Roadha Mihaaru
އެމްއައިބީގެ 5 ޕަސެންޓް އަމާނާ ތަކާފުލް އިން ގަނެފި

އިސްލާމިކް ބޭންކުގެ ފަސް ޕަސެންޓް ހިއްސާ އަމާނާ ތަކާފުލް އިން ގަނެފި

29 ނޮވެމްބަރ 2016

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ޕަސެންޓް ހިއްސާ، އަމާނާ ތަކާފުލް އިން މިއަދު ގަނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ޕަސެންޓް ހިއްސާ، އަމާނާ ތަކާފުލް އިން މިއަދު ގަނެފި އެވެ.

ލަންކާގެ އަމާނާ ތަކާފުލް އިން ރާއްޖޭގައި ހިންގާ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެމްއައިބީގެ ފަސް ޕަސެންޓް ހިއްސާ ގަތުމަށް އަމާނާ ތަކާފުލްގެ ބޯޑުން ވަނީ މި މަހުގެ 17 ގައި ނިންމައިފަ އެވެ. ދިރާސާތަކަށް ފަހު ނިންމި އެ ނިންމުމާ އެއްގޮތަށް، އެމްއައިބީގެ 9،000 ހިއްސާ ގަނެފައިވާ ކަމަށް އަމާނާ ތަކާފުލް އިން ބުންޏެވެ.

އާއްމުކޮށް ހިއްސާ ނުވިއްކާ އެމްއައިބީ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކުގަ އެވެ. އަމާނާ ތަކާފުލް އިން ގަތީ އައިސީޑީން ކޮންޓްރޯލް ކުރާ ހިއްސާގެ ފަސް ޕަސެންޓެވެ.

އެމްއައިބީގެ ހިއްސާ ބެހިފައިވާ ގޮތް:

- އައިސީޑީ: 80 ޕަސެންޓް

- ދިވެހި ސަރުކާރު: 15 ޕަސެންޓް

- އަމާނާ ތަކާފުލް: ފަސް ޕަސެންޓް

އެމްއައިބީގެ ހިއްސާ ގަތުމުގެ އެއްބަސްވުމުގައި އައިސީޑީ އާއި އަމާނާ ތަކާފުލް އިން ވަނީ މިއަދު ސޮއިކޮށްފަ އެވެ. އަމާނާ ތަކާފުލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އަމާނާ ތަކާފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާނާއި އައިސީޑީގެ ސީއީއޯ އަދި ޖެނެރަލް މެނޭޖަރު ހާލިދު މުހައްމަދު އަބޫދީ އެވެ.

ރާއްޖޭގެ ފުރަތަމަ އަދި އިސްލާމިކް ބޭންކިން އަށް ހާއްސަ ބޭންކް ކަމަށްވާ އެމްއައިބީގެ ހިއްސާ ގަތުމާ ގުޅޭ ގޮތުން އަމާނާ ތަކާފުލްގެ ޗެއާމަން ތައްޔިބު އަކްބަރު އަލީ ވިދާޅުވީ މިކަމުގެ ސަބަބުން ދެ ފަރާތުގެ ވިޔަފާރި ވެސް ފުޅާވެ، އިތުރު ދޮރުތައް ހުޅުވިގެން ދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އެޅި އިންގިލާބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މި ގުޅުމުގެ ސަބަބުން [އިސްލާމިކް] ބޭންކުގެ ވިއުގަ މެދުވެރިކޮށް ތަކާފުލް (އިސްލާމިކް އިންޝުއަރެންސް) އިތުރަށް ޕްރޮމޯޓުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން އެހީތެރިވެދޭނެ،" އަކްބަރު ވިދާޅުވި އެވެ.

އެމްއައިބީގެ ހިއްސާ ފުރަތަމަ ފަހަރަށް ބަޔަކަށް ވިއްކާފައި ވާއިރު، އިސްލާމީ ޝަރީއަތާ އެއްގޮތަށް އިންޝުއަރެންސްގެ ހިދުމަތް ދޭ އަމާނާ ތަކާފުލް އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ވެސް ހަރަކާތްތެރިވެ އެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 4.5 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ އެވެ.