01 ސެޕްޓެމްބަރ 2021
އެމެރިކާ ސިފައިންނާއި އެމެރިކާގެ އާންމު ރައްޔިތުން އަފްގާނިސްތާނުން ފޭބުމުގައި، ތާލިބާނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
އެމެރިކާ ސިފައިންނާއި އެމެރިކާގެ އާންމު ރައްޔިތުން އަފްގާނިސްތާނުން ފޭބުމުގައި، ތާލިބާނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ތާލިބާނުން އަފްގާނިސްތާނު ހިފުމާ އެކު، އެ ގައުމުގައި ތިބި ހުޅަނގުގެ ޑިޕްލޮމޭޓުންނާއި އާންމު ރައްޔިތުން އެ ގައުމުން ބޭރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް، ކާބުލްގެ ވައިގެ ބަނދަރު ގެންދިޔަ އެވެ. އަދި ވައިގެ ބަނދަރުގެ ބޭރު ސަރަހައްދުގައި ސަލާމަތީ ކަންތައް ބެލެހެއްޓުމާ ހަވާލުވީ ތާލިބާންގެ ހަނގުރާމަވެރިންނެވެ.
އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، އެމެރިކާ ސިފައިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކުގައި އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވި އަފްގާނުގެ އެތައް ހާސް މީހުންނެއް ވައިގެ ބަނދަރަށް ޖަމާވުމެވެ. ބައެއް މީހުން ރަންވޭއަށް ވެސް އަރައި ތިއްބެވެ.
ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ދޮށަށް އަފްގާނު އާންމުންގެ އެތައް ހާސް ބަޔަކު ޖަމާވެފައި ތިބި އިރު، އެމީހުން ވައިގެ ބަނދަރުން އެތެރެއަށް ނުވައްދައި، ހަމައެކަނި އެމެރިކާ އާއި ހުޅަނގުގެ އާންމުން ވައިގެ ބަނދަރު ތެރެއަށް ވެއްދުން ވީ ވަކިން ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް ތާލިބާނުންގެ އެހީތެރިކަމާ އެކު އެމެރިކާ ސިފައިން އެކަން ހަމަޖެއްސި އިރު، ވައިގެ ބަނދަރުގެ މައި ދޮރޯށި ދޮށަށް އެއްވެ ތިބި އަފްގާނުގެ އާންމުންނަށް ވާނުވާ ވެސް ނޭނގެ އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ދެ އޮފިޝަލަކު ސީއެންއެން އަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ އާންމު ރައްޔިތުން ކާބުލް ވައިގެ ބަނދަރަށް ވެއްދީ އެކަމަށްޓަކައި ހަމަޖެއްސި ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ.
ހުޅަނގުގެ މީހުން ވައިގެ ބަނދަރަށް ވެއްދުމަށްޓަކައި، އެމެރިކާގެ ސްޕެޝަލް ފޯސްގެ ސިފައިން، ސިއްރު ދޮރޯއްޓެއް ހަމަޖެއްސި އެވެ. އަދި އެ ދޮރޯށީގެ ތެރެއިން މީހުން ވައިގެ ބަނދަރަށް ގެނައުމަށްޓަކައި ހާއްސަ ކޯލް ސެންޓަރެއް ހަމަޖައްސައި، އެ ދުވަހަކު ފުރަން ހަމަޖެހިފައިވާ މީހުން ވަކި ވަގުތުތަކެއްގައި ވަކި ތަނަކަށް ޖަމާވުމަށް، އެ ކޯލް ސެންޓަރު މެދުވެރިކޮށް އަންގަމުން ގެންދެ އެވެ.
އެމެރިކާ މީހުން ޖަމާވާން ކަނޑައެޅި ތަންތަނުގައި ތިބެނީ ތާލިބާންގެ ހަނގުރާމަވެރިންނެވެ. އެ ވަގުތަކު އެތަނަށް ޖަމާވާންޖެހޭ މީހުންގެ ލިސްޓެއް، އެމެރިކާ ސިފައިން އޮންނަނީ ތާލިބާނުންނާ ހިއްސާ ކޮށްފަ އެވެ. އެ ތަނަށް ޖަމާވާ މީހުންގެ ލިޔެކިޔުންތައް ހަމަތޯ ބަލައި، ލިސްޓާ އަޅައިކިޔައިގެން އެއީ ކޮން ބައެއްކަން ކަށަވަރު ކުރުމަށް ފަހު، ސިއްރު ދޮރޯއްޓާ ހަމައަށް އެމީހުން ގެންގޮސްދެނީ ތާލިބާންގެ ހަނގުރާމަވެރިންނެވެ.
ސިއްރު ދޮރޯށިން ވައިގެ ބަނދަރަށް ވަންނަން އަންނަ މީހުންގެ ލިޔެކިޔުންތައް ހަމަތޯ، ތާލިބާނުން ބަލައި ޗެކް ކުރާއިރު، އެމަންޒަރު ފެންނަ ހިސާބުގައި އެމެރިކާގެ ހާއްސަ ފައުޖުގެ ސިފައިން ތިބެ އެވެ. ތާލިބާންގެ ހަނގުރާމަވެރިންގެ އެހީގައި، ސިއްރު ދޮރޯއްޓާ ހަމައަށް އެމީހުން ގެންގޮސްދިނުމުން، އެމީހުންނާ ހަވާލުވަނީ އެމެރިކާ ސިފައިންނެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ވައިގެ ބަނދަރަށް ވަނުމަށްޓަކައި ޖަމާވާން ކަނޑައެޅި އެއް ތަނަކީ، ވައިގެ ބަނދަރާ ކައިރީގައި ހުރި ދާހިލީ ވުޒާރާގެ އިމާރާތެވެ.
ތާލިބާނުންނާއި އެމެރިކާ ސިފައިން ގުޅިގެން، އަފްގާނިސްތާނުގެ އާންމުންނަށް ނޭނގޭނެ ގޮތަށް ހިންގި މި ސިއްރު ހަރަކާތް މިއަދާ ހަމައަށް އައިއިރު ވެސް އޮތީ ސިއްރުކޮށްފަ އެވެ. ސަބަބަކީ، ވައިގެ ބަނދަރު ދޮށަށް ޖަމާވެފައި ތިބި އަފްގާނިސްތާނުގެ އާންމު ރައްޔިތުންނަށް އެކަން ފަޅާ އަރައިފި ހާލަތެއްގައި، ތާލިބާނުން އަމަލުކޮށްފާނެ ގޮތަކާ މެދު ކަންބޮޑުވާތީ އެވެ.
އޭގެ އިތުރުން، ތާލިބާނުންނާ މެދު ޒާތީ ދެކޮޅުވެރިކަމެއް ގެންގުޅޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް، އެމެރިކާ ސިފައިންނާއި ތާލިބާނުންނާ ދެމެދު އެފަދަ ގުޅުމެއް އޮތް ކަން ފަޅާއަރައިފި ނަމަ، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ފަރާތުން އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމެވެ.
އަފްގާނިސްތާނު ހަނގުރާމައިގެ އެންމެ ފަހު އަހަރުތަކުގައި، އެމެރިކާ އާއި ތާލިބާނުންނާ ދެމެދު އަސްކަރީ ދާއިރާއިންނާއި ޑިޕްލޮމެޓިކް ދާއިރާއިން ގުޅުންތަކެއް ހިންގާފައިވެ އެވެ. ނަމަވެސް، އެމެރިކާ ރައްޔިތުން އަފްގާނުން ބޭރުކުރުމުގައި ދެފަރާތުގެ މެދުގައި މިފަދަ ސިއްރު ގުޅުންތަކެއް ބާއްވާނެ ކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރެ އެވެ.
ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމަށް ފަހު، މިދިޔަ ހަފުތާގެ ތެރޭގައި ސީއައިއޭގެ ޑިރެކްޓަރު ވިލިއަން ބާންސް، ކާބުލް އަށް ސިއްރު ދަތުރެއް ކުރައްވައި، ތާލިބާން ޖަމާއަތުގެ އިސް ވެރިޔާ އަބްދުލްޣަނީ ބަރާދަރުއާ ބައްދަލުކުރެއްވި އެވެ.
އިނގިރޭސި ސިފައިން އަފްގާނިސްތާނުން ފައިބައި ނިމިއްޖެ
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އައިއެސްގެ ހަމަލާތަކެއްގައި އަފްގާނުން 7 މީހުން މަރު
އަފްގާނުގައި ސިފައިންގެ ލަޝްކަރެއް އުފައްދަނީ
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި