Roadha Mihaaru
ބޫސްޓަ ޑޯޒު ފެށުމާ އެކު ސެންޓަރުތަކުގައި ތޮއްޖެހުން!

ބޫސްޓަ ޑޯޒު ފެށުމާ އެކު ސެންޓަރުތަކުގައި ތޮއްޖެހުން!

15 ޖެނުއަރީ 2022

ކޮވިޑުގެ ބޫސްޓަ ޑޯޒު އާއްމުކޮށް ހުޅުވާލައިގެން މިއަދު ޖަހަން ފެށިއިރު، ވެކްސިން ސެންޓަރުތަކުގައި ތޮއްޖެހެން ބޮޑުވެ އާއްމުންގެ ޝަކުވާ ގިނަވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުގެ ބޫސްޓަ ޑޯޒު އާއްމުކޮށް ހުޅުވާލައިގެން މިއަދު ޖަހަން ފެށިއިރު، ވެކްސިން ސެންޓަރުތަކުގައި ތޮއްޖެހެން ބޮޑުވެ އާއްމުންގެ ޝަކުވާ ގިނަވެއްޖެ އެވެ.

ބޫސްޓަ ޑޯޒު އާއްމުންނަށް މިއަދު ޖަހަން ފެށީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އެ މީހަކު ދާން ޖެހޭ ސެންޓަރަކާއި ގަޑި ވެސް އެޗްޕީއޭ އިން އަންގަ އެވެ. އެކަމަކުު ހުރިހާ ސެންޓަރުންތަކުގައި ވެސް މިއަދު އޮތީ ވެކްސިން ކިއޫ ދަމާލައިފަ އެވެ.

މާލޭގެ ޕޮޒިޓްވާ އަދަދު ހަލުވި ކަމާ އެކު މައްޗަށް ދަނިކޮށް ބޫސްޓަ ޑޯޒު ޖަހަން ބޮޑު ކިއޫއަކަށް އަރަން ޖެހުމުން އާއްމުން ދަނީ ސޯޝަލްމީޑިއާގައި ފާޑުކިއަމުންނެވެ. ވެކްސިންގެ ބޫސްޓަ ޑޯޒާ ހިސާބަށް ދިޔައިރު ވެސް އެންމެން ތޮއްޖެހިގެން ނޫން ގޮތަކަށް ވެކްސިން ޖެހުން އިންތިޒާމު ނުކުރުން މައްސަލައެއްގެ ގޮތުގައި ނަގަ އެވެ.

ބޫސްޓަ ޑޯޒް ޖެހުމުގެ ފުރުސަތު މިއަދު ހުޅުވާލީ ދެ ވަނަ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ އުމުރުން 18 އަހަރުވެފައިވާ މީހުންނަށެވެ. އެޗްޕީއޭ އިން ވަނީ މި ވެކްސިން ޖެހުމަށް ވެބްސައިޓުން އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސައި ދީފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދާއި މާދަމާ އަށް ވެސް އެޕޮއިޓްމަންޓުތައް މިހާރު ފުލްވެފައިވާ ކަމަށެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެކްސިން ޖަހައިދެނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އަށެވެ.

ބޫސްޓަ ޑޯޒް ޖަހައިދޭ ސެންޓަރުތައް؛

• ދަރުމަވަންތަ ހޮސްޕިޓަލް

• ހުޅުމާލެ ހޮސްޕިޓަލް

• ސެނެހިޔާ

• ދަމަނަވެށި

• ދަރުބާރުގެ

• ވިލިމާލެ ހޮސްޕިޓަލް

ބޫސްޓާ ޑޯޒް ޖަހަން ފެށީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ވެކްސިނުންނެވެ. މި ވެކްސިން ޖެހުން ލަސްވީ، އެ ވެކްސިން ޖަހަން ބޭނުންވާ ހާއްސަ ސިރިންޖު ރާއްޖެ އަށް ނުލިބިގެންނެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ދާއިރު، އައިޑީކާޑާއި ވެކްސިން ކާޑު ވެސް ގެންދަން ޖެހޭނެ ކަމަށެވެ. ދައިމީ ބޭހެއް ކުރާ ނަމަ، ބޭސް ސިޓީ ވެސް ގެންދަން ޖެހޭނެ އެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ރަނގަޅަށް ކައިގެން ދިއުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުދިއުމަށް ވަނީ އަންގައިފަ އެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ކޮވިޑްގެ އާ ވެރިއަންޓާ އެކު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ ވެސް ރާއްޖެއިން 900 އަށް ވުރެ ގިނަ މީހުން ޕޮޒިޓީވްވެ، މި ބަލިމަޑުކަން ފެށުނު ފަހުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100،000 ހުރަސްކޮށްފަ އެވެ.