Roadha Mihaaru
އޮފިސަރުން ވަކިކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ

ފުލުހުންގެ އިސް އޮފިސަރުން ވަކި ކުރުމާ މެދު ސީޕީ އަދިވެސް ގޮތެއް ނުނިންމަވާ

30 އޯގަސްޓް 2021

ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުންތަންފީޒު ކުރެއްވުމާ މެދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދިވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުންތަންފީޒު ކުރެއްވުމާ މެދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދިވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ޕޮލިސް ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި، ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުން ވަކިކުރުމާ މެދު ގޮތެއް ބޯޑުން ނިންމަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ބޯޑުގެ ނިންމުން ތަންފީޒުކުރާނީ ސީޕީ އެވެ. އަދި ސީޕީ ބޯޑުގެ ނިންމުން ތަންފީޒުކުރަންދެން އެ މީހުންނަށް މަގާމުގައި ތިބެވޭނެ އެވެ. ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ލަފާ ދިނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ވަކި ކުރަން ނިންމި ބޭފުޅުންނަކީ:

- އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ

- އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު

- އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު

- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

- ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް

ފުލުހުން މިއަދު ބުނީ އަދިވެސް އެ ނިންމުން ތަންފީޒު ކުރެއްވުމާ ގުޅޭ ގޮތުން ސީޕީ ހަމީދު ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް، ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބަލަމުންދާތީ އެކަމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ޕޮލިސް ބޯޑުން އިތުރު ކަންކަން ސާފު ކުރެއްވުމަށް ޓަކައި ސީޕީ މި މަހުގެ 26 ވަނަ ދުވަހު ޕޮލިސް ބޯޑުގެ މެމްބަރުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފު ކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ މި އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއްތޯ ކަށަވަރުކުރުމަށްޓަކައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ހުށަހަޅުއްވައިފަ އެވެ.