Roadha Mihaaru
އޭއެފްސީން ދެވަނަ ވިސްނުމަކަށް ދިޔަނަމަ މާރަނގަޅުވީސް

އޭއެފްސީން ދެވަނަ ވިސްނުމަކަށް ދިޔަނަމަ މާރަނގަޅުވީސް: ބެންގަލޫރު ކޯޗް

14 އޯގަސްޓް 2021

އޭފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޒޯންގެ މެޗުތައް ކެންސަލްކޮށް އަލުން ކުޅުމާމެދު އޭފްސީން ދެ ވަނަ ވިސްނުމަކަށް ދިޔަނަމަ މާ ރަނގަޅުވީސް ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗް މާކޯ ޕެޒައުއޯލީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޒޯންގެ މެޗުތައް ކެންސަލްކޮށް އަލުން ކުޅުމާމެދު އޭފްސީން ދެ ވަނަ ވިސްނުމަކަށް ދިޔަނަމަ މާ ރަނގަޅުވީސް ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗް މާކޯ ޕެޒައުއޯލީ ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރު ޓީމު މާލެ އައި މިއީ ދެ ވަނަ ފަހަރެވެ. މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ޕްރީ ޕްރެސްގައި ވާހަކަ ދައްކަމުން ޖަރުމަނަށް އުފަން ނަމަވެސް މިހާރު އިޓަލީ އަށް ވެސް ނިސްބަތްވާ ޕެޒައުއޯލީ ބުނީ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އޭއެފްސީ ކަޕާ މެދު ދެ ވަނަ ވިސްނުމަކަށް އޭއެފްސީން ދިޔަ ނަމަ ރަނގަޅުވިސް ކަމަށެވެ.

މެއި މަހު ކުޅެން އޮތް މެޗު އޭއެފްސީން އަލުން ރީ ޝެޑިއުލް ކުރުމުން މުބާރާތަށް ތައްޔާރުވާން އުނދަގޫތަކެއް ހުރިކަން އޭނާ ފާހަގަކުރި އެވެ. އޭނާ ބުނީ މެއި މަހު މެޗު ކުޅުނު ނަމަ މާ ރަނގަޅުވީސް ކަމަށެވެ.

މެއި މަހު ކުޅެން އޮތް މެޗަށް އައި އިރު ބެންގަލޫރު އޮތީ ސީޒަންގެ މެދުތެރޭގަ އެވެ. އޭރު ގޯއާގައި އިންޑިއަން ސުޕަ ލީގު ކުރިއަށް ގެންދިއުމުން އެ މުބާރާތުގައި ވެސް ކުޅުނީ ކުޅުންތެރިން އެއް ބަބުލްއެއްގައި ތިބެގެންނެވެ. ކަރަންޓީނާއި ލޮކުޑައުންގައި ހޭދަކުރި މުއްދަތު އެކު ބަންގަލޫރުގެ ކުޅުންތެރިން ބަބްލްސްގައި ހޭދަ ކުރާތާ ގާތްގަނޑަކަަށް އަހަރެއް ވެދާނެ ކަމަށް ޕެޒައުއޯލީ ބުންޏެވެ. ޖަރުމަަންގެ ފްރެންކްފާޓްގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު އަދާ ކުރި ޕެޒައުއޯލީ ބުނީ ބަބްލްސްގައި ހޭދަ ކުރަން ޖެހުމަކީ ކުޅުންތެރިންނަށް ވެސް ކުރިމަތިވާ ބޮޑު ޕްރެޝަރެއް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި މާކޯ ޕެޒައުއޯލީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި މާކޯ ޕެޒައުއޯލީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭއެފްސީ ކަޕުގެ އާސިއާން ސަރަހައްދުގެ ގުރޫޕް ސްޓޭޖު ކަންސަލް ކުރީ ދަތުރު ކުރަން އެ ގައުމުތަކުން ބޭނުން ނުވުމުން ކަމަށް ޕެޒައުއޯލީ ފާހަގަ ކުރި އެވެ.

"އަދިވެސް (ކޮވިޑް-19ގެ) ހާލަތުގައި ދަތުރު ކުރަން އެހާ ރައްކާތެރިއެއް ނޫން،" އޭނާ ބުންޏެވެ.

ޔޫއެފާގެ ކްލަބު މުބާރާތް 2020 ގައި ކުރިއަށް ގެންދިޔަ ގޮތަށް ހުރިހާ ޓީމެއް އެއް ގައުމަކަށް ގޮސް މުބާރާތް ކުޅޭ ގޮތަށް ހެދުމުން ދަތުރު ކުރުން މަދުވެގެން ދިޔަކަން ފާހަގަކޮށް ޕެޒައުއޯލީ ބުނީ އޭއެފްސީން ވެސް އޭއެފްސީ ކަޕް އެގޮތަށް ހެދި ނަމަ ރަނގަޅުވީސް ކަމަށެވެ.

"ކޮވިޑް ހާލަތުގައި ކޮންމެ ފަހަރަކު މިވަރަށް ދަތުރުކުރުމަކީ އެންމެންނަށް ވެސް އޮތް ބޮޑު ރިސްކެއް. އެއީ ފަސޭހަ ކަމަކަށް ނުވާނެ،" ޕެޒައުއޯލީ ބުންނެވެ.

"އަހަންނަށް ހީވަނީ ގިނައިން ދަތުރު ނުކޮށް އަމިއްލަ ގައުމުގައި ތިބެގެން ލޯކަލް ލީގަށް ފުރުސަތު ދިން ނަމަ ރަނގަޅުވީިސް ހެން. އެއީ އެންމެންނަށް ވެސް ރައްކާތެރި ގޮތަކަށް ވާނީ.

"އުނދަގޫ ހާލަތުގައި ވެސް އަހަރެމެންގެ ކުޅުންތެރިން ތިބީ މި މެޗަށް ތައްޔާރުވެފައި، ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި."

ބެންގަލޫރާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 8 ޖަހާއިރު އެވެ.

އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާގެ ގުރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. ގުރޫޕް ސްޓޭޖުން އޮޓޮމެޓިކް ޖާގަ ހޯދާފައި ވަނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އެވެ. ގުރޫޕް ސްޓޭޖު މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ތިން ދުވަހު މެޗުތައް ކުޅޭނެ އެވެ. ކޮންމެ މެޗު ޑޭ އެއްގައި ދެ މެޗު ކުޅޭނެ އެވެ.