Roadha Mihaaru
ފަޔަފޮކްސްގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެއްޖެ

ފަޔަފޮކްސްގެ މަގުބޫލުކަން ދަށްވެ 46 މިލިއަން ކަސްޓަމަރުން ގެއްލިއްޖެ

16 އޯގަސްޓް 2021

ތިން އަހަރުގެ ތެރޭގައި ފަޔަފޮކްސް އަށް 46 މިލިއަން ކަސްޓަމަރުން ގެއްލިފައިވާ ކަމަށާއި އެ ބޭނުންކުރާ މީހުންގެ އަދަދު މި ރޭޓުން ދަށްވާ ނަމަ އެ ބްރައުޒާގެ މާ ބޮޑު މުސްތަގުބަލެއް ނެތް ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިން އަހަރުގެ ތެރޭގައި ފަޔަފޮކްސް އަށް 46 މިލިއަން ކަސްޓަމަރުން ގެއްލިފައިވާ ކަމަށާއި އެ ބޭނުންކުރާ މީހުންގެ އަދަދު މި ރޭޓުން ދަށްވާ ނަމަ އެ ބްރައުޒާގެ މާ ބޮޑު މުސްތަގުބަލެއް ނެތް ކަމަށް ބެލެވެން ފަށައިފި އެވެ.

ކުރިން ވަރަށް މަގުބޫލު ބްރައުޒާއެއްގެ ގޮތުގައި ފަޔަފޮކްސް ފާހަގަ ކުރެވުނަސް އޭގެ މަގުބޫލުކަން ކުޑަވެ، ގިނަ ބަޔަކު އެ ދޫކޮށްދާން ފެށީ އަޕްޑޭޓްތައް މަދުވުމާއި އާ ފަސޭހަތަކެއް ގެނެސް ނުދޭތީ އެވެ. އެހެންވެ މިހާރު ގޫގުލް ކްރޯމްއާ އަޅާބަލާ އިރު، ފަޔަފޮކްސްް އުޅެނީ ވަރަށް ފަހަތުގަ އެވެ.

ފަޔަފޮކްސްގެ ތަފާސްހިސާބުތައް ބުނާ ގޮތުން 2018 ވަނަ އަހަރު ނިމުނު އިރު އެ ބްރައުޒާ ބޭނުންކުރާ މީހުންގެ އަދަދު އުޅުނީ 244 މިލިއަންގަ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އައި އިރު، އެ އަދަދު މިހާރު 198 މިލިއަނަށް ވެއްޓިފައިވެ އެވެ.

މޮޒިއްލާ ފައުންޑޭޝަންގެ ފަޔަފޮކްސް އަކީ މީގެ 18 އަހަރު ކުރިން ސެޕްޓެމްބަރު 23، 2002 ގައި އާންމުކުރި ބްރައުޒާއެކެވެ. އެ ބޭނުންކުރާ މީހުންގެ ނިސްބަތަކީ މިހާރު އެންމެ 7.62 ޕަސެންޓެވެ. އެއީ ބްރައުޒާތައް ލިސްޓްކުރާ ނަމަ ހަތަރު ވަނަ އެވެ.

މިހާރު އެންމެ މަގުބޫލު ބްރައުޒާ އަކީ 68.76 ޕަސެންޓް މީހުން ބޭނުންކުރާ ގޫގުލް ކްރޯމް އެވެ. ދެން އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ ސަފާރީ (9.7 ޕަސެންޓް) އާއި މައިކްރޮސޮފްޓް އެޖް (8.1 ޕަސެންޓް) އެވެ. އެޖް އަކީ މައިކްރޮސޮފްޓް އެކްސްޕްލޯރާގެ މުސްތަގުބަލެވެ. އެކްސްޕްލޯރާގެ މަގުބޫލުކަން ވެއްޓި އަންނަ އަހަރުގެ ޖޫން 15 އިން ފެށިގެން އެ ބްރައުޒާ ހުއްޓައިލާނެ އެވެ.