Roadha Mihaaru
ކައިލީގެ ދަރިފުޅަށް ހަދިޔާއަކަށް ސްކޫލް ބަހެއް

ކައިލީގެ ދަރިފުޅަށް ސްކޫލް ބަހެއް ހަދިޔާއަކަށް ދިނުމުން ފާޑުކިޔަނީ

27 އޯގަސްޓް 2021

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ވިޔަފާވެރިޔާ ކައިލީ ޖެނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ސްޓޯމީ އަށް ބޮޑު ސްކޫލް ބަހެއް ހަދިޔާއަކަށް ދިނުމުން ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ވިޔަފާވެރިޔާ ކައިލީ ޖެނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ސްޓޯމީ އަށް ބޮޑު ސްކޫލް ބަހެއް ހަދިޔާއަކަށް ދިނުމުން ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފި އެވެ.

ރީނދޫ ކުލައިގެ ބަހުގެ އެތެރެ އާއި ބޭރުގައި ސްޓޯމީއާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް ކައިލީ ބުނީ އެ ބަހަކީ ދަރިފުޅުގެ ބައްޕަގެ ފަރާތުން ލިބުނު ސަޕްރައިޒް ހަދިޔާއެއް ކަމަށެވެ.

ކައިލީގެ އެ ޕޯސްޓްތަކާ އެކު ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި ބުނެފައި ވަނީ ކުދިންނާ އެކަށީގެން ނުވާ ވަރުގެ ބޮޑެތި ހަދިޔާތައް ދެނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ހަދިޔާތައް ދަރިފުޅަށް ދޭ ވާހަކަ އާންމުކުރަނީ ވެސް އެ މީހުންގެ ތަނަވަސްކަމާއި ނުފޫޒު ހާމަކުރަން ކަމަށް ބައެއް މީހުން ބުންޏެވެ.

ޓްވިޓާގައި މިކަމަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި މިއީ ބަހުގައި ސްކޫލަށް ކުދިން ފޮނުވާ އާދައިގެ ބެލެނިވެރިންނަށް ކުރި ފުރައްސާރައެކެވެ. އަދި އެންމެ ކުއްޖަކަށް ސްކޫލް ބަހެއް ހަދިޔާއަކަށް ދިނުމަކީ ބޮޑުވަރު ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން ކައިލީ، 24، ދަރިފުޅަށް އަގުބޮޑު ޖަވާހިރު އަނގޮޓިއެއް ހަދިޔާކުރުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.