ ސީދާ ހިތާ ދިމާލަށެވެ. ނަމަވެސް ކަނޑަށް ފަރިތަ އެޑަމް ހިބަރުގެ ތުންގަނޑުގައި ހިފައި ދަމައި ނައްޓާލި އެވެ. އަދި ހިތްވަރުކޮށްފައި ޑިންގީއާ ހިސާބަށް ފަތާފައި ދިޔަ އެވެ. އެކަމަކު އަމިއްލައަށް ޑިންގީއަށް އެރޭހާ ހިތްވަރެއް ނުލިބުނެވެ. ލޭ ފައިބައި ގައިން ވަރު ދޫވީ އެވެ. ޑިންގީގައި އިން ޓޫރިސްޓަކާއި އެހެން ދިވެއްސެއްގެ އެހީގައި ޑިންގީއަށް އެރުވުމަށް ފަހު އެ ހިސާބުގައި އޮތް އެހެން ލޯންޗަކަށް އަރުވައި އެޑަމް ފުރުވާލީ ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލަށެވެ.

"އޭނާއަށް އަމިއްލައަށް [ޑިންގީއަށް] ނުއެއް އެރުނު. [ޑިންގީގައި] ތިބި ކުދިން އެރުވީ. އޭނަ ގައިން ވަރަށް ބާރަށް ލޭ އަންނަން ފެށި ކަމަށް މައުލޫމާތު ދިނީ. އެތާ ކައިރީ އޮތް ރޯޔަލް އައިލެންޑުގެ ލޯންޗަކަށް އަރުވައިގެން ގެނައީ،" ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ 30-40 މިނެޓު ހިނގާނެ އެވެ.

"އޭދަފުއްޓަށް ގެނައި އިރު ހަރަކާތެއް ނެތް،" އެޑަމް އޭދަފުއްޓަށް ގެންދިޔައިރު އޭދަފުށީގައި ހުރި ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވި ގޮތުގައި އެޑަމް އެރުނު ހިސާބަކީ ހިބަރު ހިފަން މީހުން ގޮސް އުޅޭ ހިސާބެކެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އެޑަމްގެ ހަށިގަނޑުން އިތުރު ޒަހަމެއް ފެންނާކަށް ނެތެވެ. ވަރަށް ނުރައްކާތެރި ގޮތަކަށް ސީދާ ހިތާ ދިމާލަށް ތުންގަނޑު ހެރިފައި ހުއްޓެވެ. އަދި ގައިން ބައިވަރު ލޭ އޮހޮރެމުން ދިޔަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވެސް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެޑަމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުރާނައެއް ނެތެވެ.