Roadha Mihaaru
ދިރާސީ އަހަރު ފެށުމަށް ވިލާ ސްކޫލުގެ އެސެމްބްލީއެއް

ދިރާސީ އަހަރު ފެށުމަށް ވިލާ ސްކޫލުން ހާއްސަ އެސެމްބްލީއެއް

11 އޯގަސްޓް 2021

ދިރާސީ އާ އަހަރު ފަށުމަށް ވިލާ ހައި އިންޓަނޭޝަނަލް ހައި ސްކޫލުން ހާއްސަ އެސެމްބްލީއެއް މިއަދު ބާއްވައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ދިރާސީ އާ އަހަރު ފަށުމަށް ވިލާ ހައި އިންޓަނޭޝަނަލް ހައި ސްކޫލުން ހާއްސަ އެސެމްބްލީއެއް މިއަދު ބާއްވައިފި އެވެ.

އެ ސްކޫލުގައި ބޭއްވި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އަދި އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއީލް ނަޝީދު ބައިވެރިވެ ވަޑައިގަތެވެ.

އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވީއައިއެޗްއެސް އުފެދިފައިވަނީ ސަރުކާރުގެ އިސްނެގުމަކާ އެކު ޕްރައިވެޓް ސެކްޓަރަށް ހުޅުވާލި ފުރުސަތުގައި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމާއި އެ ސްކޫލުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ގުޅިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ވީއައިއެޗްއެސް މި ހިސާބަށް އައިސްފައި ވަނީ އެންމެ ފުރިހަމަ ވަސީލަތްތަކާއި ގާބިލް ޓީޗަރުންނާ އެކު މަތީ ސާނަވީ ސްކޫލުގެ ތަޖުރިބާ އެންމެ ރަނގަޅަށް ފޯރުކޮށްދޭ ސްކޫލުގެ ގޮތުގަ އެވެ. އަދި މުސްތަގުބަލުގައި ވެސް އެގޮތުގައި އެ ސްކޫލުން ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހަމައެކަނި އެންމެ މޮޅު ކުދިން ހޮވާލައިގެން އެ ކުދިންނަށް ކިޔަވައިދީ އެ ކުދިންގެ ނަތީޖާ އަށް ފަހުރުވެރިވާނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ކުދިން އަތުގަ ހިފައިގެން ނަގާ ކޮޅަށް ޖެހޭތޯ މަސައްކަތްކުރާ ބައެއް،" ސައީދު ވިދާޅުވި އެވެ.

ވީއައިއެޗްއެސް އިން ހަމައެކަނި ބޭނުންވަނީ ދަރިވަރުންނަށް ތައުލީމީ ސެޓިފިކެޓެއް ހޯދައިދިނުން ނޫން ކަމަށާއި އޭގެ އިތުރުން ޒަމާނަށް ބޭނުން ހިފޭ ކަންތައްތައް ދަސްކޮށްދިނުމާ އެކު ޒަމާނަށް ބޭނުންހިފޭ ދަރިވަރުން އުފެއްދުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެ ހިދުމަތްތެރިއަކީ އަލުގަނޑުމެންގެ ދީނަށް ލޯބިކުރާ ދަރިއެއް ކަމުގައި ވާން އަޅުގަނޑުމެން އެދެން. އެ ހިދުމަތްތެރިއަކީ އަޅުގަނޑުމެންގެ ގައުމުގެ ހުރިހާ ބަހާތަކަށް އިހުތިރާމް ކުރާ ގައުމީވަންތަ ރޫހެއް ހުރި ދަރިއަކަށް ވޭތޯ އަލުގަނޑުމެން މަސައަކްތްކުރަން. އެ ދަރިއަކީ އިންސާނިއްޔަތުކަން ހުރި ފުރިހަމަ އިންސާނަކަށް ވޭތޯ އަޅުގަނޑުމެން ހާއްސަ ޕްރޮގްރާމްތަކެއް ރާވާ އެ މަގަށް އިންތިޒާމުތަކެއް ކޮށްގެން މަސައްކަތްކުރަން." ސައީދު ވިދާޅުވި އެވެ.

ދެހާސް ދިހަ ވަނަ އަހަރު މަތީ ސާނަވީ ތައުލީމް ދޭން ފެށި ވީއައިއެޗްއެސްގައި 550 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. އެ ސްކޫލުން ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.