Roadha Mihaaru
ކުނި ނައްތާލާ ބިމުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ހަތަރު ރަށަކަށް ކުނި ނައްތާލާ ސާމާނު ހޯދައި މާލޭގެ ކުނި ނައްތާލާ ބިމުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

29 ނޮވެމްބަރ 2016

ހަތަރު ރަށެއްގައި ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގަތުމަށް ހަތް މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، ކުނި ނައްތާލުމުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިމުގެ ވަށާފާރު ރާނަން ވެސް ބަޔަކަށް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ރަށެއްގައި ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގަތުމަށް ހަތް މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، ކުނި ނައްތާލުމުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިމުގެ ވަށާފާރު ރާނަން ވެސް ބަޔަކަށް ދީފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް 700،000 ރުފިޔާ އަށް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިއަލް އެސްޓޭޓާ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރާއި ރެއަލް އެސްޓޭޓް ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަސީމު ވަނީ އެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

މި މަސައްކަތް ނިންމާލަން އެ ކުންފުންޏަށް ދީފައިވަނީ 35 ދުވަހެވެ.

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން ހައުސިން މިނިސްޓްރީން މިއަދު ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެެވެ.

އެ ބިން ހަވާލުކުރަން އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވިީ، އެ ބިމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސެންޓަރަށް ގެންނަ ކުނީގެ ބަރުދަން ބަލައި އެކި ބާވަތުގެ ކުނި ވަކިކުރުމަށް ފަހު ތިލަފުއްޓަށް ގެންގޮސް، ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ވަނީ ވިލިމާލޭ ކުނި މެނޭޖުކުރާ މަރުކަޒުގެ ވަށާފާރު ރޭނުމާއި ހަތަރު ރަށެއްގައި ކުނި މެނޭޖުކުރަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ދެ ފަރާތަކާ ހަވާލުކޮށްފަ އެވެ. އެ ގޮތުން، ކުނި މެނޭޖުކުރާ ސާމާނު ގަންނަން ހަތް މިލިއަން ރުފިޔާ އަށް ހަވާލުކުރީ ނިއޯމެޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އަދި ވިލިމާލޭ ކުނިކޮށީގެ މަސައްކަތްތައް، ތިން ލައްކަ ރުފިޔާ އަށް ހަވާލުކުރީ ތަޝީޝާ ކިޔާ ކުންފުންޏަކާ އެވެ.

އެކަމަކު، އެއީ ކޮން ރަށްތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.