Roadha Mihaaru
ޚިދުމަތް ދިނުމުގައި، ވެކްސިން ޖެހި މީހުންނަށް ލުއިދެނީ

ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ދިނުމުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިދެނީ

02 އޯގަސްޓް 2021

ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް، ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް، ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ކުރަން ފަށައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ، ވެކްސިންގެ ސަބަބުން ލިބޭ ރައްކާތެރިކަމާ އެކު އާންމު ހާލަތަށް ދިއުމަށް މަސައްކަތް ކުރަމުން އަންނައިރު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިތައް ލިބޭނެ ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހައި ތިބި މީހުން އެ ލުއިތަކުން އިސްތިސްނާވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ލުއި ދޭން ފަށާނީ ކޮން އިރަކު ކަމެއް، ކޮން ހިދުމަތްތަކެއް ހޯދުމުން ކަމެއް އަދި ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް މި މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ދިނުމަށް ސަރުކާރުން އަމާޒު ހިފާފައިވާ އިރު މި ވަގުތު ވެކްސިން ފުރިހަމަކޮށްފައި ވަނީ 268،244 މީހެކެވެ. މިއީ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ފަށާފައިވާއިރު، އަންނަ މަހުގެ 1 އިން ފެށިގެން ސްކޫލުތަކަށް ވަދެވޭނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އޭގެ ތެރޭގައި ސްކޫލުތަކުގައި ކިޔަވާ ކުދިން ނުހިމެނޭނެ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މި ވަގުތު ލިބެމުންދާ އެންމެ ބޮޑު ލުޔަކީ ކަރަންޓީނުވުމެއް ނެތި، މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ލިބުމެވެ. ވެކްސިން ނުޖަހާ މީހުން ރަށްރަށަށް ދާއިރު އަދިވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ އެވެ.