19 އޯގަސްޓް 2021
ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، އަފްގާނިސްތާންގެ ވެރިކަމުގެ ކޮންޓްރޯލް ތާލިބާނުން ހޯދުމުން، އަފްގާނިސްތާނާއި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތައް ކުޅެވޭނެކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.
ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، އަފްގާނިސްތާންގެ ވެރިކަމުގެ ކޮންޓްރޯލް ތާލިބާނުން ހޯދުމުން، އަފްގާނިސްތާނާއި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތައް ކުޅެވޭނެކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.
އޭޝިއަން ކަޕުގެ ދެ ކެޓެގަރީގެ ކޮލިފައިންގައި ރާއްޖޭގެ ދެ ޓީމު އަންނަ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި އަފްގާނިސްތާންގެ ޓީމުތަކާ ދެކޮޅަށް ކުޅެން ވަނީ ހަމަޖެހިފަ އެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭޝިއަން ކަޕް އަންހެން ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެއިން އަފްގާނިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު، އަފްގާނިސްތާންގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އަންހެން ކޮލިފިކޭޝަނަށް ތައްޔާރު ވުމަށް ގައުމީ ޓީމުގެ ޓްރޭނިންތައް މިހާރުވެސް ދަނީ ކުރިއަށެވެ. އަންނަ މަހު 23-29 އަށް ކޮލިފިކޭޝަން ކުރިއަށްދާނީ ތަޖިކިސްތާންގަ އެވެ. ރާއްޖެ އާއި އަފްގާނިސްތާންގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ ވިއެޓްނާމް އާއި ތަޖިކިސްތާން އެވެ. ކޮލިފިކޭޝަން ކުރިއަށްދާނީ ތަޖިކިސްތާންގަ އެވެ.
އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި އަފްގާނިސްތާން ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ އިރާގާއި ބަހުރެއިން އެވެ. އޮކްޓޯބަރު 23-31 ބަހްރެއިންގައި ކުރިއަށްދާ ކޮލިފިކޭޝަން ތައްޔާރު ވުމަށް އަންނަ މަހު ޒުވާން ޓީމު ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމު
ތާލިބާނުން އަލުން ވެރިކަމަށް އައިރު، އަފްގާނިސްތާންގެ ފުޓްބޯޅަ އަށް ވާނެ ގޮތެއް ނޭނގެ އެވެ. މީގެ ކުރިން އަފްގާނިސްތާންގައި ތާލިބާނުން ވެރިކަން ކުރި އިރު، 1996-2001 އަފްގާންގައި ފުުޓްބޯޅަ އޮތީ މަނާކޮށްފަ އެވެ. ތާލިބާނުންނާ ހަނގުރާމަކޮށް އޭރު ސަރުކާރު ވައްޓާލުމަށް ފަހު، އަލުން އަފްގާނިސްތާންގައި ފުޓްބޯޅައިގެ ހަރަކާތްތައް އެމެރިކާ އިން ގާއިމުކުރި ސާރުކާރުން ފެށި އެވެ.
އަފްގާނިސްތާންގެ ފުޓްބޯޅަ އަށް އަނެއްކާވެސް ވާނެ ގޮތަކާ މެދު، އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ވަނީ ސުވާލު އުފައްދައިފަ އެވެ.
"ތާލިބާނުން ބާރުވެރި ކަމުގައި ތިބި އިރު އަހަރެން އުންމީދު ކުރަން އަފްގާންގެ ފުޓްބޯޅައާ އެ މީހުން ނުބެހޭނެ ކަމަށް،" ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން އިންޓަވިއު ކުރި އަފްގާނިސްތާންގެ ސީނިއާ ކުޅުންތެރިޔަކު ބުންޏެވެ. "އަފްގާން ފުޓްބޯޅަ ފެޑްރޭޝަނަށް އެ މީހުން ބާރު ފޯރުވައިފި ނަމަ ފީފާ އިން ފިޔަވަޅު އަޅާނެ. އެހެންވާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން."
އަފްގާނިސްތާންގައި ކްރިކެޓްގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް، ތާލިބާނުން ބުނެފައިވާ ކަމަށް އެ ގައުމުގެ ކްރިކެޓް ނޫސްވެރިޔާ އިބްރާހިމް މޮމަންނަދު ޓްވިޓާގައި ލިޔެފައިވެ އެވެ. ތާލިބާނުން ރިފޯމް ވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. ފަހަރެއްގައި ފުޓްބޯޅަ އަށް ވެސް ފުރުސަތު ދީފައި ވާނެ ކަމަށް ބެލެވެ އެވެ.
އަންހެން ސާފް ޗެމްޕިއަންޝިޕިގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗަށް ދެ ޓީމު ނުކުންނަނީ --- ފޮޓޯ: ގޯލް ނޭޕާލް
ފުޓްބޯޅަ އަށް ހުއްދަ ދިނަސް، އަންހެން ޓީމަށް ފުޓްބޯޅަ ކުޅުމުގެ ހުއްދަ ދީފާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އިންޑިއާގެ ނޫސް، "އައުޓް ލުކް އިންޑިއާ" އާ ވާހަކަ ދެއްކި އަފްގާނިސްތާންގެ ފުޓްބޯޅަ އޮފިޝަލަކު ބުނީ އަންހެނުން ފުޓްބޯޅަ ކުޅުމަކީ ތާލީބާނުން ރުޅި އަރާ ކަމެއް ކަމަށެވެ.
ރާއްޖޭގެ އަންހެން ޓީމާއި އަފްގާނިސްތާންގެ އަންހެން ޓީމު ވަނީ މީގެ ކުރިން ބައްދަލު ކޮށްފަ އެވެ. އިންޑިއާގައި 2014 ގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ އަފްގާނިސްތާން ބަލިކޮށްފަ އެވެ. އެ ފަހަރު މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދި އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމާއި އަފްގާންގެ އަންހެން ޓީމު ކުޅޭ މެޗު ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 29 އަށެވެ.
އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތަކާ ބެހޭގޮތުން ފީފާ ނުވަތަ އޭއެފްސީން އެއްވެސް ނިންމުމެއް އަދި ނިންމައިފައެއް ނުވެ އެވެ.
"އަދި އެކަހަލަ އެއްވެސް އިޝާރާތެ ނެތް،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.
އަފްގާނިސްތާން ޒުވާން ޓީމަށް ބަހްރޭނަކަށް ނުފުރުނު
ރާއްޖެއާ ދެކޮޅަށްކުޅޭ ކޮލިފައިންއިން އަފްގާން ވަކިވެއްޖެ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މާލޭން ވަރުގަދަ ޓީމެއް ނެރެ، ޗެލެންޖް ދޭނެ
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން