Roadha Mihaaru
ކެންސަރަށް ބޭސްކުރާ ކުއްޖެއްގެ އައިވީއަށް މަންމަ ނަޖިސް އަޅައިފި

ކެންސަރަށް ބޭސްކުރާ ކުއްޖެއްގެ އައިވީއަށް މަންމަ ނަޖިސް އަޅައިފި

27 ނޮވެމްބަރ 2016

އެމެރިކާގެ އިންޑިއާނާޕޮލިސްގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖެއްގެ އައިވީ ކޮތަޅަށް އެ ކުއްޖާގެ މަންމަ ބޮޑުކަމުދާ ނަޖިސް އިންޖެކްޓްކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެމެރިކާގެ އިންޑިއާނާޕޮލިސްގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖެއްގެ އައިވީ ކޮތަޅަށް އެ ކުއްޖާގެ މަންމަ ބޮޑުކަމުދާ ނަޖިސް އިންޖެކްޓްކޮށްފި އެވެ.

ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ޓިފަނީ އެލްބާޓްސް، 41، ވަނީ ނޮވެމްބަރު 13 އާއި 17 އާ ދެމެދު އެތައް ފަހަރަކު ސިރިންޖަކުން ދަރިފުޅުގެ އައިވީ ތެރެއަށް ބޮޑުކަމުދާ ނަޖިސް ފޮނުވާފަ އެވެ. މިކަން ކޮށްފައި ވަނީ އެކަމުގެ ސަބަބުން ބަލި ކުއްޖާގެ ސިއްހަތަށް ނުރައްކާވާނެކަން އެނގިހުރެ އެވެ.

ކުއްޖާގެ މަންމަ ބުނެފައި ވަނީ އޭނާ އެގޮތަށް ކަންތައް ކުރީ އައިސީޔޫ އިން ހޮސްޕިޓަލުގެ "ރަނގަޅު ފަރުވާތައް ލިބޭ" އެހެން ޔުނިޓަކަށް ބަދަލު ކުރުވަން ކަމަށެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެލްބާޓްސްގެ ފިރިހެން ދަރިފުޅަށް މިއަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ލޭގެ ކެންސަރަށް ދިޔައީ ފަރުވާ ދެމުންނެވެ. އެފަހަރު ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލުމަށްފަހު ސެޕްޓެމްބަރު މަހު ކުރީކޮޅު އަނެއްކާވެސް އެޑްމިޓްކުރީ ހުން އައިސް ހޮޑުލައި ބޭރަށް ހިންގާތީ ކަމަށް ކޯޓުގެ ލިޔުންތަކުގައިވެ އެވެ.

ކުއްޖާގެ ލޭގެ ޓެސްޓުން އާންމުކޮށް ނުފެންނަ ޒާތުގެ އޯގަނިޒަމްތަކެއް ފާހަގަކުރެވުނެވެ. މި އޯގަނިޒަމްތަކަކީ އާއްމުކޮށް ބޮޑުކަމުދާ ނަޖިހުގައި ހުންނަ އެއްޗެކެވެ. ކުއްޖާގެ ލޭ އިންފެކްޓްވެ ފުރާނައަށް ނުރައްކާވީއިރު ވެސް އެއީ ކީއްވެގެން ދިމާވާ ކަމެއްކަން އެތައް ޓެސްޓެއް ހަދައިގެން ވެސް އޮތީ ނުހޯދިފަ އެވެ.

ކޮންމެވެސް މީހަކު ކުއްޖާގެ އައިވީ ލައިނަށް އެއްޗެއް އަޅަނީކަމަށް ޝައްކުވެ ހޮސްޕިޓަލުގެ މުވައްޒަފަކުން އެ ކުއްޖާ އޮތް ކޮޓަރީގައި ކެމެރާ ހަރުކޮށްގެން މޮނިޓާ ކުރަން ފެށީ އެހިސާބުންނެވެ. އަދި ކުއްޖާގެ މަންމަ އައިވީ ލައިނަށް ބޮޑުކަމުދާ ނަޖިސް އިންޖެކްޓްކުރނިކޮށް ކެމެރާތަކުން ފެނުނެވެ.

މި އަމަލަކީ އަލްބާޓްސް ކުރާކަމެއްކަން ޔަގީން ވުމުން ސުވާލު ކުރަން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ ޗައިލްޑް އެބިއުސް އޮފީހަށެވެ. އެންމެ ކުރިން އަންހެންމީހާ ބުނީ އޭނާ އައިވީ އަށް ދުއްވީ ފެން ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ ދަރިފުޅު ބޮޑުކަމުދާ ނަޖިސް އެއްޗަކަށް އަޅާފައި ފާޚާނާ ތެރޭ ރައްކާކޮށްފައި ބަހައްޓައިގެން އައިވީ އަށް ދޫކުރާ ކަމަށް އެއްބަސްވި އެވެ.

އަލްބާޓްސްގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ ބެލުމުގައި ދަށުގައިވާ ކުއްޖަކަށް ގަސްތުގައި ގެއްލުމެއް ދިނުމަށް މަސައްކަތްކުރުމުގެ ދައުވާ އެވެ.

ފިރިހެންކުއްޖާއަށް ފަރުވާ ދޭ ޑޮކްޓަރު ވިދާޅުވެފައިވާ ގޮތުގައި ވަނީ އޭނާގެ އެންމެ ކަންބޮޑުވަނީ ލޭގެ ކެންސަރަށް ދެމުންދިޔަ ފަރުވާ އެންމެ ރަނގަޅަށް ނުދެވޭގޮތް ވުމުންނެވެ. އަދި ނަޖިސް އިންޖެކްޓްކުރި ކޮންމެ ފަހަރަކީ ވެސް ސެޕްޓިކް ޝޮކެއް ޖެހި ކުއްޖާގެ ފުރާނައަށް ގެއްލުންވުން އެކަށީގެންވާ ފަހަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ލޭގެ ކެންސަރަށް ފަރުވާ ނުދެވި އެހެން ކަމަކަށް ފަރުވާ ކުރަން ޖެހުމުގެ ސަބަބުން ކެންސަރު މުޅިން ފަސޭހަ ނުކުރެވިދާނެތީ ކަންބޮޑުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.