Roadha Mihaaru
ދިރާގުގެ ޕްރޮމޯޝަން: ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް

ކޮންމެ ހަފްތާއަކު ދެ މީހަކަށް ދުބާއީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

29 ނޮވެމްބަރ 2016

ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް، ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް، ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ އަންނަ ޖެނުއަރީ 14 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭން މިހާރު ގެންގުޅޭ ފަރާތްތަކަށާއި އަލަށް ޕޯސްޓްޕެއިޑް ޕްލޭނެއް ނަގާ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި، ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ދުބާއީ ދަތުރެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ފުޅާ 3ޖީ އަދި 4ޖީ ނެޓްވޯކްގައި އެންމެ ފުރިހަމަ އަދި އެންމެ ހެޔޮ އަގު ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ސްމާޓް ޕޯސްޓްޕެއިޑް ހިދުމަތް ހޯއްދަވައިގެން، ނަސީބުވެރި ހަ ފަރާތަކަށް ވަރަށް އަގުހުރި އިނާމެއް ދިރާގު ކަސްޓަމަރުންނަށް ލިބިގެން ދާނެ،" ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނާ ގުޅޭ ގޮތުން އިމްޖާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅު ވާނެ ފަދަ އިނާމުތައް ފޯރުކޮށްދިނުމަށް. އެ ގޮތުން، ދުބާއީ އަކީ ގިނަ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް މަންޒިލެއް."

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްޖާދު (މ) ވާހަކަދައްކަވަނީ.-- ފޮޓޯ: ދިރާގު

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްޖާދު (މ) ވާހަކަދައްކަވަނީ.-- ފޮޓޯ: ދިރާގު

އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން ބޭނުން ކޮންމެ ދުވަަހަކު ދަތުރުކުރެވޭ ގޮތަށް ދިރާގުން ކޮންމެ ހަފްތާއަކު ދޭ ދުބާއީ ދަތުރުގައި އެއާޕޯޓުން ހޮޓަލަށް ގެންގޮސްދިނުން ވެސް ހިމެނޭ ގޮތަށް، ދެ މީހަކަށް ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުން ލިބޭނެ އެވެ. އަދި ދަތުރުގައި ހަރަދުކުރުމަށް 500 ޑޮލަރު ވެސް ދޭނެ އެވެ. މީގެ އިތުރުން، އަބޫ ދާބީ ބަލައިލުމާއި ސަހަރާއަކަށް ގޮސް އެ ތަން ތަޖުރިބާކޮށްލުމުގެ ފުރުސަތާއި ދުބާއީގެ އެކި ތަންތަން ބަލައިލަން ގެންދިއުން ވެސް ހިމަނާފައިވެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ޕޯސްޓްޕެއިޑް ޕްލޭނެއް އަލަށް ނަގާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަސް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ޖީބީއެއްގެ މޮބައިލް ޑޭޓާ ހިލޭ ލިބުމުގެ އިތުރުން، ތިން މަސްދުވަހުގެ މުއްދަތަށް މަހު ފީން 25 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ހަ ޕޯސްޓްޕެއިޑް ޕްލޭނެއް ދޫކުރެ އެވެ. އޭގެ ތެރެއިން ކޮންމެ ޕްލޭނެއްގައި ވެސް ހިލޭ ގުޅޭ މިނިޓާއި އެސްއެމްއެސް އާއި ޑޭޓާ ހިމަނާފައިވެ އެވެ. އަދި ބޭރަށް ގުޅުމަށް ވެސް ވަރަށް ހެޔޮ އަގުތަކެއް ދިރާގުގެ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ލިބެ އެވެ.