Roadha Mihaaru
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ

ކޯޒްވޭގައި މައްސަލަ ޖެހުނީ ޑިޒައިންކޮށްފައި އޮތް ގޮތުން: އެމްޓީސީސީ

30 ސެޕްޓެމްބަރ 2018

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅާލައި، އެމްޓީސީސީން ހަދާފައިވާ ކޯޒްވޭ މަތިން ލޮނު އަރާތީ އެތަން ކަނޑާލަން ޖެހުނީ ކޯޒްވޭ ޑިޒައިންކޮށްފައި އޮތް ގޮތުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅާލައި، އެމްޓީސީސީން ހަދާފައިވާ ކޯޒްވޭ މަތިން ލޮނު އަރާތީ އެތަން ކަނޑާލަން ޖެހުނީ ކޯޒްވޭ ޑިޒައިންކޮށްފައި އޮތް ގޮތުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުން 29 މިލިޔަން ރުފިޔާ ހަރަދުކޮށްގެން، މިދިޔަ މަހު ހަދާ ނިންމި، ކޯޒްވޭ ކަނޑާލީ ހޯޑެއްދޫ ރައްޔިތުން ނިކުމެ އެވެ. އެއީ ކޯޒްވޭ މަތިން، ރަށުތެރެއަށް ލޮނު އަރައި، މުޅި ރަށުގައި ފެންބޮޑުވާތީ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

ކޯޒުވޭ ހެދީ އޮއި ގަދަ ސަރަހައްދެއްގަ އެވެ. ވެލީގެ ފާލަމެއް އެޅުމުން އެތަނުން ފެން ދައުރުވާނެ ގޮތެއް ނެތި، ހޯޑެއްދޫގެ ހުރިހާ ފަރާތަކަށް ވެސް، އޭގެ ފަހުން ވަނީ ރާޅު އަރަން ފަށައިފަ އެވެ. އަދި ކޯޒްވޭ މަތިން ވެސް ލޮނުގަނޑު އަރަ އެވެ.

ލޮނުގަނޑު ދައުރު ކުރުމަށް، ކޯޒުވޭގެ ތިން ތަނަކުން ކަނޑާފައި ހުއްޓެވެ. ނަމަވެސް އެތަންތަން ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ލޮނުގަނޑު ދައުރެއް ނުކުރެ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ކޯޒްވޭ މަތިން ލޮނުގަނޑު އަރަނީ، އެތަނުގައި އެކަށީގެންވާ ގޮތަށް ލޮނުގަނޑު ދައުރުވާނެ ގޮތެއް ނެތިގެން ކަމަށެވެ.

"އެއީ ޑިޒައިން ކުރުމުގައި ދިމާވި މައްސަލައެއް. އަޅުގަނޑުމެން އެ މަސައްކަތް ކުރީ ހައުސިން މިނިސްޓްރީން ދީފައިވާ ޑިޒައިނާ އެއްގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް، ހައުސިން މިނިސްޓްރީއާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ ވެސް އެކު އެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ ކޯޒްވޭ ގުޅައިލި ފަހުން ތިން ފަހަރެއްގެ މަތިން މައްސަލަ ދިމާވި ކަމަށާއި މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވެސް، ކޯޒްވޭ މަތިން ރަށުގެ ތެރެއަށް ލޮނު އަރައި، ވަރަށް ބޮޑަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންވެ، ކޯޒްވޭ ކަނޑާލަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކަނޑާލާފައިވަނީ، ހޯޑެއްދޫއާ ކޯޒްވޭ ގުޅޭ ބަ އެވެ. އަދި އޭގެ ސަބަބުން، އެ ދޭތެރެއިން ލޮނުގަނޑު ދައުރުވެ، ރަށަށް ކުރާ ބާރު ކޮންމެވެސް ވަރަކަށް ކުޑަވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ސަރުކާރުން ފެށި މި މަޝްރޫއު ނުނިމި، ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ. އަދި ވަކި ހިސާބަކުން މަޝްރޫއު ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފެށީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، މީގެ ދެ މަސް ކުރިންނެވެ.