Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނަގަން އެދިއްޖެ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނަގަން ހޯޑެއްދޫ ކައުންސިލުން އެދިއްޖެ

26 އޯގަސްޓް 2021

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ގދ. ހޯޑެއްދޫ އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ބުނެ، އެ ކޯޒްވޭން ނަގަން ނިންމައި އެ މަސައްކަތް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ހޯޑެއްދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ގދ. ހޯޑެއްދޫ އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ބުނެ، އެ ކޯޒްވޭން ނަގަން ނިންމައި އެ މަސައްކަތް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ހޯޑެއްދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް "މިހާރު" އަށް ވިދާޅުވީ ދިޔަވަރު ބޮޑުވާ ކޮންމެ ދުވަހަކު، މި ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. މި މައްސަލަ ހައްލުވާން އޮތީ ކޯޒްވޭ ކަނޑާލައިގެން ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަށް ހޯޑެއްދޫގެ ބިމުގެ 20 ޕަސެންޓް މިހާރު އެ އޮތީ ހަލާކުވެފައި. އެތަނުގައި ގުދުރަތީ ދިރުންތައް ވެސް ނެތިގެން ހިނގައްޖެ،" ވާރިޝް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް އެކި ފަހަރު މަތިން ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާކުރެވުނު ނަމަވެސް، މިހާތަނަށް ހައްލެއް ލިބިފައިނުވާތީ، ކައުންސިލާއި ރަށުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ސަރަހައްދު މިހާރު އޮންނަ ގޮތް.-- ފޮޓޯ: ހޯޑެއްދޫ ކައުންސިލް

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ސަރަހައްދު މިހާރު އޮންނަ ގޮތް.-- ފޮޓޯ: ހޯޑެއްދޫ ކައުންސިލް

މަޑަވެއްޔާއި ހޯޑެއްދޫ ގުޅަައިލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ޕްރޮޖެކްޓަށް ބޮޑު ހަރަދެއް ކޮށްފައި ވަނިކޮށް، އެ ދެ ރަށުގެ ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، ކޯޒްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައި ވެސް ވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އީޕީއޭގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ނޫން ކަމަށާއި މި މަޝްރޫއުގެ ސަބަބުން ލިބޭ ގެއްލުންތަކާ ހެދި ދެ ރަށުގެ ރައްޔިތުންނަށް ބިރުވެރިކަމެއް ކުރިމަތި ވެފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ.

މި ކޯޒްވޭގެ ސަބަބުން ދެ ރަށް ގިރާތީ ރައްޔިތުން ނުކުމެ އެއްފަހަރު ކޯޒްވޭ އިން ބައެއް ކަނޑައި ވެސް ލި އެވެ. މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު 31 މިލިޔަން ރުފިޔާ އަށް ވުރެ މަތިވެފައިވެ އެވެ.