Roadha Mihaaru
މިނިޓެއްގެ ޕްރޮމޯއަކުން ރޭކާ އަށް 7 ކްރޯޑް

މިނިޓެއްގެ ޕްރޮމޯއަކުން ރޭކާ އަށް 7 ކްރޯޑް ރުޕީސް

08 އޯގަސްޓް 2021

ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ އަކީ ކޮންމެ ފެނިލުމަކުން ވެސް ބެލުންތެރިން ޖާދޫގައި ޖައްސުވާ ނުފޫޒު ގަދަ ތަރިއެކެވެ. މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ބަތަލާ، އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ އެކި ޝޯތަކުން އަބަދު ވެސް ތަފާތު ގޮތްގޮތަށް ފެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ އަކީ ކޮންމެ ފެނިލުމަކުން ވެސް ބެލުންތެރިން ޖާދޫގައި ޖައްސުވާ ނުފޫޒު ގަދަ ތަރިއެކެވެ. މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ބަތަލާ، އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ އެކި ޝޯތަކުން އަބަދު ވެސް ތަފާތު ގޮތްގޮތަށް ފެނެ އެވެ.

ސްޓާ ޕްލަސް އިން މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެނެސްދޭން ފެށުމުގެ ކުރިން އެ ސިލްސިލާގެ ރޭކާ ހިމަނައިގެން ޕްރޮމޯޓްކޮށްފައިވެ އެވެ. އެ ނަމަކީ ވެސް ރޭކާގެ ފިލްމެއްގެ މަޝްހޫރު ލަވައެއްގެ ކަޑިއެކެވެ. އެއީ ކަރިޝްމާ އާއި ކަރީނާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރާ އެކު ރޭކާ ކުޅުނު 1972 ގެ ފިލްމު "ރާމްޕޫރް ކާ ލަކްޝްމަން" ގެ ލަވައެއްގެ ކަޑިއެކެވެ.

ތިނެސްކަން ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" އަކީ ނީލް ބަޓާއި އައިޝްވާރިއާ ޝަރުމާ އާއި އައިޝާ ސިންގް ލީޑް ރޯލު ކުޅެމުން އަންނަ އެއްޗެކެވެ. މި ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 5 ގަ އެވެ. ސިލްސިލާގެ 260 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވާ އިރު މީގެ ވާހަކަ މިހާރު އޮތީ ވަރަށް ޝައުގުވެރި ހިސާބެއްގަ އެވެ.

އެހެންވެ އަނެއްކާ ވެސް ރޭކާ އަންނަނީ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ޕްރޮމޯޓްކޮށް ދެމުންނެވެ. އޭނާއާ އެކު އާ ޕްރޮމޯއެއް ގެނެސްދެމުން އަންނަ އިރު، ރަންކުލަ ވަރަށް ގަދަ މި ޕްރޮމޯ އިން ރޭކާގެ ހިތްގައިމުކަމާއި އޭނާގެ އަޑުގެ ޖާދޫގައި ވެސް ބެލުންތެރިން ޖައްސުވާފައިވެ އެވެ.

މި ޕްރޮމޯއާ އެކު މިހާރު މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވެނީ މިނިޓެއްހާ ދިގުމިނުގެ ޕްރޮމޯ އިން ރޭކާ އަށް ލިބުނު ފީގެ ވާހަކަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒުވާންކަމަށް ބަދަލެއް ނާންނަ 66 އަހަރުގެ ބަތަލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ އާ ޕްރޮމޯ ކުޅެދިނީ 5-7 ކްރޯޑް ރުޕީސް (671,163-939,628 ޑޮލަރު) އަށެވެ. އެ އަގަކީ މިހާރު ބޮލީވުޑްގެ އޭ-ލިސްޓް ބަތަލާއަކަށް ފިލްމަކުން އާންމުކޮށް ލިބޭ އަގަށް ވުރެ ވެސް ބޮޑު އަގެކެވެ.

އެހެންވެ މިނިޓެއްގެ ޕްރޮމޯއަކުން ރޭކާ އަށް ގާތްގަނޑަކަށް 7 ކްރޯޑް ރުޕީސްގެ އަގެއް ލިބުމަކީ އޭނާގެ ސްޓާ ވެލިއުގެ ބާރު އަދިވެސް ކިހާ ގަދަކަން ހާމަކޮށްދޭ ކަމެކެވެ. އެހެންވެ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރޭކާ އަށް ބޮޑު އަގެއް ހުށަހެޅުމަކީ އެއް އިރެއްގައި ވެސް ޕްރޮޑިއުސަރުންނަށް ފަސްޖެހޭ ކަމެއް ނޫނެވެ.

މިހާރު އިންޑިއާގެ ޗެނެލްތަކުން ގެނެސްދޭ ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ސިލްސިލާގެ ގޮތުގައި އޮތް "ގުމް ހެ ކިސީކޭ ޕިޔާރު މޭ" އަކީ ސްޓާ ޕްލަސް އިން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 7:30 ގައި ގެނެސްދޭ އެއްޗެކެވެ.