Roadha Mihaaru
ދާކަޅް: ބޮލީވުޑް ބަތަލާއެއްގެ އެންމެ އަގު ބޮޑު ފިލްމު

ކަންގަނާގެ "ދާކަޅް" އަކީ ބޮލީވުޑް ބަތަލާއެއްގެ އެންމެ އަގު ބޮޑު ފިލްމު

27 އޯގަސްޓް 2021

ދާދި ފަހުން ހަންގޭރީގައި ޝޫޓިން ނިންމާލި، ބަތަލާ ކަންގަނާ ރަނާވަތުގެ އެކްޝަން ސްޕައި ތުރިލާ "ދާކަޅް" އަކީ މިހާތަނަށް ބޮލީވުޑްގައި ބަތަލާއަކު މައިގަނޑު ރޯލު ކުޅޭ ފިލްމަކަށް އެންމެ ބޮޑު ހޭދައެއްކުރި ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ހަންގޭރީގައި ޝޫޓިން ނިންމާލި، ބަތަލާ ކަންގަނާ ރަނާވަތުގެ އެކްޝަން ސްޕައި ތުރިލާ "ދާކަޅް" އަކީ މިހާތަނަށް ބޮލީވުޑްގައި ބަތަލާއަކު މައިގަނޑު ރޯލު ކުޅޭ ފިލްމަކަށް އެންމެ ބޮޑު ހޭދައެއްކުރި ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިހާތަނަށް ބޮލީވުޑްގެ ބަތަލާއެއްގެ އެންމެ ވަރުގަދަ އެކްޝަންތަކެއް ފެންނާނެ ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 80 ކްރޯޑް ރުޕީސް (10.78 މިލިއަން ޑޮލަރު) އެވެ. "ދާކަޅް" އަށް ބޮޑު ހޭދައެއްކުރަން ޖެހުނު އެއް ސަބަބަކީ ފިލްމުގެ އެކްޝަން މަންޒަރުތައް ވަރުގަދަކުރުމުގެ ގޮތުން އެއަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ދެކުނު ކޮރެއާއިން ސްޓަންޓްމެން ހޯދަން ޖެހުމެވެ.

ކަންގަނާ ވެސް ބުނެފައިވާ ގޮތުގައި "ދާކަޅް" އަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމަކަށް ނުވާނެ އެވެ. އަދި މި ފިލްމު އޭނާ ސިފަކޮށްފައި ވަނީ ބޮލީވުޑްގެ ބަތަލާއެއްގެ ރަސްމީ ފުރަތަމަ އެކްޝަން ފިލްމުގެ ގޮތުގަ އެވެ.

އިންޑިއާގެ އިތުރުން ހަންގޭރީގައި މަންޒަރުތައް ނެގި "ދާކަޅް" އަކީ ރަޒްނީޝް ގާއީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްޕާލް، ދިވްޔާ ދައްތާ އަދި މިތުން ޗަކްރަބަތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ) ހިމެނެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ ތަފާތު އަދި މޮޅު ރޯލެއް ފެންނާނެ ކަމަށް ގަބޫލުކުރެވޭ "ދާކަޅް" ސިނަމާތަކަށް ގެންނާނެ އިރެއް އަދި ނޭނގެ އެވެ. އެންމެ ފަހުން ފިލްމު ރިލީޒްކުރާނެ ތާރީހަކަށް މި އަހަރުގެ ޖެނުއަރީގައި އިއުލާންކޮށްފައި އޮތީ އަންނަ އޮކްޓޯބަރު 1 އެވެ. ނަމަވެސް ކޮވިޑާ ހެދި ކުރިން ރޭވި ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދެވި ޝޫޓިން ލަސްވުމާ ގުޅިގެން އެ ތާރީހުގައި ފިލްމު ނުގެނެސްދޭން އޮތީ ނިންމައިފަ އެވެ. "ދާކަޅް" މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

މިދިޔަ އަހަރު "ޕަންގާ" އިން ފެނިގެން ދިޔަ ބަތަލާގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ މަހުގެ 10 އަށް ތާވަލުކޮށްފައި އޮތް "ތަލައިވީ" އެވެ. މިއީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލު ކަންގަނާ ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ.