Roadha Mihaaru
ސްކޭމް ކޯލަކުން 60،000ރ. އަތުލި މީހަކު ހޯދަނީ

ސްކޭމް ކޯލަކުން 60،000ރ. އަތުލިކަމުގެ ތުހުމަތަށް މީހަކު ހޯދަނީ

01 އޯގަސްޓް 2021

މީހަކަށް ގުޅައި، މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީހަކަށް ގުޅައި، މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ހޯދަނީ އުމުރުން 36 އަހަރުގެ މީހެއް ކަމަށްވާ އިބްރާހިމް ރަޝީދެވެ. އޭނާގެ އެޑްރެހަކީ ހއ. ބާރަށް، ކޭސީވިލާ އެވެ.

ފުލުހުން ބުނީ އިބްރާހިމަކީ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާރިޒުވާން އޭނާ އަށް ވަނީ އަންގައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ އަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު 7233204 ފޯނު ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68ރ. ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެކި ސްކޭމްތަކުން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި ސްކޭމް ކޯލްތައް ހިންގަން 800 އަށް ވުރެ ގިނަ ފޭކް ނަންބަރުތައް ބޭނުންކުރާ ކަމަށް ވެސް ބުންޏެވެ. މި ނުބައި އަމަލު ހިންގަނީ ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނާއި މުޖުތަމައުގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ 226 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައި ވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް 259 މައްސަލައެއް ހުށަހަޅާފައިވެ އެވެ.