Roadha Mihaaru
"ގަނަޕަތު" ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ: ޓައިގާ

"ގަނަޕަތު" ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ: ޓައިގާ

18 އޯގަސްޓް 2021

ޝޫޓިން ފަށަން ތައްޔާރު ވަމުން އަންނަ ފިލްމު "ގަނަޕަތު" އަކީ ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށާއި ވަރަށް ތަފާތު އެކްޝަންތަކެއް މީގައި ފެންނާނެ ކަމަށް އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ފަށަން ތައްޔާރު ވަމުން އަންނަ ފިލްމު "ގަނަޕަތު" އަކީ ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށާއި ވަރަށް ތަފާތު އެކްޝަންތަކެއް މީގައި ފެންނާނެ ކަމަށް އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.

އެ ފިލްމުގެ އެކްޝަންތަކަށް ތަމްރީނު ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، މިއިން ފެންނަ މަންޒަރުތަކަކީ އަދި ފެށުމެއް ކަމަށް ޓައިގާ ބުންޏެވެ. އޭނާ ބުނީ "ގަނަޕަތު" އަކީ މިހާތަނަށް ކުޅުނު ރޯލްތަކުން އެންމެ ތަފާތު އަދި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމު ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ "ގަނަޕަތު" އަކީ ދެ ބަޔަކަށް، ވިކާސް ބާލް ހަދާ ފިލްމެކެވެ. ކަންގަނާ ރަނާވަތަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފުރަތަމަ ފިލްމު "ކްއީން" ގެނެސްދިން ވިކާސް އެންމެ ފަހުން ގެނެސްދިނީ ރިތިކް ރޯޝަންގެ 2019 ގެ "ސުޕަ 30" އެވެ.

އަަމީތާބް ބައްޗަނާ އެކު މިހާރު "ގުޑްބާއި" ކިޔާ ފިލްމެއް ހަދަމުން އަންނަ ޑައިރެކްޓަރުގެ "ގަނަޕަތު" ގެ ފުރަތަމަ ބައި އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. މި ފިލްމުގެ ބަތަލާ އަކީ ޓައިގާގެ ފުރަތަމަ ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ. "ގަނަޕަތު" އަކީ އޭނާގެ ވެސް ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެކެވެ.

މި ފިލްމުން ޓައިގާގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެކަން މިހާރު ވެސް ކަށަވަރުވާ އިރު، އޭނާ އަކީ މި ވަގުތު ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޝަން ތަރި އެވެ. ޓައިގާގެ "ބާގީ" ސީރީޒްގެ ތިން ފިލްމަކީ ވެސް އޭނާގެ ވަރަށް ވަރުގަދަ އެކްޝަން ރޯލެއް ފެނިގެން ދިޔަ ފިލްމުތަކެކެވެ.

މި އަހަރުގެ ޑިސެމްބަރު 3 އަށް ތާވަލުކޮށްފައި އޮތް "ހީރޯޕަންތީ 2" އަކީ ވެސް ވަރުގަދަ އެކްޝަން ފިލްމެކެވެ.