Roadha Mihaaru
ރިލްވާންގެ މައްސަލާގައި ޔާމީން ވާހަކައެއް ނުދެއްކެވި

ރިލްވާންގެ މައްސަލައިގައި ޔާމީން ވާހަކައެއް ނުދެއްކެވި، ކޮމިޝަނުން ކަންބޮޑުވޭ

03 އޯގަސްޓް 2021

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެ މަނިކުފާނު އިހުތިޔާރު ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި ދައުލަތުގެ އެހާ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު އެގޮތަށް ނިންމެވުމުން ކަންބޮޑުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެ މަނިކުފާނު އިހުތިޔާރު ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި ދައުލަތުގެ އެހާ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު އެގޮތަށް ނިންމެވުމުން ކަންބޮޑުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް މިއަދު މެންދުރު 2:00 ގައި ޔާމީން ހާޒިރު ކޮށްފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން "މިހާރު" ސުވާލު ކުރުމުން އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ކޮމިޝަނަށް "އެއްބާރުލުން ނުދެއްވައި ހަނު ހުންނަވާފައި ވާތީ ކޮމިޝަނުން ހިތާމަކުރަން" ކަމަށެވެ.

އޭނާ ވިދާޅުވީ، ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ޖުމުލަކޮށް ރައްޔިތުންނަށް ވެސް މި މައްސަލައިގައި ޔާމީން ފުރިހަމަ އަށް ޖަވާބުދާރީވުމަކީ ދައުލަތުގެ އެންމެ އިސް މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ އެ ފުރުސަތު އެރުވީ ކަމަށެވެ.

ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމަށް ފަހު ނުކުމެވަޑައިގަތުމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމަށް ފަހު ނުކުމެވަޑައިގަތުމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުކޮށް، އެންމެ ފުރަތަމަ ކުރި ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވަކީލުންގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. ކޮމިޝަނުން ކަނޑައަޅާ ދެ ވަކީލަކާއެކު ނޫނީ ތަހުގީގަށް ނުވަދެވޭނެ ކަމަށް އެންގުމަށް ފަހު، އެ އަދަދު އެކަކަށް މަދުކުރި ކަމަށް ޖަމީލް ވިދާޅުވެ އެވެ.

ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި މައްސަލައިގައި އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދިޔައީ ޒާތީ ތައައްސުބުގެ ތެރެއިން ކަމަށެވެ.

ވަކީލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޔާމީން ހާޒިރުވާން އެންގީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް އެ މަނިކުފާނު ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ހުއްޓާ އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސްއެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެފަދަ އެއްވެސް ހުރަހެއް އެ މަނިކުފާނު ނާޅުއްވާ ކަމަށެވެ. އަދި އެ ވާހަކައިގެ ތެރެއިން ޔާމީން ވަނީ ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަ ސާފުކޮށްދެއްވައި ޔާމީންގެ ތަރުޖަމާނު ވަނީ ޔާމީން އެހެން ވިދާޅުވީ، ރިލްވާން މަރާލާފައިވާކަން އެނގިވަޑައިގެން ނޫން ކަމަށެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވެ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަަސީރަށް މެސެޖެއް ކުރެއްވި ކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަލް ޖަޒީރާއިން ތައްޔާރު ކުރި ސްޓީލިން ޕްރަޑައިސް ޑޮކިއުމެންޓަރީގައި ބުނެފައިވެ އެވެ. ނަމަވެސް، އުމަރު ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ރިލްވާންގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ރިލްވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ.