Roadha Mihaaru
ސެޓްލްމަންޓް ކޮމިޓީގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވޭ!

ސެޓްލްމަންޓް ކޮމިޓީގެ އުސޫލު އޮތް ގޮތުން ކޮރަޕްޝަނަށް މަގުފަހިވޭ!

03 ސެޕްޓެމްބަރ 2021

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އެ ކޮމިޝަނުން އަންނަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި ނަޒާހަތްތެރިކަމާއެކު ކަންކަން ބައްޓަންކޮށް، މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފާދީ، އެ ކަންކަމާ މެދު ދެކޭގޮތް ހާމަކުރުމަށް "ހުދު ކަރުދާސް" ގެ ނަމުގައި ސިލްސިލާ ރިޕޯޓުތައް ނެރެމުންނެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނެރުނު "ހުދު ކަރުދާސް" މި ފަހަރު ހާއްސަ ކޮށްފައި ވަނީ ދައުލަތުގެ މަޝްރޫއުތަކާއި މަސައްކަތްތައް ކުރަން ހަވާލުކުރުމުގެ އެއްބަސްވުންތައް ބާތިލްކުރުމުން ދައުލަތުން ބަދަލު ދިނުމާ ގުޅޭ ކަންކަމަށެވެ. އެގޮތުން، އެ ރިޕޯޓުގައި އޭސީސީ އަށް ހުށަހަޅާފައިވާ ހަ މައްސަލައެއް ހިމަނައި، އެ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންކަމާއި އިސްލާހުކުރަން ދީފައިވާ ލަފާތައް ވެ އެވެ.

އެ މައްސަލަތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި، ބަދަލު ދިނުމަށް ރައީސަށް ލަފާއަރުވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނެތުން ހިމަނާފައިވެ އެވެ. އެކަމުގެ ސަބަބުން އެކި މައްސަލަތަކުގައި އެކި ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް އޭސީސީން ބުނެ އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ސެޓްލްމެންޓް ކޮމިޓީ އަމަލުކުރުމަށް އުސޫލެއް އޮތް ކަމުގައިވީ ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނެ ވަކި ކަންތައްތަކެއް އެ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން އެކި މައްސަލަ އެކި ގޮތަށް ނިމުމުގެ ފުރުސަތު ނުވަތަ ކޮމިޓީން އެ އިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވެ އެވެ،" އޭސީސީގެ ރިޕޯޓުގައި ވެ އެވެ.

ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން އެއްބަސްވުންތައް ހަދާފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށް ވެސް އޭސީސީން ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުން އެ ކޮމިޝަނުން ދެއްކީ ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރަން ހަވާލުކުރި ކުންފުންޏަށް ރިސޯޓު ތަރައްގީކުރަން ލީސް އެކުއިޒިޝަން ކޮސްޓެއް ނުނަގައި، ފަޅު ރަށެއް ހަވާލުކުރި މައްސަލަ އެވެ. އެއްބަސްވުން އުވައިލި އިރު، އެ ކުންފުނިން ހެޑްލީސް ރައިޓްސް އެހެން ކުންފުންޏަކަށް ވިއްކާލާފައި ވުމުން އެ ރަށުގެ ހެޑްލީސް އެއްބަސްވުން ދަމަހައްޓަން ދައުލަތުން ކުރަން ޖެހުނު މަސައްކަތުން، އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އޭސީސީން ފާހަގަކުރި އެވެ.

"މި ފަދަ ގެެއްލުމަކަށް ދައުލަތް ހުށަހެޅުމުން ރައްކާތެރި ކުރެވޭނެ މާއްދާއެއް ނެތުމީ އެފަދަ އެއްބަސްވުންތައް ބާތިލް ކުރުމުން ދައުލަތުން އުފުލަން ޖެހޭ ބުރަ ބޮޑުވާ ކަމެވެ. ހަމަ އެހެންމެ، އެއްބަސްވުންތަކުގައި އެއްބަސްވެފައިވާ މުއްދަތަށް ވުރެ އަވަހަށް އެއްބަސްވުން އުވާލުމުން، މަޝްރޫއު ހަވާލުކުރާ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެދެވޭ ކަންކަން ކަނޑައެޅުމުގައި ހަރުދަނާ ނޫން ނިންމުންތައް ނިންމާފައިވާކަން ފާހަގަކުރެވެ އެވެ،" ޖުމުލަ 30 ސޮފްހާގެ ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި، މަޝްރޫއުތައް ހަވާލުކުރާއިރު ސަބްސިޑީ ދިނުމުގައި ރިއާޔަތް ކުރާނެ ގައިޑްލައިނެއްް ވެސް ނޯވެ އެވެ. އޭގެ ނަތީޖާއަކީ ވަކި ހަމައެއް ނެތި ސަބްސިޑީ ދިނުމެވެ. އެގޮތުން، ބައެއް ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފަޅު ރަށްރަށާއި އެހެނިހެން ވެސް ހަރުމުދާ ދީފައިވާއިރު، އެހެން ބައެއް ކުންފުނިތަކަށް އެފަދަ އެއްވެސް އެއްޗެއް ނުދޭ ކަމަށް އޭސީސީން ބުންޏެވެ.

ސަބްސިޑީ ދިނުމުގައި އެއް ހަމައެއް ގެންގުޅެވިފައި ނެތް ނަމަވެސް ބަދަލަށް އެދުމުގައި ސަބްސިޑީ ދީފައިވާ އަދި ނުދޭ ކުންފުންޏާ މެދު ތަފާތު ކުރާނެ އެއްވެސް މިންގަނޑެއް ކަނޑައަޅާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ކަންކަން ހައްލުކުރަން އޭސީސީގެ "ހުދު ކަރުދާސް" ގައި ވަނީ ލަފާތަކެއް ހުށަހަޅައިފަ އެވެ.

އޭސީސީގެ އާ ވެބްސައިޓު ލޯންޗުކުރުމާއި މުވައްޒަފުންގެ އަގުވަޒަންކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އަނޫލާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސީސީގެ އާ ވެބްސައިޓު ލޯންޗުކުރުމާއި މުވައްޒަފުންގެ އަގުވަޒަންކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އަނޫލާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ތެރޭގައި، ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އުސޫލެއް ހަދައި ވަކި ކަންތައްތަކެއް އެ އުސޫލުގައި ރިއާޔަތްކުރުން ހިމެނެ އެވެ. އެ ކަންކަމުގައި، ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތު ކޮށްދޭން ޖެހުމާއި ލިބިފައިވާ ގެއްލުމުގެ ހެކި ވަޒަން ކުރާނެ މިންގަނޑެއް އެކުލަވައިލުމަށް ވެސް ހުށަހަޅާފައި ވެ އެވެ.

އެއްބަސްވުންތަކާ ގުޅޭގޮތުން އޭސީސީން ހުށަހެޅި ލަފާ:

- ދައުލަތުން އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތަކުގައި އެއްބަސްވުން ހަދާއިރު، ގެއްލުމެއް ލިބިދާނެ ކަމަށް އަންދާޒާކުރާ މާއްދާއެއް އޮތްކަން ކަށަވަރު ކުރުން.

- އެއްބަސްވުމަކާ ހިލާފު ވެގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ އަދަދާ އެއްވަރަށްކަން އެއްބަސްވުމުގައި ތަފްސީލު ކުރުން.

ޕްރޮކިއުމަންޓާ ގުޅޭގޮތުން ހުށަހެޅި ލަފާ:

- ދައުލަތުން އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތައް ހޮވުމަށް ހުޅުވައިލާ ބީލަމުގެ މަރުހަލާ ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އިންތިޒާމު ކުރުން.

- ދައުލަތުން މަޝްރޫއުތައް ހަވާލުކުރާއިރު، މަސައްކަތުގެ ބާވަތާއި އަގަށް ބެލުމަށް ފަހު، ކުންފުނީގެ ތަޖުރިބާގެ ވަރު ކަނޑައަޅާނެ މިންގަނޑެއް މާލިއްޔާތުގެ ގަވާއިދުގައި ހިމެނުން.

ސެޓްލްމެންޓް ކޮމިޓީ އަކީ ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރަން ރައީސަށް ލަފާއެރުވުމަށް، ޖެނުއަރީ، 27، 2015 ގައި އުފެއްދި ކޮމިޓީއެކެވެ. އެ ކޮމިޓީގައި ހިމެނެނީ އެޓާނީ ޖެނެރަލް، ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު، މައްސަލައާ ގުޅުން ހުރި ވުޒާރާ ނުވަތަ ވުޒާރާތަކުގެ ވަޒީރުން އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓެވެ.

ބަދަލު ދިނުމުގެ ކަންކަން ހަރުދަނާކުރަން އޭސީސީން ލަފާދިންއިރު، ކުންފުނިތަކަށް ބަދަލު ދެމުން އަންނަ ގޮތުން މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.