Roadha Mihaaru
އީރާނަށް ހަމަލާ ދޭނެ ގޮތްތައް އިޒްރޭލުން ދިރާސާކުރަނީ

އީރާނަށް ހަމަލާ ދޭނެ ގޮތްތައް އިޒްރޭލުން ދިރާސާކުރަނީ

07 ސެޕްޓެމްބަރ 2021

އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމުގެ ގޮތުން، އީރާނަށް ހަމަލާއެއް ދޭން އިޒްރޭލު ސަރުކާރުން ނިންމައިފި ނަމަ، އެކަން ކުރެވިދާނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށާއި، އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދިރާސާކުރަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމުގެ ގޮތުން، އީރާނަށް ހަމަލާއެއް ދޭން އިޒްރޭލު ސަރުކާރުން ނިންމައިފި ނަމަ، އެކަން ކުރެވިދާނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށާއި، އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދިރާސާކުރަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ވައްލާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި، އިޒްރޭލުގެ ޗީފް އޮފް ޖެނެރަލް ސްޓާފް އަވީވް ކޮހާވީ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ ގޮތްތައް މިހާރު ވަނީ ކަނޑައަޅައި ނިމިފަ އެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ވިދާޅުވި ގޮތުގައި އީރާނަށް ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ، އެކަމަށް ހަރަދު ކުރުމަށްޓަކައި ދިފާއީ ބަޖެޓް ވެސް މިހާރު ވަނީ އިތުރުކުރެވިފަ އެވެ.

"މިއީ ވަރަށް އޮޅުންބޮޅުން ބޮޑު ކަމެއް. މިކަމަށް ވަރަށް ގިނަ ޖާސޫސީ ސިއްރު މައުލޫމާތު ބޭނުންވޭ. ހަމަލާ ދިނުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ. އިތުރު ހަތިޔާރު ވެސް ބޭނުންވޭ. މި ހުރިހާ ކަމަކަށް މިއަންނަނީ މަސައްކަތް ކުރަމުން."

އޭނާ ވިދާޅުވި ގޮތުގައި ސީރިޔާގައި ހަނގުރާމަ ކުރާ އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ އަމާޒުތަކަށް އިޒްރޭލުން ދީފައިވަނީ ފަޚުރުވެރިވުން ހައްގު ކާމިޔާބު ހަމަލާތަކެކެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އިރުން އޮތް ސަރަހައްދުގައި އީރާންގެ ނުފޫޒު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އަދި މެދުއިރުމަތީ ސަރަހައްދުގެ ވަރަށް ގިނަ ތަންތަނުގައި އިޒްރޭލު ސިފައިންގެ ހަރަކާތްތައް ފުޅާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި ހަމަލާއެއް ދޭން އިޒްރޭލުގެ ސަރުކާރުން ނިންމައިފި ނަމަ، އެފަދަ ހަމަލާއެއް އަމާޒުވާނީ ހަމައެކަނި އީރާންގެ އިމުގެ ތެރެއަށް ނޫންކަން ޖެނެރަލް ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި މެދުއިރުމަތީގައި އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ އެހެން ޖަމާއަތްތަކަށް ވެސް އިޒްރޭލުގެ ހަމަލާތައް އަމާޒު ވާނެ އެވެ.

އޭނާ އެ ފާހަގަ ކުރެއްވީ، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ލުބްނާންގެ ހިޒްބުﷲގެ އިތުރުން، އީރާންގެ މަދަދާ އެކު އިރާގާއި ސީރިޔާގައި ހަނގުރާމަކުރާ، ޖަމާއަތްތަކަށެވެ.

"އެފަދަ ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ، ހަމަލާ ދޭނެ ވަރަށް ގިނަ އަމާޒުތައް ހުންނާނެ. އެއީ ހަމައެކަނި އީރާނެއް ނޫން. މައިގަނޑު އަމާޒަކަށް ވާނީ، މެދުއިރުމަތީގައި އީރާންގެ ނުފޫޒު ކުޑަކުރުން، ހާއްސަކޮށް ސީރިޔާއިން. ހަމައެކަނި ސީރިޔާއެއް ވެސް ނޫން، އެހެން ކިތަންމެ ސަރަހައްދަކަށް ވެސް ހަމަލާތައް އަމާޒު ކުރެވޭނެ. މުޅި މެދުއިރުމަތީގައި ވެސް އެ އޮޕަރޭޝަން ކުރިއަށް ދާނެ. ހަމާސްއާ ދެކޮޅަށް ވެސް، ހިޒްބުﷲއާ ދެކޮޅަށް ވެސް، އީރާނު މީހުންނާ ދެކޮޅަށް ވެސް އަދި ފަހަރެއްގައި އެހެން ޖަމާއަތްތަކާ ދެކޮޅަށް ވެސް އެ ހަމަލާތައް ދޭން ޖެހިދާނެ،" ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތިން އީރާންގެ ނުފޫޒު ކުޑަކުރުމަށްޓަކައި، އިޒްރޭލު ސިފައިން ހަރަކާތްތެރިވާންޖެހޭ ސަރަހައްދުތައް ގިނަކަމުން، މި އަންނަ އަހަރަކީ ގޮންޖެހުން ބޮޑު އަހަރަކަށް ވާނެ އެވެ.

"މިހާރު ވެސް ހަ ސަރަހައްދެއްގައި އިޒްރޭލު ސިފައިން ވަރަށް ހީވާގިކޮށް ހަރަކާތްތެރިވަމުން އެބަދޭ. ގާޒާ އާއި ސީރިޔާ އާއި ލެބަނަން އަދި ހުޅަނގު އައްސޭރީގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އޭގެ އިތުރުން، އިޒްރޭލު ރައްޔިތުންނަށް ނުރައްކާ ކުރާ އެތައް ބަޔަކު، ކޮންމެ ރެއަކު އެބަ ހައްޔަރުކުރެވޭ. މި ހަރަކާތްތައް އީރާނާ ހަމައަށް ވެސް ދެމެހެއްޓުމުގެ ގާބިލުކަން އަހަރެމެންގެ އެބަހުރި."

އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ މި މޭރުމުން ވާހަކަ މި ދެއްކެވީ، އީރާންގެ ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން ކުރަމުން އައި މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާތީ، އެކަމާ ކަންބޮޑުވާކަން އެމެރިކާ އިން ހާމަކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ބުނި ގޮތުގައި، އީރާނުން މަޝްވަރާތައް އަލުން ފަށާނެ ދުވަހެއްގެ އިންތިޒާރުގައި އަބަދަކު ނޯވެވޭނެ އެވެ.