Roadha Mihaaru
"ރައީސް ޔާމީނަކީ ވައުދުވެ، ވައުދު ފުއްދާ ރައީސެއް"

ރައީސް ޔާމީނަކީ ވައުދުވެ، ވައުދު ފުއްދަވާ ރައީސެއް: ނައިބު ރައީސް

27 ނޮވެމްބަރ 2016

ރައީސް އަބްދުﷲ ޔާމީނަކީ ވައުދުވެ، އެ ވައުދު ފުއްދަވާ ރައީސެއް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރައީސް އަބްދުﷲ ޔާމީނަކީ ވައުދުވެ، އެ ވައުދު ފުއްދަވާ ރައީސެއް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހާސިލްވި ކަންކަން ފާހަގަކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ހުރިހާ ރައްޔިތުންގެ ރައީސް ކަމަށެވެ. އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ރައްޔިތުންނަށް ފެންނަމުން ދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއް ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމެއް ނެރި ކުރިއަކަށް ނުގެންދެވޭނެ އެވެ.

"ގޫގްލް ސްޕީޑެއް ނޫން. ރޮކެޓް ސްޕީޑަށް ވުރެ ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން މިނިސްޓަރުގެ ފަހަތުގައި ތިއްބަވާށޭ،" ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ކިބައިން ޖިހާދު އެދިވަޑައިގަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވެސް ވާހަކަ ދެއްކެވި އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ސަރުކާރުން މިދިޔަ ތިން އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހަފުލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހަފުލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިއަދުގެ ހަފުލާގައި، ފިނޭންސް މިނިސްޓްރީން މިދިޔަ ތިން އަހަރުގައި ކޮށްފައިވާ ކަންކަން ލިޔެފައިވާ ލިޔުންކޮޅުތަކެއް ހަރުކޮށްފައިވާ ކުދި ކަޕްކޭކުތަކެއް ބަހައްޓާފައި ހުއްޓެވެ. އަދި އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ބެކްޑްރޮޕެއްގައި، ކޮންމެ މުވައްޒަފަކު ވެސް ކޮށްފައިވާ މުހިންމު ކަމެއް ލިޔެފަ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ މި މަހުގެ 17 އަށް ތިން އަހަރު ފުރިފައިވާއިރު، 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މާދަމާ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން ކޮށްފައިވާ ކަންކަން ހިއްސާކުރުމުގެ އިތުރަށް، ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.