Roadha Mihaaru
އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި

ވިޔަފާރިކޮށްފައި އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި

09 މާޗް 2022

ވިޔަފާރިކުރުމަށް ފަހު ފައިސާ ދެއްކި ކަމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފޭކް ސްލިޕް ފޮނުވާ މައްސަލަ އިތުރުވަމުން ދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިޔަފާރިކުރުމަށް ފަހު ފައިސާ ދެއްކި ކަމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފޭކް ސްލިޕް ފޮނުވާ މައްސަލަ އިތުރުވަމުން ދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތައް ހުށަހަޅާ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާ ކަމަށެވެ. އޮންލައިން ވިޔަފާރީކުރާ އައިބޭ އާއި އެހެނިހެން ބައެއް ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުގައި މަކަރާއި ހީލަތުން އެކި ބާވަތުގެ މުދަލާއި މޯބައިލް ފޯން ފަދަ އަގުބޮޑު އިލެކްޓްރޯނިކް ޑިވައިސްތައް ހޯދާ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށް ބުންޏެވެ.

މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށް ފަހު އެމްއައިބީ މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވަނީ، އެއް ބޭންކެއްގެ އެކައުންޓުން އަނެއް ބޭންކަށް ޓްރާންސްފާކުރާ ފައިސާ ލިބުމަށް ގިނައިރު ނަގާތީ އެކަމުގެ ނާޖައިޒު ފައިދާ ނެގުމަށެވެ.

ފުލުހުން ބުނީ އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން ގިނަ ފަހަރަށް އެނގެނީ މުދާ ޑެލިވަރީ ކުރާތާ 24 ގަޑިއިރު ފަހުން ކަމަށެވެ.

"އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާ ދެއްކި ކަމުގެ ބޭންކް ސްލިޕް މުދާ ގަންނަ ފަރާތުން ފޮނުވި ކަމުގައިވިޔަސް، ފައިސާ ލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" އެ އިއުލާނުގައި ބުންޏެވެ.

މަކަރާއި ހީލާތުން ފައިސާ ފޭރުމާއި ވިޔަފާރިކުރުމަށް ފަހު ފޭކް ސްލިޕް ފޮނުވާ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ކަހަލަ ސްކޭމްތައް ހިންގުމަށް، މައުލޫމާތު އޮޅުވާލައިގެން ނަގާފައިވާ 1،300 އަށް ވުރެ ގިނަ މޯބައިލް ފޯނު ނަމްބަރު ބްލޮކް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުންޏެވެ. މިފަދަ އަމަލުތައް އެންމެ ގިނައިން ހިންގަނީ ޖަލުގައި ތިބޭ ކުށްވެރިން މެދުވެރިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.