Roadha Mihaaru
އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު

އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެ އަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު ހަދިޔާކޮށްފި

28 ޖުލައި 2021

އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެ އަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އިއްޔެ ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެ އަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އިއްޔެ ހަދިޔާކޮށްފި އެވެ.

ސްރީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ދިވެހި ސަރުކާރާ ހަވާލު ކޮށްފައިވާއިރު، މިއީ ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެގައުމުން ހަދިޔާކުރި ސާމާނެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެ އިން ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް މިހާތަނަށް ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ ޕީޕީއީ ސާމާނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކުރުމާއި އަންހެނުންނާއި އަންހެން ކުދިންނާ ގުޅޭ ކަންކަމަށް ފޯރުކޮށްދީފައިވާ އެހީ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ހައި ކޮމިޝަނުގެ އެ ޓްވީޓު ރީޓްވީޓް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑްގެ މި ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބެމުންދާތީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ މި ފަހަރު އެ ގައުމުން ހަދިޔާކުރި 3.5 ޓަނުގެ ޕީޕީއީ ސާމާނުގެ ސަބަބުން ބަލި ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު އެކި ގައުމުތަކުނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީވެފަ އެވެ. ބަލިން ދިފާއިވުމަށް ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފެށުނީ ވެސް އިންޑިއާ އިން ފޯރުކޮށްދިން އެހީގަ އެވެ.