Roadha Mihaaru

އަބްދުއްރަހުމާން މަރާލާފައި އޮތީ ބޮލަށް ހަމަލާދީގެން، ބޮޑު ހަތަރު ޒަހަމެއް ހުރި

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމަށް ހަމަލާދީފައި ވަނީ ބޮލަށް ކަމަށާއި ހަމަލާ ދީފައިވަނީ ލަކުޑި ނުވަތަ ދަގަނޑުބުރިއަކުން ކަމަށް ބެލެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފި އެވެ.

އަބްދުއްރަހުމާން މަރާލާފައި އޮތީ ބޮލަށް ހަމަލާދީގެން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 ޖުލައި 2025

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމަށް ހަމަލާދީފައި ވަނީ ބޮލަށް ކަމަށާއި ހަމަލާ ދީފައިވަނީ ލަކުޑި ނުވަތަ ދަގަނޑުބުރިއަކުން ކަމަށް ބެލެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފި އެވެ.

ގޭގައި ނިދާފައި އޮއްވައި ޒަހަމްތަކަކާ އެކު ފެނިގެން ރޭ ދަންވަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ފަތިހު މަރުވީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް، 65 އެވެ.

އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެއް ކަމަށާއި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށެވެ. މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:50 ހާއިރު އެވެ.

އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.

އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.

"ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި. ލޯ މަތީގައި ވަރަށް ބާރަށް ޖަހާފައި ހުރި ކަމަށް ބެލެވެނީ،" މާޅޮހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް އެކަން ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ.

"ކަރުގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ ހެކި ހުރި ކަމަށް ވެސް ރަށުތެރޭގައި ކިޔާ އެބަ. ބޮލުގެ ހަތަރު ތަނަކަށް ހަމަލަދީފައި ހުރި،" މާޅޮހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަބްދުއްރަހުމާނަކީ މަސްވެރިކަން ކުރާ މީހެކެވެ. އާންމުކޮށް ދަނީ ކަންނެލީގެ މަސްވެރިކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މައްސަލައިގެ ތަހުގީގު ފަށައި މިހާރު ވަނީ ހަތަރު ސަތޭކައެއްހާ މީހުން އުޅޭ އެ ރަށަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަން ފަށައިފަ އެވެ.

ރަށުން ވާހަކަ ދެއްކި މީހާ ބުނީ، މާޅޮހަކީ ދުވަހަކު ވެސް މިފަދަ ޖަރީމާތައް ހިންގި ރަށެއް ނޫން ކަމަށާއި އެންވެ މިއީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.

"ދުވަހަކު ވެސް މި ކަހަލަ ވިޔާނުދާ ކަމެއް މި ރަށުގައި ހިނގާފައި ނެތް. އެހެންވެ ވަރަށް ބޮޑު ޝޮކެއްގައި މި ތިބީ،" އޭނާ ބުންޏެވެ.

އެހެންވެ މިފަދަ ކަމެއް ކޮށްފާނެ ކަމަށް ތުހުމަތުވާ މީހަކު ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.