Roadha Mihaaru
އޭއެފްސީ ކަޕުގައި ވެސް ބަގާންއިން ބެންގަލޫރު ބަލިކޮށްފި

އޭއެފްސީ ކަޕުގައި ވެސް މޯހަން ބަގާން އިން ބެންގަލޫރު ބަލިކޮށްފި

18 އޯގަސްޓް 2021

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާންއިން ބެންގަލޫރުގެ މައްޗަށް 2-0 ކާމިޔާބު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާންއިން ބެންގަލޫރުގެ މައްޗަށް 2-0 ކާމިޔާބު ހޯދައިފި އެވެ.

އިންޑިއާ އަށް ނިސްބަތްވާ މި ދެ ކްލަބު ލޯކަލް ސީޒަންގައި މީގެ ކުރިން ބައްދަލު ކުރި ދެ މެޗު ވެސް، މޯހަން ބަގާން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ މޯހަން ބާގަން އަތުން ޖެހިޖެގެން ބެންގަލޫރު ބަލިވި ތިން ވަނަ މެޗެވެ.

ބެންގަލޫރު އެފްސީ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ރާއްޖޭގެ ކްލަބު އީގަލްސް ބަލި ކުރުމަށް ފަހު އެވެ. އެ މެޗުން މޮޅުވެގެން ލިބުނު އިތުބާރެއް، މިއަދު ލޯކަލް ވާދަ ވެރިޔާ، މޯހަން ބަގާންއާ ދެކޮޅަށް ބެންގަލޫރަށް ބޭނުމެއް ނުކުރެވުނެވެ.

މޯހަން ބަގާންއިން ލީޑް ނެގީ، މެޗުގެ 39 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ހޫގޯ ބޮއުމްސް ނެގި ކޯނަރުން ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ލަނޑު ކާމިޔާބު ކުރީ ފިޖީގެ ފޯވަޑް ރޯއީ ކްރިޝްނާ އެވެ.

މޯހަން ބާގަން އާއި ބެންގަލުރު މިއަދު މާލޭގައި ކުޅުނު މެޗުގެ ތެރެއިން

މޯހަން ބާގަން އާއި ބެންގަލުރު މިއަދު މާލޭގައި ކުޅުނު މެޗުގެ ތެރެއިން

މޯހަން ބަގާންއިން އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި ދެ ވަނަ ހާފު ފެށި ގޮތަށެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޝުބާޝިސް ބޯސް އެވެ. ޑޭވިޑް ވިލިއަމްސް ދިން ބޯޅައިން ޝުބާޝިސް ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. މޯހަން ބަގާންގެ ހާފުގެ މެދެއްހާ ހިސާބުން ބެންގަލުރުގެ ޖަޔޭޝް ދިލިޕް ރަނޭ، ފޮނުވާލި ބާރު ބޯޅަ ގޯލައާ އަމާޒެއް ނުވި އެވެ. ނަމަވެސް އެ ބޯޅަ މޯހަން ބަގާންގެ ކީޕަރު އަމްރިންދަރު ސިންހް ދިފާއު ކުރި އެވެ.

ލަނޑު ޖެހުމުގެ ކުރިން މޯހަން ބަގާންއިން ފޮނުވާލި އެންމެ ނުރައްކާތެރި ބޯޅަ ފޮނުވާލީ މެޗުގެ 21 ވަނަ މިނެޓްގައި ބޮއުމްސް އެވެ. ބެންގަލޫރުގެ ޑިފެންޑަރު ޝުރޭޝް ސިންހް ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލި ބޯޅަ، ބެންގަލޫރުގެ ކީޕަރު ގުރްޕްރީޓް ސިންހް ހުޝިޔާރު ކަމާއެކު ދިފާއު ކުރި އެވެ.

މޯހަން ބާގަން އާއި ބެންގަލުރު މިއަދު މާލޭގައި ކުޅުނު މެޗުގެ ތެރެއިން

މޯހަން ބާގަން އާއި ބެންގަލުރު މިއަދު މާލޭގައި ކުޅުނު މެޗުގެ ތެރެއިން

މެޗުގެ 26 ވަނަ މިނެޓްގައި ބެންގަލޫރަށް ލިބުނު ހިލޭ ޖެހުމެއްގައި ނުރައްކާ ކުރަން ފުރުސަތު ލިބުނެވެ. މޯހަން ބަގާންގެ އޭރިއާ ބޭރުން އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ކްލެއިޓަން އޮގޮސްޓޯ، އޭރިއާ ތެރެއަށް ނަގައިދިނުމުން އެލަން ކޮސްޓާ ބޮލުން ޖަހަން ޖަމްޕު ޖެހި ނަމަވެސް އޭނާގެ ބޯލުގައި ބޯޅަ ލައްވައެއް ނުލި އެވެ. ބޯޅަ ދިޔައީ އޭނާގެ ބޮލަށް ވުރެ އިންޗިއެއްހައި މަތިންނެވެ.

މެޗުގެ 56 ވަނަ މިނެޓްގައި ބެންގަލޫރު އޮގްސްޓޯ ވަނީ އޭރިއާގެ ބޭރުން ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ބަގާންގެ ކީޕަރު އަމްރިންދަރު ދިފާއު ކުރުމުން ރީބައުންސަށް ވެސް ނުކުތެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ބެންގަލުރުގެ ކުޅުންތެރިންނަށް އެ ބޯޅަ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މި ގުރޫޕްގެ ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބޮށުންދޮރާ ކިންގްސް އެވެ. އެ މެޗު ފަށާނީ ރޭގަނޑު 9 ޖާހައިރު އެވެ.